Roadha Mihaaru
ގުރުއާން އެންދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ހަތިމް އަންދައި، މުސްލިމުންގެ ދީނީ ކަންކަމަށް އަރައިގަތުމުގެ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި

12 ޖުލައި 2023

ސްވިޑްން އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކީރިތި ގުރްއާން އަންދައި މުސްލިމުންގެ ދީނީ ކަންކަމަށް އަރައިގަތުމުގެ އަމަލުތައް ފާޅުގައި ހިންގަމުންދާ މައްސަލާގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސްގައި ރާއްޖެއިން ބައިވެރިވެ، އެކަން ކުށްވެރިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްވިޑްން އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކީރިތި ގުރްއާން އަންދައި މުސްލިމުންގެ ދީނީ ކަންކަމަށް އަރައިގަތުމުގެ އަމަލުތައް ފާޅުގައި ހިންގަމުންދާ މައްސަލާގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސްގައި ރާއްޖެއިން ބައިވެރިވެ، އެކަން ކުށްވެރިކޮށްފި އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި މިހާރު ހިނގަމުންދާ ބަހުސްގައި ރާއްޖެ ތަމްސީލު ކުރެއްވީ އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އާސިމް އަހުމަދެވެ.

އެ ބަހުސްގައި އާސިމް ދެއްވި ހިތާބުގައި ވަނީ ކީރިތި ގުރުއާނުގެ މުސްހަފު އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެފަދަ އަމަލުތަކުގެ ސަބަބުން އިޖުތިމާއީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.

އަދި އެފަދަ އަމަލުތަކަކީ ހިޔާލުފާޅު ކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމު ކުރުމަށް އެފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

އިސްލާމް ދީނާ މެދު ނަފުރަތު އުފެދޭ އަދި ތަފާތު ކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި އޯއައިސީން ވަނީ އެ ބަހުސްގެ ތެރެއިން ގަރާރެއް ހުށަހަޅައިފަ އެވެ.

ރާއްޖެ ހިމެނޭހެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެމްބަރު ގައުމެއްގެ ތާއީދާ އެކު ބޮޑު އަގުލަބިއްޔަތަކުން އެ ގަރާރު ވަނީ ފާސްވެފަ އެވެ.

ސްވިޑންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، މިއަހަރުގެ އަޞްހާ އީދު ދުވަހު، މީހަކު ކީރިތި ގުރްއާން އެންދީ، އިރާގުން ހިޖުރަކޮށް ސްވިޑްންގެ ރައްޔިތުކަން ހޯދައިގެން އުޅޭ، އުމުރުން 37 އަހަރުގެ ސަލްވާން މޫމިކާ ކިޔާ ފިރިހެނެކެވެ.