Roadha Mihaaru
ޔުކްރޭނުގެ ސްވިޓަލީނާ ދުނިޔޭގެއެއްވަނަ ބަލިކޮށް ސެމީއަށް

ޔުކްރޭނުގެ ސްވިޓަލީނާ ދުނިޔޭގެ އެއްވަނަ ބަލިކޮށް ވިމްބެލްޑަންގެ ސެމީއަށް

12 ޖުލައި 2023

މިހާރު ކުރިއަށްދާ ވިމްބެލްޑަން ގްރޭންޑް ސްލޭމް މުބާރާތުގެ ކުއާޓާ ފައިނަލްގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިނާ ޕޮލެންޑްގެ އީގާ ސްވިއާޓެކް ބަލިކޮށް، ޔުކްރޭނުގެ އެލީނާ ސްވިޓޮލީނާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ ވިމްބެލްޑަން ގްރޭންޑް ސްލޭމް މުބާރާތުގެ ކުއާޓާ ފައިނަލްގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިނާ ޕޮލެންޑްގެ އީގާ ސްވިއާޓެކް ބަލިކޮށް، ޔުކްރޭނުގެ އެލީނާ ސްވިޓޮލީނާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ވައިލްޑްކާޑް ސްލޮޓުގައި ސިންގަލްސް އިވެންޓުގައި ވާދަކުރާ ސްވިޓޮލީނާ މިއީ، ވިމްބެލްޑަންގެ ސެމީ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ވެސް ކުޅެފަ އެވެ.

ވިހެއުމުގެ ސަބަބުން މިދިޔަ އަހަރު މުބާރާތްތަކާ ދުރުގައި ހުރުމަށް ފަހު، މިއަހަރުގެ އޭޕްރީލް މަހު އަލުން ކުޅުމުގެ ތެރެއަށް އައިސް އޭނާ ވަނީ މިދިޔަ މަހު ނިމުނު ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތް ކާމިޔާބުކުރީ ސްވިއާޓެކް އެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ 76 ވަނައިގައި އޮތް ސްވިޓޮލީނާ، ސްވިއާޓެކް އާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗު ކާމިޔާބު ކުރީ 7-5، 6-7 (5-7)، 6-2 އިން ސެޓްތައް ގެންގޮސްގެންނެވެ.

މެޗު ކާމިޔާބު ކުރުމަށް ފަހު ސްވިޓޮލީނާ.-- ފޮޓޯ: އޭއެފްޕީ

މެޗު ކާމިޔާބު ކުރުމަށް ފަހު ސްވިޓޮލީނާ.-- ފޮޓޯ: އޭއެފްޕީ

"މިވަގުތު އަހަންނަށް ކިޔައިދޭކަށް ނޭނގެ. މިއީ ގަބޫލުކުރަން އުނދަގޫ ވަގުތުކޮޅެއް. މުބާރާތް ފެށުމުގެ ކުރިން އަހަރެން ސެމީ ފައިނަލް ކުޅޭނެއޭ ބުނި ނަމަ ގަބޫލެއް ނުކުރެވުނީސް،" ކުރިން ދުނިޔޭގެ ރޭންކިންގެ ތިންވަނައަށް ވެސް އެރި ސްވިޓޮލީނާ ބުންޏެވެ.

"އީގާ [ސްވިއާޓެކް] އެއީ ވަރުގަދަ ޗެމްޕިއަނެއް އަދި ވަރަށް ރަނގަޅު މީހެއް. އޭނާ ހިމެނޭނެ އެންމެ ފުރަތަމަ ޔޫކްރޭނަށް އެހީވި މީހުންގެ ތެރޭގައި. އޭނާއާ ދެކޮޅަށް ކުޅެން ވެސް އަހަންނަށް އުނދަގޫވި."

ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނު ޔުކްރޭނުގެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސްވިއާޓެކް ވަނީ މިދިޔަ އަހަރު ޗެރިޓީ މެޗެއް ބާއްވައިފަ އެވެ. ސްވިޓޮލީނާ ބަނޑުބޮޑު ދުވަސްކޮޅު އޮތް އެ މެޗުގެ އަމްޕަޔަރަކަށް ހުރީ އޭނާ އެވެ.

ސެމީ ފައިނަލްގައި ސްވިޓޮލީނާ ވާދަކުރާނީ، ހަތަރުވަނައަށް ސީޑް ކޮށްފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ ބަލިކުރި ޗެކްރިޕަބްލިކްގެ މާކެޓާ ވޮންޑްރޫސޯވާއާ ދެކޮޅަށެވެ. ވޮންޑްރޫސޯވާ ސެޓްތައް ގެންދިޔައީ 6-4، 2-6، 6-4 އިންނެވެ.

ކުއާޓާގެ ބާކީ ދެ މެޗު އޮތްއިރު، ތިންވަނައަށް ސީޑް ކުރެވިފައިވާ ކަޒަކިސްތާނުގެ އެލީނާ ރައިބަކީނާ ނުކުންނާނީ ޓިއުނީޝިއާގެ އޮންސް ޖަބެއާ އާ ދެކޮޅަށެވެ. އަދި ދެވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ނުކުންނާނީ އެމެރިކާގެ މެޑިސަން ކީސް އާ ދެކޮޅަށެވެ.

ފިރިހެން ސިންގަލްސްގެ ސެމީގައި ކޮކޮވިޗާއި ސިނާގެ ކުރިމަތިލުމެއް

ފިރިހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގެ ދެ މެޗު އިއްޔެ ކުޅެވުނު އިރު، ސާބިއާގެ ނޯވަކް ޖޮކޮވިޗް ވަނީ ރަޝިއާގެ އެންޑީ ރުބްލޭވް ބަލިކޮށް ސެމީއަށް ދަތުރުކޮށްފަ އެވެ.

ފުރަތަމަ ސެޓު 6-4 އިން ރުބްލޭވް ގެންގޮސްފައި ވަނިކޮށް ޖޮކޮވިޗް ވަނީ ދެން ކުޅުން ތިން ސެޓު 6-1، 6-4، 6-3 އިން ގެންގޮސް ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.

ސެމީގައި ޖޮކޮވިޗް ވާދަކުރާނީ އަށްވަނައަށް ސީޑް ކޮށްފައިވާ އިޓަލީގެ ޔަނިކް ސިނާ އާ އެވެ. ސިނާ ވަނީ ކުއާޓާގައި 3-1 ސެޓުން ރަޝިއާގެ ރޯމަން ސަފިއުލިން ބަލިކޮށްފަ އެވެ. ސިނާ މެޗުގެ ސެތްތައް ގެންދިޔައީ 6-4، 1-6، 6-2، 6-2 އިންނެވެ.

ކުއާޓާގެ ބާކީ ދެ މެޗު މިއަދު ކުޅޭނެ އެވެ. ދުނިޔޭގެ އެއްވަނަ، ސްޕެއިންގެ ކާލޯސް އަލްކަރާޒް ވާދަކުރާނި ޑެންމާކުގެހޮލްގާ ރިޔޫން އާއެވެ. ދެވަނަ މެޗުގައި، ތިންވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ޑެނީލް މެޑްވެޑޭވް ނުކުންނާނީ އެމެރިކާގެ ކްރިސްޓޮފާ ޔޫބޭންކްސްއާ ދެކޮޅަށެވެ.