Roadha Mihaaru
ނޯރޯވައިރަސް: ކޮންކަހަލަ ކިހާ ނުރައްކާ އެއްޗެއް؟

ނޯރޯވައިރަސް: ކޮންކަހަލަ ކިހާ ނުރައްކާ އެއްޗެއް؟

31 ޖުލައި 2023

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށްހިންގުމުގެ ރޯގާގެ އަސްލަކީ "ނޯރޯވައިރަސް" ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. މިއީ މީހުން އެއްވާ އަދި ބަންދު ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ވައިރަސް އަކަށް ވާތީ ސަމާލުވެ ރައްކާތެރިވާން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށްހިންގުމުގެ ރޯގާގެ އަސްލަކީ "ނޯރޯވައިރަސް" ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. މިއީ މީހުން އެއްވާ އަދި ބަންދު ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ވައިރަސް އަކަށް ވާތީ ސަމާލުވެ ރައްކާތެރިވާން ވަނީ އިލްތިމާސްކޮށްފަ އެވެ.

ތިރީގައި އެ ވަނީ ސިއްހީ މައުލޫމާތު ގެނެސްދޭ "ވެބްއެމްޑީ" ވެބްސައިޓުގައި "ނޯރޯވައިރަސް" އާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގެ ހުލާސާ އެވެ.

ނޯރޯވައިރަސް އަކީ ކޮބާ؟

ނޯރޯވައިރަސް އަކީ ބޮޑުވަރުވާ މިންވަރަށް ހޮޑުލުމާއި ބޭރަށް ހިންގުން ޖައްސާ އެންމެ އާންމު ވައިރަސް ކަމަށް ވަނީ ބެލެވިފަ އެވެ. ކާބޯތަކެތީގެ ޒަރިއްޔާއިން ވަރަށް ފަސޭހަކަމާ އެކު ފެތުރޭ މި ވައިރަސްގެ ސަބަބުން ސިއްހީ ގޮތުން މީހާ ވަރަށް ބޮޑަށް ބަލިކަށިކޮށްލަ އެވެ.

ނޯރޯވައިރަސް އަށް އެންމެ ފުރަތަމަ ކިޔައި އުޅުނު ނަމަކީ "ނޯވޯކް ވައިރަސް" އެވެ. އެއީ މި ވައިރަސް އެންމެ ފުރަތަމަ އާންމުކޮށް ފެތުރުނު، އެމެރިކާގެ އޮހާޔޯގެ ނޯވޯކް ސިޓީ އަށް ނިސްބަތްކޮށް ދިން ނަމެކެވެ. އެއީ 1972 ވަނަ އަހަރު އެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން އަންދާޒާކުރާ ގޮތުގައި މި ވައިރަސް އިން އެމެރިކާގައި ކޮންމެ އަހަރަކު 19-21 މިލިއަން މީހުންނަށް ބަނޑުގެ މައްސަލަތަކާ ކުރިމަތިވެ އެވެ. އަދި މީގެ ތެރެއިން 450،000 މީހުން ހޮސްޕިޓަކުން ފަރުވާ ހޯދަންޖެހޭ ވަރަށް ބަލިވެ އެވެ. ކާބޯތަކެތީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު މިންވަރެއް ހިއްސާކުރަނީ މި ވައިރަސް އެވެ. ނޯރޯވައިރަސްގެ އެކި ވައްތަރު ހުރެ އެވެ. އެހެންވެ، މީގެ އެއް ބާވަތުގެ ވައިރަސް ޖެހުނަސް އެއީ އޭގެ އެހެން ވައިރަސްތަކުން މީހާ ރައްކާތެރިވާނެ ދިފާއު ހަށިގަނޑުގައި އުފެދޭ ސަބަބަކަށް ނުވެ އެވެ.

ނޯރޯވައިރަސް

ނޯރޯވައިރަސް

އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ފެތުރޭ މި ވައިރަސް އެމެރިކާގައި އެންމެ އާންމީ ފިނި މޫސުމުގަ އެވެ. އެހެންވެ މިއަށް "ވިންޓަ ވޮމިޓިން ބަގް" އޭ ވެސް ކިޔަ އެވެ. އަދި މިއީ ފުޑް ޕޮއިޒަނިން ނުވަތަ ކާނާ ވިހަވުމޭ ވެސް ކިޔަ އެވެ. އެއީ ކާނާއިން މި ވައިރަސް ފެތުރުން އާންމުކަމުންނެވެ. އެކަމަކު މިއީ މި ވައިރަސް ފެތުރޭ ހަމައެކަނި ސަބަބެއް ނޫނެވެ.

ނޯރޯވައިރަސްގެ އަލާމާތްތައް

ހަށިގަނޑަށް ނޯރޯވައިރަސް ވަންނަތާ ދުވަހެއް ނުވަތަ ދެ ދުވަހެއްގެ ތެރޭ، ވަރަށް ރަނގަޅު ސިއްހަތެއްގައި ހުރެފައި ހަމަ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެދާނެ އެވެ. ވައިރަސްގެ އާންމު އަލާމާތްތަކުގެ ތެރޭގައި ބޯއެނބުރުން، ހޮޑުލުން (އާންމުކޮށް ކުޑަކުދިންނަށް)، ދިޔާކޮށް ބޮޑުކަމުދެވުން (އާންމުކޮށް ބޮޑެތި މީހުންނަށް) އަދި ބަނޑުގައި ރިއްސުން ހިމެނެ އެވެ.

އިތުރު އަލާމާތްތަކުގެ ތެރޭގައި؛

● ކުޑަކޮށް ހުން އައުން (37.5 - 38.3 ޑިގްރީސެލްސިއަސްއާ ދެމެދު)

● ހީކެރުވުން

● ބޮލުގައި ރިއްސުން

● ގައިގައި ރިއްސުން

● ވަރުބަލިވުން / ވަރުދެރަވުން

މީގެ ތެރެއިން ގިނަ އަލާމާތްތައް ސީރިއަސްއެއް ނުވެ އެވެ. އެކަމަކު ހޮޑުލުމާއި ބޭރަށް ހިންގުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓް ވެދާނެ އެވެ. މި މައްސަލަ ބޮޑަށް ދިމާވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. އަދި ބޭރަށް ހިންގައި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑަށް ނިއުޓްރިޝަން ނުލިބި ވަރު ދެރަވެދާނެ އެވެ.

ނޯރޯވައިރަސް އަށް ޖެހިފައިވާ ކަމަށް އާންމުކޮން ނިންމަނީ ބަލީގެ އަލާމާތްތަކަށް ބަލައިގެން

ނޯރޯވައިރަސް އަށް ޖެހިފައިވާ ކަމަށް އާންމުކޮން ނިންމަނީ ބަލީގެ އަލާމާތްތަކަށް ބަލައިގެން

ހޮޑުލައި ބޭރަށް ހިންގަނީ ނޯރޯވައިސްގެ ސަބަބުންކަން ޔަގީންކުރުމަށް ބޮޑުކަމުދާ ތަކެތި ޓެސްޓުކުރެ އެވެ. އެކަމަކު މިއީ އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ބަލީގެ އަސްލަކީ ނޯރޯވައިރަސް ކަމަށް އާންމުކޮށް ނިންމާނީ ބަލީގެ އަލާމާތްތަކަށް ބަލައިފަ އެވެ.

ނޯރޯވައިރަސް ފެތުރެނީ ކިހާ ދުވަހަކު؟

ނޯރޯވައިރަސް ޖެހުނު މީހެއްގެ ހަށިގަނޑުން އެހެން މީހުންނަށް އަށް ހަފްތާ ވަންދެން ވެސް އެހެން މީހުންނަށް ވައިރަސް އަރައިފާނެ އެވެ. އެކަމަކު ވައިރަސް ޖެހި ދުވަސްވާ ވަރަކަށް ވައިރަސް ފެތުރުމުގެ ބާރު ވެސް ދަށްވަމުންދެ އެވެ.

އާންމު ހާލަތުގައި ނަމަ ނޯރޯވައިރަސް ޖެހި ރަނގަޅުވެ ބަލީގެ އަލާމަތްތައް ނުފެންނަތާ 48 ގަޑިއިރު ފަހުން ވަޒީފާއަށް އަދި ސްކޫލަށް ދިއުމަކުން މައްސަލައެއް ނެތެވެ. އެކަމަކު ކާބޯތަކެތި ތައްޔާރުކުރާ މީހެއް ނަމަ އެފަދަ މަސައްކަތެއް އަލުން ފަށަން އެންމެ ރަނގަޅީ ރަނގަޅުވާތާ 72 ގަޑިއިރު ފަހުން ކަމަށް ލަފާދެ އެވެ.

ޑޮކްޓަރަށް ދައްކާނީ ކޮން އިރަކުން؟

ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ތިން ދުވަސް ވާއިރު ވެސް އަލާމާތްތައް ފިލައިގެން ނުދާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. އެކަމަކު ޑީހައިޑްރޭޓްވާ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފި ނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.

ބޭރަށްހިންގައި ހޮޑުލުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ އަދި ހަކަތަ ނެތިގެން ދިޔަ ނުދިނުމަށް ސަމާލުވާން ޖެހޭނެ

ބޭރަށްހިންގައި ހޮޑުލުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ އަދި ހަކަތަ ނެތިގެން ދިޔަ ނުދިނުމަށް ސަމާލުވާން ޖެހޭނެ

ހޮޑުލެވުމަކީ ނޯރޯވައިރަސް އަށް ވުރެ ސީރިއަސް އެހެން ކަމަކުން ދިމާވާ ކަމަކަށް ވެދާނެކަން ވެސް ހަނދާނުގައި ބަހައްޓާށެވެ. ހޮޑުލާއިރު ފެހި ކުލަ ނުވަތަ ރީނދޫ ކުލައިގައި ހުންނަ ނަމަ އެއީ ވަގުތުން ޑޮކްޓަރަށް ދައްކަންޖެހޭ ފަދަ ސީރިއަސް ކަމެކެވެ.

ނޯރޯވައިރަސް ފެތުރެނީ ކިހިނެއް؟

މި ވައިރަސް އެންމެ އާންމުކޮށް ފެތުރެނީ ވައިރަސް ހުރި ކާބޯތަކެތިންނެވެ. ރޯ ނުފިލުވާ ހުންނަ މަސް ކެއުމުންނާއި ރޯ ތަރުކާރީ އާއި މޭވާ އިން ވެސް މި ވައިރަސް ފެތުރެ އެވެ. މީގެ އިތުރުން، ވައިރަސް ހުރި ތަނެއްގައި އަތްލުމަށް ފަހު ނޭފަތާއި ލޮލާއި އަނގައިގައި އަތްލުމުން ވެސް ހަށިގަނޑަށް ވައިރަސް ވަދެ އެވެ.

މިއީ ގަދަ ހޫނާއި ގަދަ ފިނީގައި ވެސް މަރު ނުވެ ހުންނަ ވައިރަހެކެވެ.

ވައިރަސް ހުރި މީހެއްގެ ހޮޑާއި ބޮޑުކަމުދާ ނަޖިހުން ވެސް އެކި ތަންތަނަށް މި ވައިރަސް ވާސިލުވެ އެވެ.

ރައްކާތެރިވުމަށް

މި ވައިރަހުން ސަލާމަތްވެ ތިބުމަށް އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަން އިސްކުރުމެވެ. އަދި ހާއްސަކޮށް، މީހުން ގިނަ ތަންތަނުގައި އުޅޭއިރު މިކަމަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ.

● ފާހާނާކުރުމަށް ފަހު ނުވަތަ ކުޑަކުދިންގެ ޑައިޕާ ބަދަލުކުރުމަށް ފަހު ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުން. އަލްކޮހޮލް ހުންނަ ސާފުކުރާ އެއްޗިއްސަށް ވުރެ ރަނގަޅީ ސައިބޯނި ލައިގެން އަތް ދޮވުން.

● ވައިރަސް ވާސިލްވެފައި ހުރި ކަމަށް ބެލެވޭ އެއްޗެހި ރައްކާތެރިކަމާ އެކު ނައްތާލުން.

● މޭވާ އާއި ތަރުކާރީ ރަނގަޅަށް ދޮވެގެން ކެއުން. އަދި އޮއިސްޓާ ފަދަ ތަކެތި ވެސް ރޯ ނުފިލުވައި ނުކެއުން.

ނޯރޯވައިރަސް ޖެހި ރަނގަޅުވާތާ 2-3 ދުވަސް ވަންދެން ކާނާ ތައްޔާރުކުރުން ފަދަ ކަންކަމުގައި ބައިވެރިނުވާށެވެ. އަދި ވައިރަސް ޖެހިފައި ހުރި ކަމަށް ބެލެވޭ މީހަކު ތައްޔާރުކުރި ކާނާއެއް ނަމަ ބޭނުން ނުކުރާށެވެ.