Roadha Mihaaru
ގެދޮރުގެމައްސަލަ ހައްލުނުވަނީ އަތޮޅުތެރެ ތަރައްގީ ނުވާތީ

މާލޭގެ ގެދޮރުގެ މައްސަލަ ހައްލު ނުވަނީ އަތޮޅުތެރެ ތަރައްގީކުރުމުގައި އިހުމާލުވެފައި އޮތުމުން: އަސްލަމް

19 ސެޕްޓެމްބަރ 2022

މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ހުޅުމާލޭ ތަރައްގީ ކުރިޔަސް، އަދިވެސް އެ މައްސަލަ ހައްލުނުވަނީ އެހެން ރަށްރަށް ތަރައްގީކުރުމުގައި ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ހުޅުމާލޭ ތަރައްގީ ކުރިޔަސް، އަދިވެސް އެ މައްސަލަ ހައްލުނުވަނީ އެހެން ރަށްރަށް ތަރައްގީކުރުމުގައި ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގއ. ދާންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށާއި އެމްޓީސީސީގެ "ބޮޑު ޖައްރާފު" އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރާއްޖެ އަށް ހަގީގީ ތަރައްގީއެއް ގެނެވޭނީ ހިދުމަތްތައް ހޯދަން ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮވެގެން ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެ ވިސްނުމުގެ ތެރެއިން ކަމަށެވެ.

މާޒީގެ ބައެއް ހަނދާންތައް އާކުރައްވައި އޭނާ ވިދާޅުވީ 1997 ވަނަ އަހަރު ހުޅުމާލޭގެ ބިން ހިއްކުމަށް އޭރުގެ ސަރުކާރުން ޕްލޭންކުރަމުން އައިއިރު، އެ ބިން ނުހިއްކައި ރާއްޖޭގެ ބިން ބޮޑު އެހެން ރަށްތަކަށް އެ ހަރަދުކޮށް، އެ ތަންތަން އާބާދުކުރުމަށް އެކަމުގެ ތެރޭގައި އުޅުއްވި ބައެއް ފަންނީ ބޭފުޅުން ލަފާދެއްވި އެވެ. އެކަމަކު ބައެއް ބޭފުޅުންނަށް ފެނިވަޑައިގަތީ މާލޭގެ އިގުތިސާދު ދެމެހެއްޓޭނީ ހުޅުމާލޭގެ ބިން ހިއްކައިގެން އަސްލަމް ވިދާޅުވި އެވެ.

"މާލޭގެ މީހުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ހުޅުމާލެ ހިއްކާނީއޭ [އެ ބޭފުޅުން ވިދާޅުވި]. ބައްލަވާ މިއަދު 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކިތައް އަހަރު ވެއްޖެ ތޯ؟ މާލޭގެ ގެދޮރުގެ މައްސަލަ އަށް ހައްލެއް އައިސްފިތޯ؟ ނައި،" މިނިސްޓަރު ސުވާލު ކުރެއްވި އެވެ.

"އަތޮޅުތަކުގެ ތަރައްގީ އަށް ދެވުނު އިސްކަން ކުޑަވީ. އަޅުގަނޑުމެންނަށް އަތޮޅުތަކާ ދޭތެރޭގައި ވީ އިހުމާލު ބޮޑުވީ."

މިނިސްޓަރު ވިދާޅުވިގޮތުގައި އަދިވެސް ކިޔެވުމާއި ބޭސްފަރުވާ އާއި ވިޔަފާރީގެ ފުރުސަތުތައް ފުޅާވެފައި އޮތީ މާލޭގައި އެކަންޏެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ އިޖުތިމާއީ މައްސަލަތައް ވެސް އުފެދިފައިވާ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެ ކަންކަމަށް ހައްލު ގެނެވޭނީ މާލެ ހިމެނޭހެން، މުޅި ރާއްޖެ އަށް ތަރައްގީ "ފަތުރާލެވިގެން" ކަމަށެވެ. އެކަން ކުރުމަށް މި ސަރުކާރުގެ ޕްލޭނަކީ އޭނާ ވިދާޅުވިގޮތުގައި މުޅި ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގެ ގެދޮރުގެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އަސްލަމް ފާހަގަކުރެއްވިއިރު، މި ސަރުކާރުން މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކާ ގުޅިގެން "މާލެ-ރާއްޖެތެރެ ތަފާތުކުރުން" ނަމުގައި ބޮޑު ބަހުސެއް އޮތީ ފެށިފަ އެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި އޮތީ މާލޭގެ ރަށްވެހިންނަށް ހިލޭ ގޯތިދޫކުރަން ނިންމާފައި ވާތީ އެވެ.