Roadha Mihaaru
ވިމްބެލްޑަން ފޭވަރިޓަކީ އަހަރެން: ޖޮކޮވިޗް

ޖޮކޮވިޗް އިތުބާރާ އެކު، ބުނަނީ ފޭވަރިޓަކީ އޭނާ ކަމަށް

14 ޖުލައި 2023

ލަންޑަން (ޖުލައި 14) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑީ އޭނާ ކަމަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލަންޑަން (ޖުލައި 14) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑީ އޭނާ ކަމަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

ލަންޑުގައި ކުރިއަށްދާ ޝަރަފްވެރި ޓެނިސް މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ކުޅޭނެ އެވެ. ފުރަތަމަ ސެމީގައި ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް ނުކުންނާނީ ރޭންކިންގެ އަށް ވަނައިގައި އޮތް އިޓަލީގެ ޔަނިކް ސިނާއާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ރޭންކިންގެ އެއް ވަނަ، ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ރޭންކިންގެ ތިން ވަނަ، ރަޝިއާގެ ޑެނީލް މެޑްވެޑެވް އެވެ.

"ކެރިއަރުގައި ހޯދާފައިވާ ނަތީޖާތަކަށް ބަލައި އަދި މިދިޔަ ހަތަރު އަހަރުގެ ވިމްބެލްޑަން ކާމިޔާބީއަށް ބަލައި މިފަހަރުގެ ފޭވަރިޓުންނަކީ އަހަރެން ކަމަށް ގަބޫލުކުރަން" 35 އަހަރުގެ ޖޮކޮވިޗް އިތުބާރާ އެކު ބުންޏެވެ.

ޖޮކޮވިޗާ ދެކޮޅަށް ނުކުންނަ 21 އަހަރުގެ ސިނާ އަށް ވިމްބެލްޑަން ސެމީ ފައިނަލުން ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު މިއީ ޖޮކޮވިޗްގެ ކެރިއަރުގައި އޭނާ ކުޅޭ 46 ވަނަ ސެމީ ފައިނަލެވެ. ޖޮކޮވިޗާ އެއްވަރަށް ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ސެމީގައި ވާދަކުރީ، ކުރީގެ ތަރި ރޮޖާ ފެޑެރާ އެވެ.

ވިމްބެލްޑަން މެޗެއްގެ ތެރެއިން 21 އަހަރުގެ ސިނާ. އުމުރުގެ ގޮތުން ޖޮކޮވިޗަށް ވުރެ 14 އަހަރު ހަގު

ވިމްބެލްޑަން މެޗެއްގެ ތެރެއިން 21 އަހަރުގެ ސިނާ. އުމުރުގެ ގޮތުން ޖޮކޮވިޗަށް ވުރެ 14 އަހަރު ހަގު

ވިމްބެލްޑަންގެ އެންމެ ފަހުން ކުޅުނު ހަތަރު މުބާރާތް ވެސް ކާމިޔާބުކުރީ ޖޮކޮވިޗް އެވެ. އޭނާ ވަނީ މިހާތަނަށް ހަތް ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިފަހަރުގެ ޗެމްޕިއަންކަން ހޯދައިފި ނަމަ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ފެޑެރާގެ ރެކޯޑާ އެއްވަރުވާނެ އެވެ.

ސިނާއާ ދެކޮޅަށް ނުކުންނައިރު ޖޮކޮވިޗް ބުނީ އޭނާ އަތުން މޮޅުވާން ސިނާ އިތުރު ހިތްވަރެއް ލާނެ ކަމަށާއި އެއީ ވަރަށް ފުރިހަމަ ކުޅުންތެރިއެއް ކަމަށެވެ.

ޖޮކޮވިޗާއި ސިނާ ވަނީ މިދިޔަ އަހަރުގެ ވިމްބެލްޑަން ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ މެޗުން ފަހަތުން ފަހަތުން އަރައި ޖޮކޮވިޗް މޮޅުވީ ދެ ސެޓު ފަހަތުގައި އޮވެފަ އެވެ.

"މިދިޔަ އަހަރުގެ މެޗާ މި މެޗު މުޅިން ތަފާތު ވާނެ. ދެކުޅުންތެރިނަށް ވެސް އެކަކު މިހާރު ކުރިއަށް ވުރެ ބޮޑަށް އެނގޭނެ. ކޮންމެ ބޯޅައެއް ކާމިޔާބުކުރަން އަހަރެން ހަނގުރާމަކުރާން. ޖޮކޮވިޗް ބަލިކުރުމަކީ އުނދަގޫ ކަމެއްކަން އެނގޭ" ޓެނިހުގައި އަރަމުން އަންނަ ކުޅުންތެރިޔާ ބުންޏެވެ.

ޖޮކޮވިޗާއި ސިނާ ވާދަކުރާ ފުރަތަމަ ސެމީ ފައިނަލް ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5:30 ގަ އެވެ. އަލްކަރާޒް އާއި މެޑްވެޑެވްގެ ސެމީ ފައިނަލް ފަށާނީ މިރޭ 7:30 ގަ އެވެ.