Roadha Mihaaru
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި

އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި

02 ޑިސެމްބަރ 2018

"އަޅުގަނޑުމެން މި އުފައްދަނީ ގައުމީ ރައްޔިތުންގެ ސަރުކާރެއް. މިއީ އެންމެ މީހެއްގެ ނުވަތަ އެންމެ ބައެއްގެ ސަރުކާރެއް ނޫން. މިއީ މިއަދު މި ގައުމަށް ބޭނުންވެފައި އޮތް ގޮތް،" ހަތަރު ލީޑަރުން "އެއް ގަލަކަށް" އެރުވުމުގެ މަޝްވަރާތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރ. ހުޅުދުއްފާރުގައި ވިދާޅުވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

"އަޅުގަނޑުމެން މި އުފައްދަނީ ގައުމީ ރައްޔިތުންގެ ސަރުކާރެއް. މިއީ އެންމެ މީހެއްގެ ނުވަތަ އެންމެ ބައެއްގެ ސަރުކާރެއް ނޫން. މިއީ މިއަދު މި ގައުމަށް ބޭނުންވެފައި އޮތް ގޮތް،" ހަތަރު ލީޑަރުން "އެއް ގަލަކަށް" އެރުވުމުގެ މަޝްވަރާތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރ. ހުޅުދުއްފާރުގައި ވިދާޅުވި އެވެ.

އެކަމަކު އެމަނިކުފާނުގެ އެ ބަސްފުޅާ އެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ ހަފުތާ ތެރޭގައި، ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ނިންމި ނިންމުމާ އެކު ކޯލިޝަންގެ ދުވަސް ދާން ކައިރިވެއްޖެ ކަމަށް، އާންމުންނަށް ހީކުރެވިދާނެ އެވެ.

ބާރުގަދަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން ނެރުނު "ގައުމީ ފޯމިއުލާ"ގެ އެއް ބަޔަކީ ރިޔާސީ އިންތިހާބުގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބަށް ވެސް ހަތަރު ލީޑަރުން ގުޅިގެން ވާދަކުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޕާޓީތަކުގެ ކުޑަބޮޑު މިނަށް ބަލައިގެން ގޮނޑިތައް ބަހާލުމެވެ.

އެކަމަކު ރޭ އެމްޑީޕީގެ ގައުމީ މަޖިލިހުން ނިންމީ، ލީޑަރުން އެއްބަސްވެ، ސޮއިކޮށްފައިވާ ގޮތާ ހިލާފަށް، ރައްޔިތުންގެ މަޖިލިހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ މަދަދާއި އެހީތެރިކަން ލިބިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ވެސް ހިމެނޭ ގޮތަށް ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، މައުމޫނަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ 15 ޕަސެންޓް އެވެ. އެކަމަކު އެއްބަސްވުމުގައި މައުމޫން އަދި ސޮއެއްނުކުރައްވަ އެވެ.

ލީޑަރުންގެ މެދުގައި ހެދި އެއްބަސްވުން ވަކިވަކިން އެކުލަވާލި އިރު، އެމްޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. ކުރީގެ ރައީސް އަދި އަދި ރޭގެ ގައުމީ މަޖިލިހުގައި އިސްކޮށް އިންނެވި މުހައްމަދު ނަޝީދު، އޭރު ހުންނެވީ އަރުވާލެއްވިގެން ރާއްޖެ އިން ބޭރުގަ އެވެ.

ކޯލިޝަނުން އެއްބަސްވެފައިވާ ގޮތަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ގޮނޑިތައް ބަހައިފި ނަމަ، އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް 17 ދާއިރާ އެވެ.

އެކަމަކު ހަސަން ވިދާޅުވީ މަޖިލިހުގެ އިންތިޚާބާ ގުޅޭ ބައިގެ އެއްބަސްވުމުގައި ސޮއިނުކުރައްވާ ކަމަށެވެ.

ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވީ ނަޝީދުގެ ކުއްލި ހުށައެޅުވުމަކަށެވެ. އަދި 87 ދާއިރާ އަށް ވާދަކުރަން ގައުމީ މަޖިލީހުން ނިންމި އިރު، ހަތަރު ލީޑަރުން "އެއް މޭޒު ދޮށަކަށް" ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ގައުމީ ޖަލްސާއަށް ރައީސް ވަޑައިނުގެންނެވީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ޝެޑިއުލްގައި ކުރިން ކަންތައްތަކެއް ހުރުމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެކަމަކު ސުވާލަކީ 87 ދާއިރާ އަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކޮށްފައިތޯ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އިއްތިފާގުވި އެއް ކަމެއް އޮތެވެ؛ މާޒީން ލިބުނު އިބުރަތްތަކުގެ ބޭނުން ހިފައި، މިފަހަރުގެ ކޯލިޝަން ރޫޅިގެން ދާން އެމީހުން ބޭނުންނުވުމެވެ. އެކަމަކު ހަމަ އެ ނޭވާގައި މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރަން ވެސް ބޭނުންވެ އެވެ. ސަބަބަކީ، ގައުމީ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، އެމްޑީޕީ އަށް މަދުން ގޮނޑި ލިބިގެން ސަރުކާރު ދެމެހެއްޓުމުގެ ފުރުސަތު ކުޑަވީމަ އެވެ.

އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިހާބް ވިދާޅުވީ ކޯލިޝަން ދަމަހައްޓަން ބޭނުން ނަމަ، މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރަން ޖެހޭނީ އެކީގައި ގޮސްގެން ކަމަށެވެ. އެހެން ނޫނީ ކޯލިޝަން ނުދެމެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަން ދަމަހައްޓަން ބޭނުން ނަމަ، ހުރިހާ އެންމެން ވެސް ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހިލާފައި. އެންމެންނަށް އެކީގައި ނުދެވޭ ކަމަށްވާ ނަމަ، ދެވޭ ބަޔަކާ އެކީގައި ގޮސް، މި ވެރިކަން ދަމަހައްޓަން ޖެހޭ. މެމްބަރުން ގަބޫލެއް ނުވާނެ، އަޅުގަނޑުމެން މެމްބަރުން ތިން، ހަތަރު މަސް ދުވަސް ފަހުން މަގުމަތީގައި ތިބޭކަށް،" ކުރީގެ މާލެ ސިޓީގެ މޭޔަރު ކަން ވެސް ކުރެއްވި ޝިހާބް، ރޭގެ ޖަލްސާގައި، ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހީސަމާސަކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހީސަމާސަކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޑީޕީގެ ކުއްލި މި ނިންމުމާ ގުޅިގެން ކޯލިޝަންގެ އެހެން ޕާޓީތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު އެ ޕާޓީތަކުގެ ބައެއް އެބޭފުޅުން ވެސް ވިދާޅުވީ އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު ނުކުތް ސަރުކާރު ދެމެހެއްޓުން ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަލިކަށިކޮށްލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި މެޖޯރިޓީ ރައްޔިތުންގެ އިހްސާސްތަކާއި އުންމީދުތަކާ އެއްގޮތަށް ގުޅިގެން ކުރިއަށް ދާން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކުރެއްވި ޓުވީޓު.

މައުމޫންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައިމިނަތު ނާދިރާ ވިދާޅުވީ ގިނަ ރައްޔިތުން ތިބީ ކޯލިޝަނަކުން އުފެދުނު ފަސް އަހަރުގެ ވެރިކަން ދިފާއުކޮށް ދިނުމަށް ކަމަށެވެ. މަޖިލީހުގެ އިންތިޚާބާ ގުޅޭ އެއްބަސްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަސަން ލަތީފް ސޮއިކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރުހުން ނުލިބިތޯ ނޫނީ ސިއްރުންތޯ ސުވާލު އުފެދޭތީ ރައީސްގެ ބަސްފުޅެއް މިކަމުގައި މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫންގެ ފަޅީގައި ހުންނެވި މެމްބަރު ސައުދުﷲ.

ނާދިރާ ކުރެއްވި ޓުވީޓު.

އެމްޑީޕީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، އޭނާ ބައިވެރިވެވަޑައިގެންނެވި ގައުމީ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި، ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައީ އެތައް ބަޔަކު ވި ގުރުބާނީގެ ސަބަބުން ކަމަށެވެ. އެހެންވެ އަލުން ރައްޔިތުން މަގުމަތީގައި ތިބެން ބޭނުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ކޯލިޝަން ދެމެހެއްޓުމަށް، ވާހަކަ ދައްކައިގެން މިއަށް ހައްލެއް ލިބޭނެ ގޮތެއް ހޯދުން،" ކުރިން މައުމޫންގެ އަރިހުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި މަހްލޫފް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިޚާބު ދާއިރާތައް ކަނޑައެޅުމުގެ މަޝްވަރާގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވި ނަޝީދު، ރޭގެ ބައްދަލުވުމުގައި، ވިދާޅުވީ އިންތިޚާބުގައި އެމްޑީޕީ އަށް 35 ދާއިރާ ދިނުމަކީ އެންމެ ހައްގު މިންވަރު ނޫން ކަމަށެވެ. އެކަމަކު ހަތަރު ލީޑަރުންނާ ވަކިވަކިން އެތައް ފަހަރަކު މަޝްވަރާ ކުރެއްވި އިރު، އެ ހުރިހާ ބޭފުޅުން އަބަދުވެސް ވިދާޅުވަމުން ގެންދެވީ 40 ޕަސަންޓުގެ މިންވަރަށް އެއްބަސްވާން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރަައީސް ނަޝީދާއި އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރަައީސް ނަޝީދާއި އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޕާޓީ އޮފީހުގައި ފަހުން މަޝްވަރާ ކުރެވުނު އިރު ވެސް 35 ގޮނޑި ނޫން ގޮތަކަށް، ހާއްސަކޮށް ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓަށާއި އަދާލަތު ޕާޓީ އަށް އެއްބަސްނުވެވުނު. އެ ވާހަކަތަކުން ފެންނަމުން ދިޔައީ ޖުމްހޫރީ ޕާޓީން ކުޑަ ނަމަވެސް ދޮރެއް ހުޅުވަމުން ދިޔަ ތަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަމާޒަކީ މަޖިލީހުގެ ގިނަ ގޮނޑި ހޯދުމެއް ނޫނެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިފެހެއްޓުމަކީ އެންމެ އިސް ވާޖިބު ކަމަށް ވާތީ، އެމްޑީޕީން ވީހާވެސް ގިނަ ގޮނޑިއެއް ހޯދުން މުހިންމު ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާ ގުޅިގެން އެންމެ ބޮޑަށް ޖޯކު ޖަހަމުން އަންނަނީ އިދިކޮޅު ޕީޕީއެމުންނެވެ. ސޯޝަލް މީޑިއާގައި ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ، ކޯލިޝަން ސަރުކާރު ރޫޅިގެން ދިއުމުގެ ފުރަތަމަ މަރުހަލާ ފެށިފައިވާ ކަމަށް ބުނެ، ފާޑުކިއުއްވަމުންނެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ އެންމެ މުހިންމު ތަނބުގައި ރެނދު އަޅުވާލީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީން ގެއްލުވާލި އެއްޗަކީ އިތުބާރާއި ޔަގީން ކަން ކަމަށް ވިދާޅުވެ، ނިހާން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ނިހާން ކުރެއްވި ޓުވީޓު.

"އެއް ހޮރަކުން ތިން ފަހަރު ކަށި މި ޖެހީ. އެމްޑީޕީން މީހުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ދިމާލަށް ވަގަށް ގޮވައި، މަކަރު ހަދައި އޮޅުވާލައިގެން ވެރިކަމަށް އަރާފައި އެއްބަސްވުމާ ވެސް ހިލާފު މިވީ އެމްޑީޕީން،" ނިހާން ވިދާޅުވި އެވެ.

"އެމްޑީޕީއާ އެކު އަހުދުނާމާއެއްގައި ސޮއިކޮށްގެން ނުތިބެވޭނެ. ހަމަ އާއި އިންސާފުން ކުރަން ޖެހޭ ކަމެއް ނުކުރެވޭނެ."

އެމްޑީޕީގެ ނިންމުމުގެ ސަަބަބުން، ޕީޕީއެމުން މަޖިލީހުގައި އެކަށީގެންވާ ގޮނޑިތަކެއް ހޯދާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.