Roadha Mihaaru
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް

މުސާރައިގެ ސުވާލުކުރުމުން އެފްއޭއެމުން ބުނީ ނެގެޓިވް ވާހަކައެއް ކަމަށް

29 ޖޫން 2023

ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭ ވާހަކަ މިޑިއާއިން ސުވާލުކުރުމުން، އެއީ ނެގެޓިވް ވާހަކައެއްގެ ގޮތުގައި އެފްއޭއެމުން ސިފަ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭ ވާހަކަ މިޑިއާއިން ސުވާލުކުރުމުން، އެއީ ނެގެޓިވް ވާހަކައެއްގެ ގޮތުގައި އެފްއޭއެމުން ސިފަ ކޮށްފި އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ލެބުނާނާ ދެކޮޅަށް ރާއްޖެއިން ކުޅެން އޮތް މެޗުގެ ކުރިން، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭތާ އަށް މަސްވެފައިވާ ކަމަށް އަޑުފެތުރޭ ކަމަށާއި އެއީ ތެދެއްތޯ ސުވާލުކުރުމުން، އެފްއޭއެމްގެ ޑެޕިއުޓީ ޖެނަރަލް ސެކެރެޓަރީ އަދި ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު އެދިވަޑައިގަތީ މެޗު ކުރިމަތީގައި ވަނިކޮށް ނެގެޓިވް ވާހަކަ ނުފެތުރުމަށެވެ.

"އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ މާދަމާގެ [އިއްޔެ ލުބުނާނާ ދެކޮޅަށް ކުޅުނު] މެޗަށްޓަކައި، ޓީމާ ބެހޭގޮތުން މީޑިއާގައި ދެކެވޭ ނޭދެވޭ ވާހަކަތަކުން މި ވަގުތަށް އަޅުގަނޑުމެން އެންމެން ދުރުހެލިވެވޭތޯ ބަލަމާ ހިނގާށޭ،" ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭކަން ފާހަގަކޮށް އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އަންގާރަ ދުވަހު ޝިބާ ޖަވާބު ދެއްވި އެވެ.

އޭގެ ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ނޫސްވެރިންގެ ކަންބޮޑުވުން ހުންނާނެކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޖުލައި 15 ގައި ނޫސް ކޮންފެރެންސެއް ބާއްވައި ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެގެ މެޗުގެ ފަހުން ވެސް، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދީ އޮތް މައްސަލައާ ބެހޭގޮތުން މީޑިއާ ގުރޫޕްގައި ސުވާލު ކުރި އެވެ. އެކަމަކު އަދި މިހާތަނަށް އެ ސުވާލަށް ޖަވާބެ ލިބިފައެއް ނުވެ އެވެ.

ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭތާ ނުވަ ވަރަކަށް މަސްވެފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. ޓީމުގެ ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް ވެސް ޓީމާ އެކު މުބާރާތަށް ނުދިޔައީ އޭނާ އަށް ދޭން ޖެހޭ އަށެއްކަ މަސް ދުވަހުގެ މުސާރަ ނުދީ އޮތުމުންކަން ވެސް "މިހާރު" އަށް އެނގިފައި ވެއެވެ.

އެކަމަކު އެކަމާ ބެހޭގޮތުން މީޑިއާއާ ވާހަކަ ދައްކާކަށް އަސްލަމް ބޭނުމެއް ނޫނެވެ.

ޓީމުގެ ހެޑް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ވެސް ބަރާބަރަށް މުސާރަ ނުދޭކަން ވަނީ އެނގިފަ އެވެ. އޭނާގެ ކޮންޓްރެކްޓް މިދިޔަ އަހަރު އާ ކުރި އިރު ވެސް އޭނާ އަށް މުސާރަ ނުދީ ގިނަ މަސްތަކެއް ފާއިތުވި އެވެ.

އޮކްޓޯބަރު 2021 ގައި ޅ. ކުރެއްދޫ ރިސޯޓްގައި ކުޅުނު މެޗުން ގައުމީ ޓީމަށް ލިބުނު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހުރިހާ ކުޅުންތެރިންނަށް އެފްއޭއެމުން އަދި ވެސް ދީފައެއް ނުވެ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމާ އެކު ދިޔަ ބައެއް ކުޅުންތެރިންނަށް ވެސް އެ ފައިސާ ދީފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ކުރިމަތިވި ނާކާމިޔާބާ އެކު ގިނަ ބަޔަކު ދަނީ އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުން ރާއްޖެ މި ކެޓީ މުޅިން އަލަށެވެ.