Roadha Mihaaru
އެންޓާޓިކާގެ ގަނޑުފެނަށް ބޮޑެތި ބަދަލުތަކެއް

އެންޓާޓިކާގެ ގަނޑުފެނަށް ބޮޑެތި ބަދަލުތަކެއް

14 ޑިސެމްބަރ 2021

ދުނިޔޭގެ އުތުރު ޕޯލްގައި އޮންނަ އެންޓާޓިކާގައި އުފެދިފައިވާ ގަނޑުފެންތަކަށް، މުޅި ދުނިޔެ ސަމާލުވާން ޖެހޭ ފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް، ސައެންސްވެރިން އިންޒާރުކޮށްފި އެވެ.

ދުނިޔޭގެ އުތުރު ޕޯލްގައި އޮންނަ އެންޓާޓިކާގައި އުފެދިފައިވާ ގަނޑުފެންތަކަށް، މުޅި ދުނިޔެ ސަމާލުވާން ޖެހޭ ފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް، ސައެންސްވެރިން އިންޒާރުކޮށްފި އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި އެންޓާޓިކާގެ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، ކުރިއަށް އޮތް ފަސް އަހަރާއި 10 އަހަރާ ދެމެދު، އެ ސަރަހައްދުގެ އެންމެ ބިޔަ ގަނޑުފެންގަނޑަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެންޓާޓިކާގެ ގަނޑުފެންތަކުގެ ތެރެއިން ވެސް، ކަނޑުމަތީގައި އޮޔާ ދެމޭ އެންމެ ބިޔަ ގަނޑުފެންގަނޑު ކަމަށްވާ ތުވައިޓްސްގެ ހާލަތު މިހާރު އެހާ ގޯހެއް ނޫނެވެ. ނަމަވެސް، އެ ގަނޑުފެންގަނޑު ތުނިވަމުންދާ ނިސްބަތަށް ބަލާއިރު، ބާރު ވައިގައި ކާރެއްގެ ބިއްލޫރިގަނޑު ފުނޑިގެންދާ ފަދައިން އެ ގަނޑުފެންގަނޑު ކުދިކުދިވެގެން ވަޔަށް ބުރައިގެންދާ މިންވަރަށް ތުނިވާނެ ކަމަށް ބެލެވެ އެވެ.

ތުވައިޓްސް ގަނޑުފެންގަނޑު ވިރެމުންދާ ނިސްބަތަށް ބެލުމަށް ފަހު، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ސައެންސްވެރިންތަކެއް މިހާރު ވަނީ އެ ގަނޑުފެންގަނޑު ދިރާސާ ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، ތުވައިޓްސް ގަނޑުފެންގަނޑުން އަހަރެއްގެ ތެރޭގައި 50 ބިލިއަން ޓަނުގެ އައިސް، ވިރިގެން ކަނޑުތެރެއަށް ފައިބަ އެވެ.

މި މިންވަރަށް ގަނޑުފެން ވިރުމުން، މިހާރުން މިހާރަށް މާ ބޮޑު ގެއްލުންތަކެއް ނުފެނިދާނެ އެވެ. ނަމަވެސް، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ މިންވަރަށާއި އޭގެ ސަބަބުން ގަނޑުފެންތައް ވިރެމުންދާ ނިސްބަތަށް ބަލާއިރު، ތުވައިޓްސް ގަނޑުފެންގަނޑު އެކުގައި ވިރުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންވެއްޖެ ނަމަ، ކަނޑުގެ ލޮނުގަނޑު 65 ސެންޓިމީޓަރަށް އުފުލިދާނެ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ.

މިފަދަ ނުރައްކާތެރި ހާލަތެއް މިހިނދުން މިހިނދަށް ކުރިމަތި ނުވިޔަސް، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ނިސްބަތަށް ބަލާއިރު، އެ ހާލަތު މެދުވެރިވުމުގެ ފުރުސަތު އެބަ އޮތެވެ.

"ގަނޑުފެންގަނޑަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. ބޮޑަށް ބެލެވޭ ގޮތުގައި 10 އަހަރަށް ވުރެ ކުރު މުއްދަތެއްގައި ފާހަގަކުރެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެ. މިހާތަނަށް ޝާއިއުކޮށްފައި ހުރި ދިރާސާތަކާއި ޝާއިއުނުކޮށް ހުރި ދިރާސާތަކުން ވެސް އިޝާރާތް ކުރަނީ އެ މިސްރާބަށް ކަންތައް ބަދަލުވަމުން ދާ ކަމަށް،" ތުވައިޓްސް ގަނޑުފެންގަނޑު ދިރާސާކުރުމުގައި އިސްކޮށް އުޅުއްވާ އެމެރިކާގެ ޕްރޮފެސަރު ޓެޑް ސްކަމްބޯސް ވިދާޅުވި އެވެ

ތުވައިޓްސް އަކީ ވަރަށް ބިޔަ ގަނޑުފެންގަނޑެކެވެ. އޭގެ ބޮޑުމިން އިނގިރޭސި ވިލާތާ ނުވަތަ އެމެރިކާގެ ފްލޮރިޑާއާ ގާތްގަނޑަކަށް އެއްވަރެވެ. އަދި އެ ގަނޑުފެންގަނޑު އޮޔާ ދެމޭ ބާރުމިން، މިދިޔަ 30 އަހަރުގެ ތެރޭގައި ވަނީ ދެގުނަ އިތުރުވެފަ އެވެ. މި ބަދަލުތައް އަންނަ މައިގަނޑު ސަބަބަކީ އެ ސަރަހައްދުގެ ކަނޑުގެ އަޑީ ފަށަލައިގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށް ދިއުމެވެ.

ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުން، ގަނޑުފެންގަނޑު ވިރި ތުނިވެ އެވެ. ގަނޑުފެންގަނޑު ތުނިވާ ވަރަކަށް ކަނޑުގެ ތެރޭގައި އޮޔާ ދެމޭ ވަރު އިތުރުވެ އެވެ.