Roadha Mihaaru
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އިސްތިއުފާ ދީފި

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އިސްތިއުފާ ދީފި

18 ޖުލައި 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުން މޫސާ ނާޝިދު އިސްތިއުފާ ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުން މޫސާ ނާޝިދު އިސްތިއުފާ ދީފި އެވެ.

މޫސަ އެ މަގާމުން އިސްތިއުފާ ދެއްވި އިރު އިރު ވެސް އޭނާގެ ދައުރު ވަނީ ހަމަވެފަ އެވެ. ދައުރު ހަމަވުމުގެ ކުރިން އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން މި އަހަރު ފެބްރުއަރީގައި މަސައްކަތް ކުރި އެވެ. އެކަމަކު އިންތިހާބީ މައްސަލަތަކެއް ފާހަގަ ކުރުމަށް ފަހު ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އެންގެވީ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.

ބީއޭއެމްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މޫސާ އިސްތިއުފާ ދެއްވިކަން އެސޯސިއޭޝަނަށް ވެސް އަނާގާފައިވާ ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް އެ ސިޓީ ފޮނުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އިސްތިއުފާ ދެއްވީ މީގެ ދެ ދުވަހެއް ކުރިން ކަމަށެވެ.

އައްޑޫގައި ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ހަތަރު ވަނަ ދައުރަކަށް އެސޯސިއޭޝަންގެ ރައީސް ކަމަށް މޫސަ ފޯމު ހުށަހެޅުއްވި އެވެ. އެކަމަކު އެ އިންތިހާބު ބޭއްވޭ ގޮތް ނުވުމުން ދައުރު ނިމިގެން ތިން މަސް ވެގެން ދިޔަ އިރު ވެސް މަގާމުގައި ދެމިހުންނަވަން މޫސަ ނިންމި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނަވައިގެން އަމިއްލަ މަންފާ އަށް މޫސަ އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވެ އެވެ. އެސޯސިއޭޝަނަށް ބޯޅަ ގަންނަ، އެއް ފިހާރަކީ އަކީ މޫސާގެ "އަސްކަނި" ސްޕޯޓްސް ފިހާރަ އެވެ. އެސޯސިއޭޝަނުން ކުއްޔަން ނަގާ ތަންތަން އޭނާގެ އަމިއްލަ ގެއިންނާއި އޭނާގެ މަސްލަހަތު އޮންނަ ތަންތަނުން ކުއްޔަށް ހިފާ ކަމުގެ ތުހުމަތުތައް މޫސަގެ މައްޗަށް ކުރެވެ އެވެ.

އެކަމަކު ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފައި ވަނީ މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބީއޭއެމްގެ އޮފީހާއި މޫސަ ފިހާރަ ވެސް ފުލުހުން ރެއިޑް ކުރި އެވެ.