Roadha Mihaaru
އަދިވެސް އުދަ އަރާނެ، ބޮޑަށް އަރާނީ އުތުރާއި މެދަށް

މިއަދުވެސް އުދަ އަރާނެ، ބޮޑަށް އަރާނީ އުތުރާއި މެދުތެރެއަށް

09 ޖުލައި 2023

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ރަށްރަށަށް އުދަ އަރަމުން ދާއިރު މިއަދުވެސް އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ރަށްރަށަށް އުދަ އަރަމުން ދާއިރު މިއަދުވެސް އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި އެވްރެޖުކޮށް ލޮނުގަނޑު ދެ ފޫޓަށް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިއަދު އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި، މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު ވަގުތުގަ އެވެ. ރާޅުގެ އުސްމިން އާންމުކޮށް ހުންނާނީ އެއް ފޫޓާ ހަތަރު ފޫޓާ ދެމެދުގަ އެވެ.

އިއްޔެ މާލެ އާއި ހުޅުމާލެއަށް ވެސް ވަރަށް ބޮޑަށް އުދަ އެރި އެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދުންނާއި ސިނަމާލެ ބްރިޖަށް އަރާ ދިމާލުން ވެސް ވަރަށް ބޮޑަށް އުދަ އަރައި ބޭރު މަގުގައި ފެން ހެދުނެވެ. ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާ އެކު ގަލާއި ވެލި އަރަމުން ދާތީ، އެ ސަރަހައްދުން ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުން ވެސް މިއަދު އިލްތިމާސްކުރި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދާއި މާދަމާ ދިޔަވަރު ހުންނަ ހިސާބު.-- ފޮޓޯ: މެޓް އޮފީސް

ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދާއި މާދަމާ ދިޔަވަރު ހުންނަ ހިސާބު.-- ފޮޓޯ: މެޓް އޮފީސް

ރާއްޖޭގެ ކޮންމެ ރަށެއްގެ ދިޔަވަރު ވަކިން ފެންނަ ވެބްސައިޓް "މޯލްޑިވްސް ޓައިޑްސް" އިން ފެންނަ ގޮތުގައި މާލެއަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު 4:55 ގަ އެވެ. އެއީ 1.2 ފޫޓަށެވެ.

މާލެއަށް އުދަ އަރާފައި އޮތް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އުދައިގައި ގެއްލުން ލިބިގެން، މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އަދި ރިޕޯޓްކޮށްފައި ނެތް ކަމަށެވެ. ނަމަވެސް، މާލެ އަތޮޅުގެ ދެ ރިސޯޓަކަށް ވަރަށް ބޮޑަށް އުދަ އަރައި، ތަންތަނަށް ގެއްލުން ލިބިގެން، ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.

ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެ ވެސް ޖޫން/ޖުލައި މަހަކީ ރާއްޖެއަށް އެންމެ މޫސުން ގޯސް ދުވަސްވަރެކެވެ. އަދި މި ދުވަސްވަރު ރަށްރަށް އުދަ އަރައިގެން ކޮންމެ އަހަރަކު ވެސް ރިޕޯޓްކުރެ އެވެ.