Roadha Mihaaru
ރައީސްގެ ރިޔާސީ ކެމްޕޭންގެ ފުރަތަމަ ދަތުރު ށ.އަތޮޅަށް

ރައީސްގެ "އުފާވެރި، އަމާން ރާއްޖެ" ކެމްޕޭންގެ ފުރަތަމަ ދަތުރު ށ. އަތޮޅަށް

09 ޖުލައި 2023

ވެރިކަމުގެ ދެ ވަނަ ދައުރަކަށް "އުފާވެރި، އަމާންރާއްޖެ" ސްލޯގަންއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭން ފައްޓަވައި މިއަދު ށ. އަތޮޅަށް ވަޑައިގެންފި އެވެ.

ނާޒިމް ހަސަން ށ. ކޮމަންޑޫން ނާޒިމް ހަސަން

ވެރިކަމުގެ ދެ ވަނަ ދައުރަކަށް "އުފާވެރި، އަމާންރާއްޖެ" ސްލޯގަންއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭން ފައްޓަވައި މިއަދު ށ. އަތޮޅަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ކެމްޕޭން ފެއްޓެވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ހަދާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގަ އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތުގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އަލަށް ކޯލިޝަނާ ގުޅިވަޑައިގަތް އެމްޑިއޭގެ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވެސް ދަތުރުގައި ބައިވެރިވެވަޑައިގަތެވެ.

ރައީސްގެ ކެމްޕޭން ށ. އަތޮޅުން ފެއްޓެވި އިރު، އެންމެ ފުރަތަމަ ވަޑައިގަތީ ކޮމަންޑުއަށެވެ. މި ރަށުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެ ވަނަ ދައުރެއްގެ އަމާޒު ސާފުކޮށްދެއްވަން ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

ރައީސް ކެމްޕޭން ދަތުރުގައި ފުރާވަޑައިގަންނަަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ކެމްޕޭން ދަތުރުގައި ފުރާވަޑައިގަންނަަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އޭގެ ފަހުން މި އަތޮޅު މަރޮއްޓާއި ނޫމަރާގެ އިތުރުން ފޯކައިދުއަށް ވަޑައިގަންނަވާނެ އެވެ. އެއް ދުވަހުގެ މި ދަތުރުފުޅުގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ދެން އޮތީ ފޯކައިދޫގަ އެވެ.

މި ރަށްތައް ހިމެނޭ ކޮމަންޑޫ ދާއިރާއަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ދާއިރާއެކެވެ. އެ އިންތިހާބުގެ ދުވަސްވަރު މި ދާއިރާއަށް ސަރުކާރުން ގިނަ ވައުދުތަކެއްވެފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުން ހުށަހެޅި ގޮތަށް ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހިމެނެ އެވެ.

ރައީސްގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި އެމަނިކުފާނުގެ ކެމްޕޭންގައި މިފަހަރު ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ނިންމާފައިވެ އެވެ. މި ދަތުރުތަކުގައި، މި ދައުރުގައި އެމަނިކުފާނުގެ ސަރުކާރުން ހިންގި މަޝްރޫއުތަކުގެ އިތުރަށް ރަށްރަށުން އިތުރަށް އެދޭ ކަންކަން އޮޅުންފިލުވާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.

އިދިކޮޅު ޕާޓީތަކުން ވެސް ރިޔާސީ ކެމްޕޭން މިހާރު ވަނީ ފަށައިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ކުރިއަށް ގެންދަނީ "ދިވެހިންގެ ރާއްޖެ" ނަމުގަ އެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާތީ އިންތިހާބުގެ ޝަރުތެއް ވަނީ އުނިވެފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަމުން ދަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްއިންގައި މިހާރު އުޅުއްވަނީ ހދ. އަތޮޅުގަ އެވެ. ޖުމްހޫރީ ޕާޓީން ވެސް ކެމްޕޭން ކުރަމުން އަންނައިރު، އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ "ދަ ޑިމޮކްރެޓްސް" އިން މިހާތަނަށް ކެންޑިޑޭޓަކު އިއުލާނެއް ނުކުރެ އެވެ.