Roadha Mihaaru
އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން ޕީޕީއެމަށް

އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން ޕީޕީއެމަށް ސޮއިކޮށްފި

30 ޖެނުއަރީ 2017

އިދިކޮޅު އެމްޑީޕީގެ ގިނަ ކައުންސިލަރުންތަކެއް ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު އެމްޑީޕީގެ ގިނަ ކައުންސިލަރުންތަކެއް ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.

އެމްޑީޕީގެ އިތުރުން އަދާލަތާއި ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތަށް 31 ކައުންސިލަރަކު ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި ނިސްބަތުން ގިނައީ ކުރިން އެމްޑީޕީ ފިކުރުގެ މީހުން ކަމަށް ޕީޕީއެމުން ބުންޏެވެ.

ކައުންސިލަރުން ޕީޕީއެމާ ގުޅުން ފާހަގަކުރަން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި މިހާރު ބައިބައިވުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ، އެންމެން ގުޅިގެން ޕާޓީ ކުރިއަރުވަން ކުރާ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް އެތެރޭގައި އެކި ކަންކަމަށް ވަކިވަކި ޓީމުތައް ހެދި، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ޕީޕީއެމަށް ސޮއިކުރެއްވި ކައުންސިލަރަކާ ރައީސް ޔާމީން ސަލާމްކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމަށް ސޮއިކުރެއްވި ކައުންސިލަރަކާ ރައީސް ޔާމީން ސަލާމްކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބައެއް ކައުންސިލްތަކުން ސަރުކާރާ ނުގުޅި ތިބުމުގެ ސަބަބުން ރަށްރަށަށް ލިބެން ޖެހޭ ތަރައްގީ ލަސްވެގެން ދިޔަ އެވެ. ޕީޕީއެމްގެ ދަތުރުތަކުގައި، އެތައް ރަށަކުން އެ ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއީ މާޒީ ކަމަށް ބަލާފައި ކުރިއަށް ދާންވީ، އަދިވެސް ދެ އަހަރު ކުރިއަށް އޮތީމަ އަޅުގަނޑުމެންނަށް ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ދިމާލަކުން ވެސް ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދިނުމެވެ. އެއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުން ކަމަށް ވިޔަސް އުމްރާނީ ތަރައްގީގެ މަސައްކަތެއް ކަމަށް ވިޔަސް އެކަން ރައްޔިތުންނަށް ފުރިހަމަކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލަރުން ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކައުންސިލަރުން ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކުރަން، ޕީޕީއެމާ އަލަށް ގުޅުނު ކައުންސިލަރުން ވެސް އެއްބާރުލުން ދެއްވަން ރައީސް އެދިވަޑައިގަތެވެ. ސަރުކާރުން ކުރާ މަސައްކަތްތަކުން މުޅި ގައުމާއި ރައްޔިތުންނަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަން ނުފެންނަ ކަމަށް ބައެއް މީހުން ހެދިއަސް، ސަރުކާރުގެ ވިސްނުމަކީ ތަރައްގީގެ ގިނަ ކަންކަން ރައްޔިތުންނަށް ހާސިލްކޮށްދިނުން ކަމަށް ވިދާޅުވި އެވެ.