Roadha Mihaaru
ޒަމާނީ ހޮސްޕިޓަލަކާ އެކު ދިއްގަރަށް ގިނަ ވައުދުތަކެއް

ޒަމާނީ ހޮސްޕިޓަލަކާ އެކު ދިއްގަރަށް ރައީސްގެ ގިނަ ވައުދުތަކެއް

16 ޖުލައި 2023

މ. ދިއްގަރުގައި ޒަމާނީ ފެންވަރުގެ އާ ހޮސްޕިޓަލަކާ އެކު، ގިނަ ވައުދުތަކެއް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު މ. ދިއްގަރުން އާސިމާ ނިޒާރު

މ. ދިއްގަރުގައި ޒަމާނީ ފެންވަރުގެ އާ ހޮސްޕިޓަލަކާ އެކު، ގިނަ ވައުދުތަކެއް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވެވަޑައިގެންފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ރަށާ ދޭތެރޭ އުއްމީދު އެބައޮތް ކަމަށާއި ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދޭނެ ކަމަށެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އޭރުގެ އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި، އާބާދީގައި 965 މީހުން ދިރިއުޅޭ ދިއްގަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަޑައިގެންނެވިއިރު ރައްޔިތުން އެދުނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށެވެ. އެކަން ކޮށްދިނުމަށްޓަކައި މި ސަރުކާރުން ވަނީ 25 ހެކްޓަރު ހިއްކަން އެމްޓީސީސީއާ މިހާރު ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އަންނަ މަހު އެއްކޮށް ނިންމައި، ރިވެޓްމަންޓް ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް މި ރަށަށް މި ވަގުތު ބޭނުންވަނީ ރައީސް ވިދާޅުވި ގޮތުގައި، ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ ގޮތެކެވެ. އެކަން ފުރިހަމަކުރަން ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ރައީސް އިއުލާންކުރެއްވި އެވެ. ނަމަވެސް، ހޮސްޕިޓަލް އަޅައި ނިމެންދެން މަޑުނުކޮށް ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހުރި ހެލްތު ސެންޓަރުން ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެކްސްރޭ މެޝިނާއި އަދި ވެސް ބޭނުންވާ މުވައްޒަފުންނާ އެހެނިހެން ތަކެތި މި ރަށަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޮނުވާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިއްގަރުން، މ. އަތޮޅުގެ އެހެން ރަށްތަކާ ދޭތެރޭގައި ދަތުރުކުރަން ދަތިތައް އެބަހުއްޓެވެ. އެެހެންވެ، އާރުޓީއެލް ފެރީގެ ހިދުމަތް މ. އަތޮޅަށް ފަށަންދެން މަޑުނުކޮށް، ދަތުރުފަތުރުކުރުމުގައި ލުއި ފަސޭހަ ކޮށްދިނުމަށް 2-3 ހަފުތާ ތެރޭގައި ދިއްގަރަށް ލޯންޗެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ ބިން ހިއްކުމަށްފަހު ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި މި ފަހަރުގެ މެނިފެސްޓޯގައި ދިއްގަރަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓް ނޫނީ ރޯހައުސް އިމާރާތް ކޮށްދޭނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ޒުވާނުންނަށް ބޭނުންވާ ފުޓްބޯޅަ ދަނޑާއި ޒުވާނުންގެ މަރުކަޒު ވެސް ބިނާކޮށްދީ، ފައިސާގެ މުއާމަލާތް ކުރުމުގައި ފަސޭހަކޮށްދިނުމަށް ދިއްގަރުގައި އޭޓީއެމްގެ ހިދުމަތް ފަށައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މަގު ހެދުން ވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަގު ހަދާ ރަށްރަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.