Roadha Mihaaru
ދިރާގުގެ އިންޓަނެޓް ބިލުން %30 ޑިސްކައުންޓް ދީފި

ޑީޑޮސްގެ މައްސަލައާ ގުޅިގެން ދިރާގުގެ އިންޓަނެޓް ބިލުން 30 ޕަސެންޓް ޑިސްކައުންޓް ދީފި

30 ޖެނުއަރީ 2017

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ދިން ޑީޑޮސް ހަމަލާތަކުގެ ސަބަބުން އިންޓަނެޓަށް ދިމާވި މައްސަލައާ ގުޅިގެން މި މަހުގެ އިންޓަނެޓް ބިލުން 30 ޕަސެންޓް ޑިސްކައުންޓެއް ދިރާގުން ދީފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ދިން ޑީޑޮސް ހަމަލާތަކުގެ ސަބަބުން އިންޓަނެޓަށް ދިމާވި މައްސަލައާ ގުޅިގެން މި މަހުގެ އިންޓަނެޓް ބިލުން 30 ޕަސެންޓް ޑިސްކައުންޓެއް ދިރާގުން ދީފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ ނެޓްވޯކަށް ބަޔަކު ދެމުން ގެންދިޔަ ޑީޑޮސް ހަމަލާތަކާ ގުޅިގެން މި މަހު ކުރީކޮޅު ގިނަ ވަގުތުތަކަކަށް ހިދުމަތް މެދުކެނޑި، ވަރަށް ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނެވެ. އެކަމާ ގުޅިގެން ޑިސްކައުންޓެއް ދޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުގެ އޮފިޝަލަކު މިރޭ ވިދާޅުވީ މި މަހުގެ އިންޓަނެޓް ބިލް ލިބޭނީ 30 ޕަސެންޓް ޑިސްކައުންޓާ އެކު ކަމަށެވެ. ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް މި ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނެޓް ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރަން ދިރާގުން ވަނީ އެމެރިކާގެ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު މަސައްކަތްކޮށްފަ އެވެ. އެ މަސައްކަތާ އެކު، އެ ކުންފުނީގެ ނެޓްވޯކަށް ދިމާވި މައްސަލަ ގާތްގަނޑަކަށް އެއްކޮށް ހައްލުކޮށްފައިވެ އެވެ.

ދިރާގުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާން އާންމުކުރުމަށް އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސާ ރޮބިން ވޯލްސް ވެސް ވިދާޅުވީ ދިރާގުގެ ނެޓްވޯކަށް ކުރިމަތިވި މައްސަަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ހަމަލާއަކުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.