Roadha Mihaaru
ހަ މަހުން 1 މިލިއަން ޓޫރިސްޓް ހަމަކޮށްފި

ހަ މަސް ތެރޭގައި އެއް މިލިއަން ޓޫރިސްޓް ހަމަކޮށް، ޓާގެޓް ބޮޑުކޮށްފި

16 ޖުލައި 2023

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓް މިއަދު ހަމަވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓް މިއަދު ހަމަވެއްޖެ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވުނީ ރަޝިއާގެ މީހެއް ކަމަށްވާ އެންޓޯން ޕެވްލޯވް އެވެ. އޭނާ އަށް ވެލާނާ އިންޓަނޝަނަލް އެއާޕޯޓުން އިސްވެ މަރުހަބާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްގެ އިތުރުން އެމްއެމްޕީއާރުސީންނެވެ.

މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވީ އެ އަހަރުގެ އޮގަސްޓް މަހު އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ވަނީ 1.6 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.

މި އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓް ރާއްޖެ އަށް އައި އިރު ސަރުކާރުން ބަޖެޓުގައި ކަނޑައެޅީ މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރު 1.9 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ، މީގެ ކުރިން އަމާޒު ހިފީ މި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި އެއް މިލިއަން ވަނަ ޓޫރިސްޓުން ގެނައުމަށެވެ. އެ ކަން ހާސިލުވާން ކުޑަ ލަސްވުމެއް އައި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި ޓޫރިސްޓުން އަންނަ ވަރު ވަރަށް ބޮޑަށް އިތުރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވިގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި ގޮތަށް މި އަހަރު ނިންމާލާނީ 1.9 މިލިއަން ޓޫރިސްޓުންނާ އެކު އެވެ. އެ އަމާޒު ހާސިލުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ފަސް މަހު ޓޫރިސްޓުން އައުން ވަރަށް ބޮޑަށް ރަނގަޅުވާނެ. މި އަހަރު ނިމޭ އިރު ޗައިނާ ރާއްޖޭގެ ޓޮޕް ތިނަކަށް އަރާނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ޗައިނާ އަކީ ރާއްޖެ އަށް ހަތަރު ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން 74،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމު

1. އިންޑިއާ: 115،800 ޓޫރިސްޓުން.

2. ރަޝިޔާ: 115،300 ޓޫރިސްޓުން.

3. އިނގިރޭސި ވިލާތް: 84،000 ޓޫރިސްޓުން.

މައުސޫމް ވިދާޅުވީ، އަންނަ އަހަރު އަނެއްކާ ވެސް ޓޫރިސްޓުންގެ އަދަދު ފަސް ޕަސެންޓް ވަރު އިތުރުކޮށް ދެ މިލިއަން ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ. އަންނަ އަހަރުގެ އަމާޒުތައް މިހާރު އެކުލަވައިލަމުން އަންނަ އިރު ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު ބަދަލެއް ދެން ފެންނާނީ 2025 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ބޭނުން ކުރަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.