Roadha Mihaaru
އިންޑިއާ ކުންފުނީގެ 120 އެޕާޓްމެންޓު ނިންމާލައިފި

އިންޑިއާ ކުންފުނިން ހެދި 120 އެޕާޓްމެންޓު ނިންމާލައިފި

07 ޖުލައި 2023

އިންޑިއާގެ ޓާޓާގެ ސަބްސިޑަރީ ކުންފުނި، ސެންޑަލް މޮރިޝަސް އިން "ވަން ސެންޓްރަލް ޕާކް"ގެ ނަމުގައި ހެދި އެޕާޓްމެންޓް ލިބުނު މީހުންނާ އެ ތަން ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގެ ޓާޓާގެ ސަބްސިޑަރީ ކުންފުނި، ސެންޑަލް މޮރިޝަސް އިން "ވަން ސެންޓްރަލް ޕާކް"ގެ ނަމުގައި ހެދި އެޕާޓްމެންޓް ލިބުނު މީހުންނާ އެ ތަން ހަވާލުކޮށްފި އެވެ.

ވަން ސެންޓްރަލް ޕާކުގައި 120 އެޕާޓްމެންޓް ހަދާފައިވެ އެވެ. އެތަނުގެ އެޕާޓްމެންޓްތައް ވިއްކީ 2.2 މިލިއަން ރުފިޔާ އަށެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ، މެދުފަންތީގެ ފަރާތްތަކަށް މިފަދަ ޕްރޮޖެކްޓްތަކުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކަރުން މަސައްކަތް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ އެޕާޓްމެންޓުތަކުގެ 80 ޕަސެންޓު ލޯނު ނެގި މީހުން މަހަކު ދައްކަން ޖެހެނީ ގާތްގަނޑަކަށް 20،000ރ. ކަމަށެވެ.

ވަން ސެންޓްރަލް ޕާކު ޕްރޮޖެކްޓްގެ ދަށުން ފްލެޓް ގަތް މީހުންނަށް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސެންޑަލް މޮރިޝަސް

ވަން ސެންޓްރަލް ޕާކު ޕްރޮޖެކްޓްގެ ދަށުން ފްލެޓް ގަތް މީހުންނަށް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސެންޑަލް މޮރިޝަސް

"ތިން ކޮޓަރީގެ އެޕާޓްމެންޓެއް މިހާރު ވެސް ރެންޓަލް މާކެޓުގައި ވެސް މި އަގުގައި ކުއްޔަށް ހިފަން ލިބޭނެ. އެހެން ނަމަވެސް އެއީ އަމިއްލަ ވާ ތަނެއް ނޫން. މިއަދު ތިޔަ ވަންނަވާ އެޕާޓްމެންޓަށް ތި ބޭފުޅުން ތި ވަންނަވަނީ އަމިއްލަ ތަނެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

ވަން ސެންޓްރަލް ޕާކުން އެޕާޓްމެންޓް ގަތް މީހުންނަށް މިހާރު ވަނީ އެތަނަށް އަގު ދައްކައިފަ އެވެ.

އަސްލަމް ވިދާޅުވީ، މިފަދަ ޕްރޮޖެކްޓްތަކަށް ބޮޑު ޑިމާންޑެއް އެބަ އޮތް ކަމަށާއި އެ ފެންވަރުގެ އެޕާޓްމެންޓްތައް ގަނެވޭނެ ގިނަ ބަޔަކު ވެސް އެބަ ތިބި ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ހައުސިން މަޝްރޫއުތައް ހިންގާނީ ހުރިހާ އެންމެންނަށް ވެސް ފައިދާ ވާނެ ގޮތްތައް ބަލައިގެން ކަމަށެވެ.

މި އެފާޓްމެންޓްތައް ނިންމާފައިވަނީ ދެ އަހަރުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އާރްސީސީ އެވެ.

މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހިންގާ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްގެ ތެރެއިން ހިންގި އެއް ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓްގެ ދަށުން އާރްސީސީ އާއި އެޕޯލޯ އާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ވެސް އަންނަނީ ފްލެޓް އެޅުމުގެ ޕްރޮޖެކްޓްތައް ހިންގަމުންނެވެ.

އެ މަޝްރޫއުގެ އިތުރުން ސެންޑަލް މޮރިޝަސް އިން އަންނަނީ ހުޅުމާލޭގައި "ސޮލިޓެއާ" ގެ ނަމުގައި މަތީ ފަންތީގެ ހައުސިން ޕްރޮޖެކްޓެއް ވެސް ހިންގަމުންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން 64 އެޕާޓްމެންޓް އަޅާނެ އެވެ.