Roadha Mihaaru
ޕާޓީތަކާއެކު މަޝްވަރާ ކުރާނެ: ސަރުކާރު

ޕާޓީތަކާ އެކު މަޝްވަރާތައް ކުރާނެ، އެއްބާރުލުން ބޭނުން: ސަރުކާރު

30 އޮކްޓޯބަރ 2016

ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި ޕާޓީތަކުން އެކަމުގައި އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި ޕާޓީތަކުން އެކަމުގައި އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލައިފި އެވެ.

ސިޔާސީ ޕާޓީތަކާއެކު މި މަހުގެ މެދުތެރޭގައި މަޝްވަރާތައް ފަށާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ "މިހާރަ"ށް މިއަދު ވިދާޅުވި ގޮތުގައި މަޝްވަރާތައް ނުފެށި ލަސް ވަނީ ބައެއް ޕާޓީތަކުގެ އެއްބާރުލުން ނުލިބޭތީ އެވެ.

ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމަށް ޕާޓީތަކަށް އެންގިއިރު، އެކަމަށް އިޖާބަ ނުދެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީން ކަމަށެވެ. އަދި އެ ދެ ޕާޓީން ނަން ފޮނުވިހާ އަވަހަކަށް މަޝްވަރާތައް ފަށާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"މިހާތަނަށް އައިއިރު އެމްޑީޕީ އާއި އަދާލަތު ނަމެއް ނުފޮނުވާ. މިކަން ފެށުމަށް ޕާޓީތަކުން ނަންތައް ފޮނުވަން އެބަޖެހޭ. ސަރުކާރު އޮތީ މަޝްވަރާ ކުރަން ތައްޔާރަށް،" ޝައިނީ ވިދާޅުވި އެވެ. "ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ، ސިޔާސީ ޕާޓީތަކުން އިޖާބަ ދީގެން ކުރިއަށް ދާން ބޭނުންނަމަ، މިހާރު ވެސް މަޝްވަރާތަކާއެކު ކުރިއަށް ދާންވީ."

މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ ގޮތަށް ނިންމަން ރައީސް އޮފީހުން އެދުނު އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަތަކުގައި ބައިވެރިނުކުރާނެ ކަން ސަރުކާރުން ވަނީ އަންގައިފަ އެވެ.

ސަރުކާރުގެ ގޮވާލުމަށް އިޖާބަދީ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އިންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މަޝްވަރާތަކުގައި ބައިވެރިވަނީ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. މައުމޫން ފެކްޝަނުން ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ހަމަޖައްސައިފަ އެވެ. މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރާނީ ނިހާނާއި އަބްދުއްރަހީމް ކަމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ޖުމްހޫރީ ޕާޓީން މަޝްވަރާތަކުގައި ބައިވެރިވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދެވެ. އެމްޑީއޭއިން ބައިވެރިވަނީ ތިން ޑެޕިއުޓީ ލީޑަރުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި އެސްޓީއޯގެ ބޯޑުގެ ޑިރެކްޓަރު އައިޝަތު ރަފިއްޔާ އެވެ.