Roadha Mihaaru
ސުލްހައިގެ ވާހަކަތަކަށް ދެކޮޅެއް ނުހަދަން: ޕުޓިން

ސުލްހައިގެ ވާހަކަތަކަށް ދެކޮޅެއް ނުހަދަން: ޕުޓިން

30 ޖުލައި 2023

ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާ އިން އެއްވެސް އިރެއްގައި ދެކޮޅު ނުހަދާ ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ރޭ ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާ އިން އެއްވެސް އިރެއްގައި ދެކޮޅު ނުހަދާ ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ރޭ ވިދާޅުވެއްޖެ އެވެ.

ސެންޓް ޕީޓްސްބާގްގައި ބޭއްވި ރަޝިޔާ-އެފްރިކާ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭން މައްސަލަ ހައްލުކުރުމުގައި އަސާސެއް ކަމަށް ބަލާނީ ޗައިނާ އާއި އެފްރިކާގެ ގައުމުތަކުން ލިބިފައިވާ ހުށަހެޅުމެވެ. އެހެން ނަމަވެސް، ޔޫކްރޭން ސިފައިން ހަނގުރާމައިގެ ހާލަތުގައި ތިބިހާ ހިނދަކު، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ އާއި އެފްރިކާގެ ގައުމުތަކުން ވެސް ވަނީ، ޔޫކްރޭން މައްސަލަ އަށް ސުލްހަވެރި ދާއިމީ ހައްލެއް ހޯދުމުގެ ހުށަހެޅުމެއް ރަޝިޔާ އާއި ޔޫކްރޭނަށް ހުށަހަޅައިފަ އެވެ. އެ ދެ ހުށަހެޅުމާ ބެހޭ ގޮތުން ވެސް، ރަޝިޔާ އާއި ޔޫކްރޭނުން ބުނެފައިވަނީ، ވަކި ޝަރުތަކަކާ އެކުގައި ނޫނީ މަޝްވަރާގެ މޭޒު ދޮށަށް ހާޒިރު ނުވާނެ ކަމަށެވެ.

އެ ގޮތުން ޔޫކްރޭނުން ހުށަހަޅާ ފުރަތަމަ ޝަރުތަކީ، 1991 ވަނަ އަހަރު އެ ގައުމުގެ ސަރަހައްދުގެ ގޮތުގައި އޮތް ހުރިހާ ބިމެއް އަނބުރާ އެ ގައުމަށް ލިބުމެވެ. ޔޫކްރޭނުން އެ އިޝާރާތް ކުރާ ބިންތަކަކީ މިހާރު ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ބިންތަކެވެ.

ނަމަވެސް ޔޫކްރޭންގެ އެ ޝަރުތަށް ރަޝިޔާ އިން ފާޅުގައި ދެކޮޅު ހަދަ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭން މައްސަލަ އަށް ދާއިމީ ހައްލެއް ހޯދޭނީ، ޔޫކްރޭންގެ ސަރަހައްދު މިހާރު އޮތް ގޮތަށް ޔޫކްރޭނުން ރުހި ގަބޫލު ވެގެންނެވެ.

ޕުޓިން ރޭ ވިދާޅުވި ގޮތުގައި މި މަހުގެ ކުރީކޮޅު ކްރީމިއާ ބްރިޖް ގޮއްވައިލުމާ ގުޅިގެން، ދާޚިލީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވާނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އަދި އެ ހަމަލާ ދިން ޓެރަރިސްޓުން އަތުލައިގަނެ އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ފަހުގައި ނޫނީ، އެ ފައިލް ބަންދު ނުކުރާނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ކްރީމިއާ ބްރިޖް ގޮއްވައިލީ ޔޫކްރޭނުން ކަމަށް ރަޝިޔާ އިން ތުހުމަތު ކުރި ނަމަވެސް، އެކަމާ ބެހޭ ގޮތުން ޔޫކްރޭނުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.