Roadha Mihaaru
ސަބަބެއް ނެތި ނީލާ ގައުމީ ޓީމުން އެކަހެރިކޮށްފައި

ސަބަބެއް ނެތި ނީލާ ގައުމީ ޓީމުން އެކަހެރި ކޮށްފައި، ބެޑްމިންޓަން އެސޯސިއޭޝަނުން ޖަވާބެއް ނެތް

19 ޖުލައި 2023

ބެޑްމިންޓަންގެ ލެޖެންޑް، ނީލާ އަހްމަދު ނަޖީބަށް މި އަހަރަކީ، އޭނާގެ ކެރިއާގެ އެންމެ ހާއްސަ އަހަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ހުރީ، މި އަހަރަކީ އޭނާގެ ކެރިއާގެ އެންމެ ފަހު އަހަރު ކަމަށް ދެކިގެންނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަންގެ ލެޖެންޑް، ނީލާ އަހްމަދު ނަޖީބަށް މި އަހަރަކީ، އޭނާގެ ކެރިއާގެ އެންމެ ހާއްސަ އަހަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ހުރީ، މި އަހަރަކީ އޭނާގެ ކެރިއާގެ އެންމެ ފަހު އަހަރު ކަމަށް ދެކިގެންނެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމަށް ފަހު ޝަރަފުވެރި ކަމާ އެކު ރިޓަޔާ ކުރަން ހުރި ނީލާގެ ކެރިއާ އަށް ހިޔަނި އެޅުނީ މަގުބޫލު ސަބަބެއް ނެތި ގައުމީ ޓީމުން އޭނާ އެކަހެރި ކުރުމުންނެވެ.

މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ޓީމު އިވެންޓުން ރާއްޖެ އަށް މެޑަލް ހޯދައިދީ، ގޭމްސް ނިމުމާ އެކު އޭނާ ދެން މަސައްކަތް ފެށީ، މި އަހަރު ބާއްވާ ގޭމްސް އަށް ތައްޔާރުވުމަށެވެ.

އޭރު އޮތް ގޮތުންނަމަ، ގޭމްސް މި އަހަރު ބާއްވާނީ ރާއްޖޭގަ އެވެ. ފަހުން އެ ފުރުސަތު ރާއްޖެއިން ދޫކޮށްލި ނަމަވެސް، އޭރު އޮތީ ރާއްޖެ އަށް ގޭމްސްގެ ބިޑް ކާމިޔާބު ވެފަ އެވެ. އެހެންވެ 2019 ގެ ގޭމްސް އަށް ފަހު ނީލާ ތައްޔާރު ވާން ފެށީ އާދަޔާހިލާފް ޖޯޝެއްގަ އެވެ.

"އެންމެ ފަހުގެ އައިއޯއައިޖީ [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] އަށް ފަހު ވަރަށް ބޮޑު އުންމީދަކާ އެކު މަސައްކަތް ފެށީ. އަދި ވަކިން ބޮޑަށް ރާއްޖޭގައި މުބާރާތް އޮންނަގޮތަށް އޭރު އޮތީމަ ވަރަށް އެގްޒައިޓިން ކަމަކަށްވީ އަމިއްލަ ފަސްގަނޑުގައި ކުޅެ މެޑަލް ހޯދަން. އެ ހުރިހާ މޯޓިވޭޝަނަކާ އެކު ނީލާ ދުރާލައި ތައްޔާރުވާން ފެށިން،" ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދި ނީލާ ބުންޏެވެ.

ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ސީނިއާ ކުޅުންތެރިޔާ އަށް ވުމުން، ނީލާ ތައްޔާރުވީ ޓީމުގައި ހުރި އެންމެ ފިޓް ކުޅުންތެރިޔާ އަށް ވެސް ވުމަށެވެ. ޓެކްނިކަލް ޓްރޭނިންތަކުގެ އިތުރުން ފިޓްނަސް ޓްރޭނިންތައް އެހާ ދުރާލައި ފެށި ދެވަނަ އެތުލީޓަކު ނެތެވެ. ގައުމީ ޓީމުގައި ޓްރޭނިންތަކަށް އެންމެ ބަރާބަރު އެތުލީޓަކީ އޭނާ އަށް ވާނެކަން ނީލާ ޔަގީންކަން ދެއެވެ.

"ނީލާ އަށް ހަމަ ގެރެންޓީ ހާޒިރީ އަށް ރެފާ ކުރިއަސް. ފިޓްނަސް އަށް ކޮންސިޑާ ކުރިއަސް ނީލާ ބީޓް ނުވާނެކަން،" ނީލާ ވާހަކަ ދެއްކި އެވެ.

އެކަމަކު ނީލާ ގައުމީ ޓީމުން އެކަހެރި ކުރި އެއް ވެސް ސަބަބެއް އޭނާ އަކަށް ނޭނގެ އެވެ. އެ ސަބަބު ހޯދަން ނީލާ ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް އެ ސިޓީތަކަށް ޖަވާބެއް ނުދެ އެވެ. އެކަމާ ބެހޭގޮތުން މީގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ ބަހެއް ހޯދަން "މިހާރު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަކަށް އެ އިދާރާއަކުން ބޭނުމެއް ނުވެ އެވެ.

އެސޯސިއޭޝަންގެ ވެރިންނާ ވާހަކަ ދައްކަން ނީލާ މަސައްކަތް ކުރި ނަމަވެސް އެކަމަށް އެންމެ އެދެވޭ އިޖާބައެއް ނުލިބުނެވެ. ނީލާ ބުނީ ބީއޭއެމްގެ ރައީސް މުސާ ނާޝިދާ ބައްދަލުކުރަން އެކި ފަހަރުމަތިން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ބެޑްމިންޓަން ކޯޓުގައި އެތައް މެޗަކުން ކާމިޔާބު ހޯދި ކުޅުންތެރިޔާ އަށް. ގައުމީ ޓީމުން އެކަހެރި ވާން ޖެހުނު ސަބަބު ހޯދަން ކުރި މަސައްކަތުގައި ކާމިޔާބެއް ނުލިބުނެވެ.

"ބައްދަލު ނުކުރެވުނު، ދެން ހިތައް އެރީ ސިޓީ ހުށަހަޅައިގެން ޖަވާބެއް ލިބޭތޯ ބަލާނީއޭ. ސިޓީ އަކަށް ވެސް ޖަވާބެއް ނުލިބުނު،" ނިލާ ބުންޏެވެ.

އިންޑޮނޭޝިއާގައި 2018 ގައި ބެއްވި އޭޝިއަން ގޭމްސްގެ ޓީމު އިވެންޓްގެ ކުއާޓާ ފައިނަލަށް ރާއްޖެ ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ނީލާ އަށް ހުރަސްތައް ކުރިމަތި ކުރީ ހަމައެކަނި ގައުމީ ޓީމަކުން އެކަންޏެއް ނޫނެވެ.

ރާއްޖޭގައި މި މަހު ބޭއްވި ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި މިކްސް ޑަބަލްސް އިވެންޓުން ވެސް އޭނާ އަށް ފުރުސަތެއް ނުލިބުނެވެ.

ކުޅިވަރުގެ ލެޖެންޑްރީ ފިގާއެއް ގޮތުގައި ފާހަގަވާ ނީލާ، މަޑުމަޑުން އެކަހެރި ކުރަމުން ދިޔައީ ލެޖެންޑަކަށް ލިބެން ޖެހޭ އެއް ވެސް އިހުތިރާމެއް ނުލިބި އެވެ. އެންމެ ކުޑަ މިނުން އޭނާ އަށް ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރުމުގެ ފުރުސަތު ވެސް ނުލިބުނެވެ.