Roadha Mihaaru
އެފްއޭއެމް ރިފޯމް ކުރަން ގޮވާލާ ކެމްޕޭނެއް ފަށަނީ

އެފްއޭއެމް ރިފޯމް ކުރަން ގޮވާލާ ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ

29 ޖޫން 2023

އެފްއޭއެމް ރިފޯމް ކުރަން ގޮވާލައި ކެމްޕޭނެއް ފެށުމަށް ފުޓްބޯޅައިގެ އިސް މަސައްކަތެއް ކުރިން ކުރެއްވި ބޭފުޅުން ކޮޅެއް ތައްޔާރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމް ރިފޯމް ކުރަން ގޮވާލައި ކެމްޕޭނެއް ފެށުމަށް ފުޓްބޯޅައިގެ އިސް މަސައްކަތެއް ކުރިން ކުރެއްވި ބޭފުޅުން ކޮޅެއް ތައްޔާރުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓުމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް އަމާޒުވެފައިވާ ފާޑު ކިޔުންތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ދަނީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ފުޓްބޯޅައިގެ އިސް މަގާމެއް ކުރިން ފުރުއްވި ބޭފުޅަކު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ކްލަބް ޖަމިއްޔާތަކެއް އިސްނަގައިގެން ފަށާ ކެމްޕޭންގައި، ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަން ކްލަބްތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މި ކެމްޕޭންގެ ސްލޯގަންއެއް ގޮތަށް ބޭނުން ކުރަނީ "ސޭވް އެފްއޭއެމް" އެވެ.

"ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުގެ މެނޭޖްމެންޓާ އަޅުގަނޑުމެން ވާހަކަ ދެއްކީމަ އެބަ ބުނޭ ކޮންމެ ވެސް ބަޔަކު އިސް ނަގާށޭ. މަސައްކަތްތަކެއް އިސްވެ ބަޔަކު ފެށީމަ ތިމަންނަމެން ވެސް އެއްބާރުލުން ދޭނަމޭ،" އޭނާ ވިދާޅުވި އެވެ.

"އެ ކްލަބްތައް މި ވަގުތު އިސް ނަގަން ބޭނުން ނުވަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ކްލަބްތަކަށް އިންކަމެއް ލިބެންޏާ ލިބެން އޮތީ ހަމައެކަނި އެފްއޭއިން ކަމަށްވާތީ. އެކަމަކު އެ ކްލަބްތަކުން ވެސް ބޭނުންވޭ އެފްއޭއެމް އިސްލާހު ކުރަން. ލީޑް ނަގަން ހިތްވަރު ނުލިބެނީ."

އޭނާ ވިދާޅުވީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް އެ ކެމްޕޭނަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެފްއޭއެމް އާ މެދު ހިތްހަމަނުޖެހޭކަން ކުރިން ވެސް ކުޅުންތެރިންނާ ވާހަކަ ދެއްކުމުން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމީ ޓީމުން ފުރުސަތު ނުދީފާނެތީ ފާޅުގަ އުޅޭކަށް އެ ކުދިން ބޭނުމެއް ނުވޭ. އެކަމަކު އެ ޕްލޭއާސް ވެސް ގަބޫލު ކުރޭ. ކޮންމެ ވެސް ބަޔަކު އިސްވެ މަސައްކަތްތަކެއް ކުރަން ޖެހޭކަން މިކަން ބަދަލު ކުރަން،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މީގެ ހަރަކާތްތަކެއް ސޯޝަލް މީޑިއާއިން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް މަޝްވަރާތަކެއް އެބަ ހިނގާ،" އޭނާ ވިދާޅުވި އެވެ.