Roadha Mihaaru
އެންޓާޓިކާ އިން އާޖެންޓީނާ ވަރުގެ ގަނޑުފެން ނެތިއްޖެ

އެންޓާޓިކާ އިން އާޖެންޓީނާ ވަރުގެ ގަނޑުފެން ނެތިއްޖެ

30 ޖުލައި 2023

ދުނިޔޭގެ ދެކުނު ތަނޑީގައި (ސައުތު ޕޯލް)، އެންޓާޓިކް ކަނޑުގެ މެދުގައި ވަކި ޖަޒީރާއެއްގެ ގޮތުގައި އޮންނަ ގަނޑުފެނުގެ ބައްރު، އެންޓާޓިކާ އިން، ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ގަނޑުފެންތައް ވިރުމަކީ އާންމު ކަމެކެވެ. ހޫނު މޫސުމުގައި ވިރިގެންދާ ގަނޑުފެނާ އެއްވަރަށް، ފިނި މޫސުމުގައި އާ ގަނޑުފެން އުފެދުމަކީ ވެސް، އެ ބައްރުގެ އާންމު އުސޫލެވެ.

ދުނިޔޭގެ ދެކުނު ތަނޑީގައި (ސައުތު ޕޯލް)، އެންޓާޓިކް ކަނޑުގެ މެދުގައި ވަކި ޖަޒީރާއެއްގެ ގޮތުގައި އޮންނަ ގަނޑުފެނުގެ ބައްރު، އެންޓާޓިކާ އިން، ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ގަނޑުފެންތައް ވިރުމަކީ އާންމު ކަމެކެވެ. ހޫނު މޫސުމުގައި ވިރިގެންދާ ގަނޑުފެނާ އެއްވަރަށް، ފިނި މޫސުމުގައި އާ ގަނޑުފެން އުފެދުމަކީ ވެސް، އެ ބައްރުގެ އާންމު އުސޫލެވެ.

ނަމަވެސް ދުނިޔެ ހޫނުވުމުގެ މައްސަލަ ކުރިމަތިވާން ފެށި ފަހުން، އެ ބައްރުގެ ގަނޑުފެންތައް ވިރޭ މިންވަރާ އެއްވަރަށަ ގަނޑުފެން ނުއުފެދުމަކީ، މި ބިމުގެ ގުދުރަތީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

އަހަރުގެ މި ދުވަސްވަރަކީ އެންޓާޓިކާގެ ހޫނު މޫސުމެވެ. އެންޓާޓިކާގެ ބައެއް ސަރަހައްދުތަކުގައި ހޫނު މޫސުމުގެ ދިގުމިނަކީ ހަ މަސް ދުވަހެވެ. ހޫނު މޫސުމުގައި އެންޓާޓިކާގެ ބައެއް ސަރަހައްދުތަކަށް އިރު ނުއޮއްސި ހަ މަސް ދުވަސް ހޭދަވާނެ އެވެ. އަދި އެންޓާޓިކާގެ އެހެން ބައެއް ސަރަހައްދުތަކުގައި ދުވާލުގެ ދިގުމިން 22 ނުވަތަ 23 ގަޑިއިރަށް ދެމިގެންދާނެ އެވެ.

އެންޓާޓިކާގެ ފިނި މޫސުން ވެސް ހަމަ މިފަދަ އެވެ. ހަ މަސްދުވަހަށް ދެމިގެންދާ ފިނި މޫސުމުގައި އެންޓާޓިކާގެ ބައެއް ސަރަހައްދުތަކަށް އެއްގޮތަކަށް ވެސް އިރެއް ނާރާނެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ރޭގަނޑުގެ ދިގުމިނަކީ 22 ނުވަތަ 23 ގަޑިއިރެވެ. ދުނިޔޭގެ އުތުރު ތަނޑި އާޓިކްގެ ވެސް މޫސުން ހުންނާނީ މި ގޮތަށެވެ.

ސައެންސްވެރިން ބުނާ ގޮތުގައި، ހޫނު މޫސުމަށް ވިރިގެންދާ ގަނޑުފެނުގެ ބަދަލުގައި ފިނި މޫސުމުގައި އުފެދޭ ގަނޑުފެނުގެ މިންވަރު މިދިޔަ އަހަރުތަކުގައި ދިޔައީ އަހަރުން އަހަރަށް ދަށަށެވެ. އެންޓާޓިކާގެ ގަނޑުފެންތައް އޮކްޓޫބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމައަށް ދާނީ ވިރެމުންނެވެ.

މުޅި އެންޓާޓިކާއަށް ބަލާއިރު ވެސް، މިދިޔަ އަހަރުތަކުގެ ހޫނު މޫސުންތަކުގައި ގަނޑުފެންތައް ވިރިގެން ދިޔަ މިންވަރަށް، އެ ބައްރުގެ އެއްވެސް ސަރަހައްދެއްގައި، ފިނި މޫސުންތަކުގައި ގަނޑުފެން އަލުން އުފެދިފައި ނެތް ކަމަށް ސައެންސްވެރިން ބުނެ އެވެ. އަދި މިދިޔަ އަހަރަކީ، އެ ބައްރުގެ ފިނިހޫނުމިން ބަލަހައްޓަން ފެށިތާ މިވީ 45 އަހަރުގެ ތެރޭގައި، އެ ބައްރުގެ ގަނޑުފެންތައް އެންމެ ބޮޑަށް ވިރިގެން ދިޔަ އަހަރު ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.

އެމެރިކާގެ އިދާރާއެއް ކަމަށްވާ، ނޭޝަނަލް ސްނޯ އެންޑް އައިސް ޑާޓާ ސެންޓަރުގެ ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ތެރޭގައި އެންޓާޓިކާގައި ގަނޑުފެން ހުރި މިންވަރަށް ވުރެ މިހާރު އެ ބައްރުގައި ހުރި ގަނޑުފެނުން ގާތްގަނޑަކަށް 1.6 މިލިއަން އަކަ ކިލޯމީޓަރު މަދުވެއްޖެ އެވެ. އަދި 1981 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ގަނޑުފެން ހުރި މިންވަރާ އަޅައި ބަލާއިރު، މިހާރު އެ ބައްރުން ވަނީ 2.6 މިލިއަން އަކަ ކިލޯމީޓަރުގެ ގަނޑުފެން މަދުވެފަ އެވެ.

މިއީ ގާތްގަނޑަކަށް އާޖެންޓީނާގެ ބޮޑުމިނާ އެއްވަރުގެ މިންވަރެކެވެ. ނުވަތަ އެމެރިކާގެ ޓެކްސަސް، ކެލިފޯނިއާ، ނިއު މެކްސިކޯ، އެރިޒޯނާ، ނެވާޑާ، އޫޓާ އަދި ކޮލޮރާޑޯ އެއްކޮށްލުމުން އުފެދޭހާ ބޮޑު ސަރަހައްދެކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ދުނިޔެ ހޫނުވުމާ ގުޅިގެން މުޅި އެންޓާޓިކާގެ ހާލަތު މިހާރު ބަދަލުވެއްޖެ އެވެ. އަދި އާންމު ގުދުރަތީ އުސޫލުން، އެ ބައްރުގައި އިހު ހުރި މިންވަރަށް އަލުން ގަނޑުފެންތައް އުފެދޭނެ ކަމަށް ބެލުމަކީ ކުށް ހީއެކެވެ.

މީގެ ކުރީގެ މައުލޫމާތުތަކަށް ބަލާއިރު އެންޓާޓިކާގެ ގަނޑުފެންތައް ވިރޭ މިންވަރު އާދަޔާ ޚިލާފަށް މައްޗަށް ދާން ފެށީ، ނުވަތަ ވިރޭ މިންވަރަށް އަލުން ގަނޑުފެން ނުއުފެދެން ފެށީ، 2016 ވަނަ އަހަރުން ފެށިގެންނެވެ.

އޭގެ ކުރީގެ ހިސާބުތަކަށް ބަލާއިރު، ބައެއް އަހަރުގެ ހޫނު މޫސުމުގައި ގަނޑުފެންތައް ވިރިގެންދާ މިންވަރަށް އެ އަހަރުގެ ފިނި މޫސުމުގައި ގަނޑުފެން ނުއުފެދުމަކީ އާންމު ކަމެކެވެ. ނަމަވެސް ޖެހިގެން އަންނަ އަހަރުގެ ފިނި މޫސުމުގައި އެ އުނިކަން ފޫބެދޭ މިންވަރަށް އަލުން ގަނޑުފެން އުފެދިފައި އެބަހުއްޓެވެ.

ނަމަވެސް ދުނިޔެ ހޫނުވުމުގެ މައްސަލަ ނުރައްކާތެރި މިންވަރަކަށް މައްޗަށް ދިޔަ ފަހުން، އަހަރުން އަހަރަށް ގަނޑުފެން އުފެދޭ މިންވަރަށް ވުރެ އަހަރުން އަހަރަށް ގަނޑުފެން ވިރޭ މިންވަރު ދަނީ އިތުރުވަމުންނެވެ.