Roadha Mihaaru
މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު

މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު

29 ޖޫން 2021

ކޮވިޑް-19 ގެ ވަބާއާ އެކު އަހަރެމެން ފޭސް މާސްކްގެ ނިވަލުގައި އުޅޭތާ މިހާރު ދެ އަހަރު ވަނީ އެވެ. ފަސޭހައިން ފެތުރޭ މި ބަލިން ރައްކާތެރިކަން ހޯދަން ކުރެވެން އޮތް އެންމެ އަސާސީ އެއް ކަމަކީ ވެސް މާސްކް އެޅުމެވެ. އެހެންވެ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް، މާސްކް އެޅުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައި އޮތް ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ވަބާއާ އެކު އަހަރެމެން ފޭސް މާސްކްގެ ނިވަލުގައި އުޅޭތާ މިހާރު ދެ އަހަރު ވަނީ އެވެ. ފަސޭހައިން ފެތުރޭ މި ބަލިން ރައްކާތެރިކަން ހޯދަން ކުރެވެން އޮތް އެންމެ އަސާސީ އެއް ކަމަކީ ވެސް މާސްކް އެޅުމެވެ. އެހެންވެ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް، މާސްކް އެޅުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައި އޮތް ކަމެކެވެ.

މާސްކްގެ ނިވަލުގައި އިންސާނުން އުޅެން މަޖުބޫރުވުމާ އެކު، މިދިޔަ އަހަރުގެ ތެރޭގައި އެންމެ ބާރު ބޮޑުވި އެއް އުފެއްދުމަކީ ވެސް މާސްކެވެ. ހަމަމިއާ އެކު މަޝްހޫރު ބައެއް ކުންފުނިތަކުން ޓެކްނޮލޮޖީ ހިމަނައިގެން މާސްކް ނެރުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ. އެފަދަ ބައެއް މާސްކްތައް މިހާރު ބާޒާރުގައި ލިބެން ވެސް އެބަ ހުއްޓެވެ.

ކޮވިޑަށް އުފެއްދި ވެކްސިންތައް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖަހަން ފެށުމާ އެކު، މާސްކަށް ވެސް މިހާރު ހާލަތްތަކަށް ރިއާޔަޔްކޮށް ގައުމުތަކުގައި އަންނަނީ ލުއި ދެމުންނެވެ. އެގޮތުން ކުރީގެ އާންމު ހާލަތަށް ރުޖޫއަވާން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ވަގުތު 8 ގައުމަކުން މާސްކް އެޅުމުގެ އުސޫލަަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވެ އެވެ. ކޮވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ ބައެއް ގައުމުތަކުގައި މިހާރު މާސްކް އެޅުން މަޖުބޫރެއް ވެސް ނޫނެވެ. އެކަމަކު އޭގެ މުހިއްމު ޝަރުތަކަށް، ގިނަ ގައުމުތަކުގައި އޮތީ ކޮންމެ މީހަކު ވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވުމެވެ.

މީހަކު މާސްކެއް އަޅައިގެން.

މީހަކު މާސްކެއް އަޅައިގެން.

މާސްކަށް މިހާރު އެންމެ ބޮޑަށް ލުއި ދީފައިވާ 8 ގައުމަކީ އެމެރިކާ، ޑެންމާކް، ފްރާންސް، ގްރީސް، އައިލެންޑް، ސްޕެއިން، އިޓަލީ އަދި ދެކުނު ކޮރެއާ އެވެ. މީގެ ތެރޭގައި ގިނައިން ހުރީ ޔޫރަޕްގެ ގައުމުތަކެވެ. އޭޝިއާގެ ގައުމަކަށް އޮތީ ހަަމައެކަނި ދެކުނު ކޮރެއާ އެވެ.

1. އެމެރިކާ

ކޮވިޑްގެ ހާލަތު ކުރިން އެންމެ ގޯސްވި އެއް ގައުމު ކަމަށްވާ އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި، މާސްކް އެޅުމުގައި ލުއި ދޭން ފަށާފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ. އެ ގައުމުގެ ސެންޓަ ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ކަނޑައަޅާފައި އޮތް ގައިޑްލައިންތަކަށް ބަލާ އިރު، ވެކްސިންގެ ޑެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން މިހާރު މާސްކް އެޅުން މަޖުބޫރެއް ނޫނެވެ.

އެގޮތުން އިންޑޯ/އައުޓްޑޯގައި ވެސް މާސްކާ ނުލައި އުޅެވޭނެ އެވެ.

2. ޑެންމާކް

ޑެންމާކްގައި މާސްކަށް ދީފައި އޮތް ބޮޑު ލުޔަށް ބަލާ އިރު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދާ ވަގުތު ނޫން އެހެން ހުރިހާ ވަގުތެއްގައި މާސްކާ ނުލައި އުޅެވޭނެ އެވެ.

3. ފްރާންސް

ފްރާންސްގައި މާސްކަށް ލުއި ދީފައިވާ ގޮތަށް ބަލާއިރު، ބޭރުގައި މާސްކާ ނުޅައި އުޅެވޭނެ އެވެ. އެކަމަކު ގިނަ މީހުން އެއްވާ ތަންތަން، މިސާލަކަށް މައިދާންތަކާއި ފިހާރަކާއި މޯލްތައް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދާ އިރު މާސްކް އަޅަން ޖެހޭނެ އެވެ.

4. ގްރީސް

ގްރީސްގައި މިހާރު ބޭރުތެރޭގައި އުޅޭއިރު މާސްކާ ނާޅައި އުޅޭނެ އެވެ. އެކަމަކު އިންޑޯގައި މާސްކް މަޖުބޫރެވެ.

5. އައިސްލޭންޑް

ކުޑަ އާބާދީއެއް އޮންނަ އައިސްލޭންޑަކީ މާސްކާ ނުލައި، ކޮވިޑްގެ ކުރިން އުޅުނު ގޮތަށް އުޅުމުގެ ފުރުސަތު މިހާރު އޮތް ގައުމެކެވެ.

6. ސްޕެއިން

ސްޕެއިންގައި މާސްކަށް ލުއި ދީފައި އޮތް ގޮތަށް ބަލާ އިރު ބޭރު ތެރޭގައި މާސްކާ ނާޅައި އުޅޭ ނަމަ ދޭދޭ މީހުންގެ ދޭތެރައި މަދުވެގެން 1.5 މީޓަރުގެ ދުރުމިނެއް ބަހައްޓަން ޖެހޭނެ އެވެ. އަދި މާސްކް އަޅަން ޖެހޭ ހާލަތްތައް އަތުވެދާނެތީ އަބަދު ވެސް އަތުގައި މާސްކެއް އޮންނަ މަޖުބޫރެވެ.

7. އިޓަލީ

މިދިޔަ އަހަރުގެ ކޮވިޑްގެ އެންމެ ގޯސްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީން މާސްކަށް ދިން ލުޔަށް ބަލާ އިރު، މާސްކް އެޅުން މިހާރު މަޖުބޫރެއް ނޫނެވެ. އެކަމަކު އިރުޝާދު ދެނީ އަބަދު ވެސް މާސްކް އެޅުމަށެވެ. ސަބަބަކީ ކޮވިޑްގެ އިތުރު ވޭރިއަންޓްތައް އައުމުގެ ފުރުސަތު އޮތުމެވެ.

8. ދެކުނު ކޮރެއާ

ދެކުނު ކޮރެއާ އިން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން، ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ މީހުންނަށް ބޭރު ތެރޭގައި މާސްކް ނާޅައި އުޅެވޭނެ ފުރުސަތު ދިނުމަށެވެ. އޭޝިއާ ބައްރަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ދެކުނު ކޮރެއާ އަކީ މިހާތަނަށް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ގައުމެކެވެ.

ވެކްސިންގެ ނަތީޖާ އާއި ބަލީގެ ހާލަތު ދަށްވާ ނިސްބަތަށް ބަލައި ގިނަ ގައުމުތަކުން މިހާރު ފިޔަވަޅުތަކެއް ލުއި ދެމުން ދިޔަ ނަމަވެސް ލުއި ދިން ބައެއް ގައުމުތަކުގައި ފަހުން ކުރީގެ ފިޔަވަޅުތައް އިޔާދަ ވެސް ކޮށްފައިވެ އެވެ. އެގޮތުން އިޒްރޭލުން ވަނީ އަހަރުގެ ކުރީކޮޅު މާސްކަށް ވަރަށް ބޮޑަށް ލުއި ދިނުމަށް ފަހު، ކޭސްތައް އިތުރުވާތީ މާސްކްގެ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ.