Roadha Mihaaru
ހިތްގައިމު ފޮޓޯއެއް، އެކަމަކު ހިތާމަވެރި މަންޒަރެއް

ހިތްގައިމު ފޮޓޯއެއް، އެކަމަކު ހިތާމަވެރި މަންޒަރެއް

19 ޖޫން 2019

ކޯޕެންހޭގަން (ޖޫން 19) - ޑެންމާކްގެ މޫސުމާ ބެހޭ އިދާރާގައި މަސައްކަތް ކުރައްވާ ސައިންޓިސްޓެއް ކަމަށްވާ ސްޓެފެން އޮލްސެން ވަޑައިގެންނެވީ ކަނޑުތަކާއި މޫސުން ދިރާސާ ކުރަން ބެހެއްޓި އާލާތްތަކެއް ހޯދާށެވެ. އެކަމަކު އޭނާ އަށް ކުރިމަތިވީ މުޅިން ތަފާތު މައްސަލައެކެވެ. މުޅިން ގަނޑުވެފައިވާ ކަނޑުގެ ގަނޑުފެންގަނޑުގެ މަތީގައި އޮތީ ވިރިފައިވާ، ހިނގަ ހިނގާ އޮތް ލޮނުގަނޑެކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޯޕެންހޭގަން (ޖޫން 19) - ޑެންމާކްގެ މޫސުމާ ބެހޭ އިދާރާގައި މަސައްކަތް ކުރައްވާ ސައިންޓިސްޓެއް ކަމަށްވާ ސްޓެފެން އޮލްސެން ވަޑައިގެންނެވީ ކަނޑުތަކާއި މޫސުން ދިރާސާ ކުރަން ބެހެއްޓި އާލާތްތަކެއް ހޯދާށެވެ. އެކަމަކު އޭނާ އަށް ކުރިމަތިވީ މުޅިން ތަފާތު މައްސަލައެކެވެ. މުޅިން ގަނޑުވެފައިވާ ކަނޑުގެ ގަނޑުފެންގަނޑުގެ މަތީގައި އޮތީ ވިރިފައިވާ، ހިނގަ ހިނގާ އޮތް ލޮނުގަނޑެކެވެ.

އޮލްސެންގެ ގާޑިޔާ ދަމަން ބަނދެފައިވާ ކުއްތާތަކަށް ދުވަން ޖެހުނީ ކަކޫތާ ފެނުގަ އެވެ. ޖޫން 13 ގައި ދިމާވި އެކަންތައް ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވުމުން ވަނީ ވަރަށް ވައިރަލްވެފަ އެވެ. އެއީ އެ ފޮޓޯ އިން ހީވަނީ ކަނޑުގެ ލޮނުގަނޑުމަތީން ކުއްތާތައް ދުވާތަން ފެންނަ ހެންނެވެ.

މިއީ ކިތަންމެ ރީތި ފޮޓޯއަކަށް ވިޔަސް މި ފޮޓޯ ލާން ޖެހެނީ ބަނޑަށް މަރުވަމުންދާ ޕޯލާ ބެއާ އާއި އޮޔާދާ ވޯލްރަސް އަދި ހިކި ތަމާން ވެފައިވާ ކުޅިތަކުގެ ފޮޓޯތައް ހިމެނޭ ލިސްޓަށެވެ. ބުނެވި ދިޔަ ލިސްޓަކީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑެތި ގެއްލުން ލިބެނިވި ބަދަލުތައް ދައްކުވައިދޭ ފޮޓޯތަކުގެ ލިސްޓެވެ.

ޓްވިޓާގައި އޮލްސަން ވިދާޅުވި ގޮތުގައި ގްރީންލޭންޑްގައި ދިރިއުޅޭ އިންޑެޖިނިއަސް މީހުންނަކީ ގަނޑުވެފައިވާ ކަނޑަށް ވަރަށް ބޮޑަށް ބަރޯސާ ކުރާ ބައެކެވެ. ކަނޑުގެ ގަނޑުފެނަށް އެމީހުން ބަރޯސާކުރަނީ މަސްވެރިކަމާއި ޝިކާރަ ކުރުމުގަ އެވެ.

ފޮޓޯއިން ފެންނަ ގަނޑުފެންތައް މިހާ ބާރަށް ވިރެމުން ދިއުމުން އެންމެ ފުރަތަމަ އަސަރުކުރާނެ ބަޔަކީ ގްރީންލޭންޑްގައި އުޅޭ މީހުންނެވެ. އެކަމަކު އެއީ އެމީހުންނާ ހިސާބުން ނުވަތަ އުތުރު އެމެރިކާ ބައްރުގެ މީހުންނާ ހިސާބުން ނިމޭނެ ކަމެއް ނޫނެވެ.

ގްރީންލޭންޑްގެ ގަނޑުފެންތައް ވިރޭ މޫސުން ދެމިގެން ދަނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހާ ހަމަ އަށެވެ. އެކަމަކު އެންމެ ބޮޑަށް ގަނޑުފެން ވިރެނީ ޖުލައި މަހު އެވެ. އެއީ އެ ސަރަހައްދަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް އައި އިރު ފެނިފައި ވަނީ ގަނޑުފެނުގެ ބޮޑު ބައެއް ވިރުނު މަންޒަރެވެ. އެގޮތުން ޖޫން 13 ގައި ގްރީންލޭންޑްގެ 40 ޕަސެންޓް ސަރަހައްދުގައި ގަނޑުފެންތައް އޮތީ ވިރެން ފަށައިފަ އެވެ. ސައިންސްވެރިން އަންދާޒާކޮށްފައިވާ ގޮތުގައި އެދުވަހު ދެ ބިލިޔަން ޓަނަށް ވުރެ ގިނަ ގަނޑުފެން ވިރުނެވެ. ވައިރަލް ވެގެން އުޅޭ މި ފޮޓޯ އަކީ އެ ދުވަހު ނެގި ފޮޓޯ އެކެވެ.

ޔުނިވާސިޓީ އޮފް ޖޯޖިޔާގައި މަސައްކަތް ކުރައްވާ ސައިންޓިސްޓެއް ކަމަށްވާ ތޯމަސް މޯޓް ސީއެންއެން އަށް ވިދާޅުވެފައިވާ ގޮތުގައި ގްރީލޭންޑްގައި މިހެން ގަނޑުފެން ވިރުނުތަން މީގެ ކުރިން ފެނިފައި ވަނީ 2007، 2010 އަދި 2012 ވަނަ އަހަރު އެވެ.

"ނުވަދިހައިގެ ފަހުގެ އަހަރުތަކުގެ ކުރިން އަހަރެމެން މިފަދަ ކަމެއް ނުދެކެން،" އޭނާ ވިދާޅުވެފައިވެ އެވެ.

ގްރީލޭންޑްގެ ގަނޑުފެންތައް ވިރެމުން ދިއުމަކީ ކަނޑުގެ ލޮނުގަނޑު އުސްވާ މިންވަރަށް އަސަރުކުރުވާނެ ކަމެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ވެސް ކަނޑުގެ ލޮނުގަނޑު އުފުލުމެވެ. އެއީ އައްސޭރި ފަށުގައި ދިރިއުޅޭ އެތަން މިލިޔަން މީހުންނަކަށް އެމީހުންގެ ގެދޮރު ގެއްލޭނެ ކަމެކެވެ.

ފާއިތުވި ދެތިން ދުވަހު ސޯޝަލް މީޑިއާ އާއި ބައިނަލް އަގުވާމީ މީޑިއާގައި ވައިރަލްވެ، މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނު މި ފޮޓޯއަކީ ބަލައިލަން ރީއްޗަސް ވަރަށް ހިތާމަވެރި ފޮޓޯއެކެވެ.