Roadha Mihaaru
ސައުދީ ކްލަބްގެ އަގުބޮޑު ޑީލް އެމްބާޕޭ ގަބޫލެއް ނުކުރި

ސައުދީ ކްލަބްގެ އަގުބޮޑު ޑީލް އެމްބާޕޭ ގަބޫލެއް ނުކުރި: ރިޕޯޓް

27 ޖުލައި 2023

ޕެރިސް (ޖުލައި 27) - ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ބަދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެ ކްލަބްގެ އޮފިޝަލުންނާ ބައްދަލުކުރަން ވެސް ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ދެކޮޅު ހަދައިފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ޖުލައި 27) - ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ބަދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެ ކްލަބްގެ އޮފިޝަލުންނާ ބައްދަލުކުރަން ވެސް ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ދެކޮޅު ހަދައިފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

އަލް ހިލާލް އިން ވަނީ އެމްބާޕޭ ގަންނަން ޕީއެސްޖީ އަށް 332 މިލިއަން ޑޮލަރު (300 މިލިއަން ޔޫރޯ) ގެ އަގެއް ހުށަހަޅައިފަ އެވެ. އަދި ޕީއެސްޖީ އިން ވަނީ ޓްރާންސްފާގެ ކަންކަމާ ގުޅޭގޮތުން ސީދާ އެމްބާޕޭ އާ ވާހަކަ ދެއްކުމުގެ ހުއްދަ ހިލާލް އަށް ދީފަ އެވެ. ނަމަވެސް ފްރާންސްގެ ޕެރިހުގައި ތިބި އަލް ހިލާލްގެ އޮފިޝަލުންނާ ބައްދަލުކުރަން އެމްބާޕޭ ދެކޮޅު ހަދާފައި ވާކަމަށް ފްރާންސްގެ ލެކީޕް ނޫހުން ރިޕޯޓް ކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީ ކްލަބްގެ އޮފިޝަލުން ޕެރިހަށް ގޮސް ތިބީ، ރަޝިއާގެ ޒެނިތަށް ކުޅެމުން އަންނަ، ބާސެލޯނާއަށް ކުޅުނު ފޯވާޑް ބްރެޒިލްގެ މެލްކޮމްގެ ޓްރާންސްފާގެ ކަންކަން ނިންމުމަށެވެ.

ޕީއެސްޖީގެ ޕްރީ ސީޒަން ޓުއާގައި ބައިވެރި ނުކުރާތީ އެމްބާޕޭ ޕެރިހުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، މި ދަތުރުގައި ހިލާލް އިން ބޭނުންވީ ކްލަބުގެ ޕްރޮޖެކްޓް އެމްބާޕޭއާ ހިއްސާ ކުރާށެވެ. ނަމަވެސް ސައުދީ އަށް ބަދަލުވުމުގެ ވިސްނުން އޭނާ އެއްގޮތަކަށް ވެސް ނުގެންގުލޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަލް ހިލާލް އަކީ އޭޝިއާގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ކްލަބެވެ. މިއަހަރުގެ ފައިނަލްގައި ވެސް ކުޅުނު އަލް ހިލާލް ވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއް އަހަރު ދުވަހަށް އެމްބާޕޭ އަލް ހިލާލަށް ކުޅެދޭން އެއްބަސް ވެއްޖެ ނަމަ މުސާރައިގެ ގޮތުގައި ޖުމްލަ 776 މިލިއަން ޑޮލަރު ދޭން އެ ކްލަބުން ތިބީ ތައްޔާރަށެވެ. އަދި އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލުވާން ވެސް ހިލާލްގެ އޮފާއިން ހުރަހެއް ނެތެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވުމުން، ހިލޭ ޓްރާންސްފާގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައި ވާކަމަށް ޕީއެސްޖީން ދެކެ އެވެ. އެއީ ޕީއެސްޖީގައި ކޮންޓްރެކްޓް އާކުރަން އެމްބާޕޭ ބޭނުން ނުވުމުންނެވެ.

އެމްބާޕޭ ބޭނުން ވަނީ ކޮންޓްރެކްޓް ހަމަވަންދެން ޕީއެސްޖީގައި މަޑުކުރާށެވެ. ނަމަވެސް ހިލޭ ޓްރާންސްފާގައި އެމްބާޕޭ ހޯދުމުގެ ޝަރަފް، ވާދަވެރި އެހެން ކްލަބަކަށް ލިބުނަ ނުދޭން، ޕީއެސްޖީން ވަނީ މި ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ވިއްކާލަން ނިންމައިފަ އެވެ.