Roadha Mihaaru
އެމްޑީޕީއާ އިއްތިހާދު ނުވާން އެމްއާރުއެމުން ނިންމައިފި

އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކުރެވޭތީ އެމްއާރުއެމުން ކޯލިޝަން ނުހެދި

27 ޖުލައި 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ދަމަހައްޓަން އެމްއާރުއެމަށް ވެސް ދައުވަތު ދީ ދެ ބައްދަލުވުމެއް އެކަމާ ގުޅޭ ގޮތުން ބޭއްވި އެވެ. އެކަމަކު މިހާތަނަށް އެމްއާރުއެމުން އެއްވެސް ޖަވާބެއް ނުދެ އެވެ.

އެ ޕާޓީން މި ފަހުން އޮތީ، ރިޔާސީ ޕްރައިމަރީގައި ވަކިން ވާދަކުރާނެ ކަން އިއުލާންކޮށްފަ އެވެ. އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، އިއްޔެ ޖުމްހޫރީ ޕާޓީއާ އެކު ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކުރުމަށް ފަހު މިއަދު ޕާޓިން ނެރުނު ބަޔާނުގައި ވަނީ އެމްޑީޕީއާ އެކު ފުރަތަމަ ބުރުގައި ކޯލިޝަން ނުހަދާނެ ކަން އިއުލާންކޮށްފަ އެވެ.

އެމްއާރުއެމްގެ ބަޔާނުގައި ބުނީ އިންތިހާބުގައި އެއްކޮށް މަސައްކަތް ކުރުމާ މެދު އެކި ގޮތްގޮތުން އެމްޑީޕީއާއެކު މަޝްވަރާ ކުރެވިއްޖެ ކަމަށެވެ.

"ނުރަސްމީކޮށް އަދި ލިޔެކިޔުމުގެ ޒަރީއާއިން ވެސް މަޝްވަރާކުރެވި، އެމްއާރްއެމް އިން ތާއީދުކުރާ ސިޔާސަތުތައް ވަނީ ހާމަކުރެވިފަ،" އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކުގައި މަސައްކަތް ނުކުރަން ނިންމީ، އެމްއާރުއެމް އިން ބުނި ގޮތުގައި، އެމްޑީޕީން ހުށަހެޅި ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދު ނުކުރެވޭތީ އެވެ. އެކަން އެމްޑީޕީއަށް މިހާރު އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބަށް އެމްއާރްއެމުން ފާރިސް ނެރެން މަސައްކަތް ކުރި ނަމަވެސް އެކަމުގައި ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ.

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އެމްއާރުއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން އޮތީ އީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެ ނިންމުން މުރާޖައާ ކުރަން އީސީން ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެމްއާރުއެމް ބައިވެރިއެއް ނުކުރެ އެވެ.

މި ސަރުކާރު ހިންގަން އެމްއާރުއެމް ހިމެނޭ ގޮތުން ޖޭޕީ އާއި އަދާލަތު ވެސް ކޯލިޝަން ހެދި އެވެ. ތިން ޕާޓީގެ ތެރެއިން ދެ ވަނަ ދައުރަކަށް މިހާތަނަށް ކޯލިޝަން ހެދީ އަދާލަތު ޕާޓީން އެކަންޏެވެ. ޖުމްހޫރީ ޕާޓީގެ ވެސް ނިންމުމަކީ އިންތިހާބުގައި ވަކިން ވާދަކުރުމެވެ.

އެމްޑީޕީގެ ދެ ވަނަ ދައުރަކަށް އެ ޕާޓީއާ އެކު ކޯލިޝަނަށް އިތުރުވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އެވެ.