Roadha Mihaaru
މި ބުރު މާލޭ މީހުންނަށް 6،200 ގޯތި ދޭނެ: ރައީސް

މި ބުރު މާލޭ މީހުންނަށް 6،200 ގޯތި ދޭނެ، އަންނަ މަހު ގޯތި ހަވާލުކުރާނެ: ރައީސް

02 ޖުލައި 2023

މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މި ބުރުގައި މުޅި ޖުމްލަ 6،200 ގޯތި ދޭން ނިންމައި، އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މި ބުރުގައި މުޅި ޖުމްލަ 6،200 ގޯތި ދޭން ނިންމައި، އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކ. ގުޅިފަޅުން އިތުރު ބިން ހިއްކަން ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދިނުމަށް ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި ދޭނެ އެވެ. ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޭނެ އެވެ. އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއް ބައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އޮތީ ހަމަޖެހިފައި: ރައީސް

"މިއީ ކުރިން ދުވަހު މިނިސްޓަރު އަސްލަމް ވިދާޅުވި އަދަދަށް ވުރެ ވެސް ކުޑަތަންކޮޅެއް އިތުރު އަދަދެއް،" ރައީސް ވިދާޅުވި އެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއް ބައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އޮތީ ހަމަޖެހިފައި. މި ސްކީމަށް ބޭނުންވާ އިތުރު ބިން ހަލުވި ދުވެއްޔެއްގައި އެ އަންނަނީ ގިރާވަރު ފަޅުގައި އިތުރުވަމުން. މިއަދު އަޅުގަނޑުމެން މި ފަށަނީ ގުޅިފަޅުގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއު،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. މި ބުރު ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ގޯތި ލިބޭ 10،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް އެ މަޝްރޫއު ފައްޓަވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގުޅިފަޅުގައި މިހާރު ހިއްކާފައި އޮތް 68 ހެކްޓަރުގެ އިތުރުން 150 ހެކްޓަރު ހިއްކަން ވަނީ ނިންމައިފަ އެވެ. އެއާއެކު ގުޅިފަޅުގައި 218 ހެކްޓަރު ބިން އޮންނާނެ އެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. ބިޑަކާ ނުލައި ބޮސްކާލިސްއާ އެ ޕްރޮޖެކްޓް ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުއަށް ފައިނޭސް ކުރަނީ ޔޫރަޕްގެ ދެ ބޭންކް ކަމަށްވާ އެބީއެން އަމްރޯ ބޭންކާއި އޭކޭއޭ ބޭންކުންނެވެ.

ގުޅިފަޅުން ހިއްކާ ބިމުގެ ބައެއް، މާލޭގެ ޕޯޓު އެ ރަށަށް ބަދަލުކުރުމަށް ވެސް ބޭނުންކުރާ ގޮތަށް މާސްޓަޕްލޭން އޮތީ އެކުލަވާލައިފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، ގުޅިފަޅު ވާނީ މާލެ ސަރަހައްދުގެ އިގްތިސާދީ ހަބަކަށެވެ.