Roadha Mihaaru
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟

ގާސިމްގެ ޝަކުވާ: ޕީޕީއެމާއި އެމްޑީޕީ ބޮޑުކޮށްދިން އަޅުގަނޑަށް ފުރުސަތު ނުދޭންވީ ކީއްވެ؟

31 ޖުލައި 2023

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ނިންމުމުން އެމްޑީޕީ އަށް ދެ ފަހަރު، ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައިދީ ދެ ޕާޓީ ވެސް ބޮޑުކަން ހޯދައިދީފައިވާ ކަމަށާއި އެވަރުގެ ޕާޓީއަކުން އޭނާ ވާދަކުރެއްވުމުން ވެރިކަން ކުރުމުގެ ފުރުސަތު ނުދޭންވީ ސަބަބާ މެދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ރޭ ސުވާލު އުފައްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ނިންމުމުން އެމްޑީޕީ އަށް ދެ ފަހަރު، ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައިދީ ދެ ޕާޓީ ވެސް ބޮޑުކަން ހޯދައިދީފައިވާ ކަމަށާއި އެވަރުގެ ޕާޓީއަކުން އޭނާ ވާދަކުރެއްވުމުން ވެރިކަން ކުރުމުގެ ފުރުސަތު ނުދޭންވީ ސަބަބާ މެދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ރޭ ސުވާލު އުފައްދަވައިފި އެވެ.

ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވީޓީވީ މެދުވެރިކޮށް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ހުރިހާ ޕާޓީތަކެއް ވެސް ބޮޑުވަނީ ޖޭޕީގެ ސަބަބުން ކަމަށެވެ. ފުރަތަމަ ބުރުގައި 25 ޕަސެންޓް ލިބޭ ޕާޓީތަކަށް ދެ ވަނަ ބުރުގައި އިންތިހާބު ކާމިޔާބުވަނީ ޖޭޕީގެ ނުފޫޒާއި ބާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮބާތޯ ބޮޑުވެފައި ޕާޓީ،[ޕީޕީއެމް]. އެ ފަހަރު ހޮވުނީ އަޅުގަނޑުމެން ރައީސް ޔާމީން ހޮވަން ތާއީދުކޮށްގެން މަސައްކަތްކޮށްގެން އެތައް މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާއިން. ކަން ދިމާވި ގޮތް އެނގޭނެ. ފުރަތަމަ މަޖިލީސް ރައީސަކު ހޮވަން އުޅުނުއިރު އަޅުގަނޑު ކުރިމަތިލީމާ ބޭރުކޮށްލީ. އެކަމަކު އެހެންނެއް ނުހެދޭނެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކޯލިޝަނުން ޖޭޕީ ބޭރުކޮށްލަން ވޯޓު ނެގީ ރިޔާސަތުގައި ކުރީގެ ރައީސް މައުމޫން ވެސް އިންނަވައިގެންނެވެ.

"އަޅުގަނޑުމެން ބައިވެރި ނުވާއިރު އެ މީހުންނަށް [ޕީޕީއެމަށް] މި ލިބެނީ 25 ޕަސެންޓް، ރައީސް ނަޝީދަށް ވެސް 25 ޕަސެންޓް. 2018 ގައި މި ވީ ގޮތަކީ އަޅުގަނޑުމެން އެންމެން ޖަލުގައި ތިބީމާ ސަލާމަތްވާންވެގެން ޖެހުނީ ވެރިކަން ބަދަލުކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން އަޅުގަނޑުމެން ސަލާމަތެއް ނުކުރާނެ، ނުކުރީސް،" އޭނާ ވިދާޅުވި އެވެ.

"ނުހައްގު އަނިޔާވެރި ގޮތެއްގައި އަޅުގަނޑުމެން އެންމެންގެ މައްޗަށް ދައުވާކުރެވި އެ ދިޔަ ގޮތަކަށް ގޮސް އަޅުގަނޑުމެން ޖަލުގައި ތިބީ."

ގާސިމް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އޭނާ ތަޖުރިބާ ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

"ދިވެހި ރައްޔިތުން ތަޖުރިބާކޮށްލީމާ ނޫންތޯ އެނގޭނީ. ދިވެހި ރައްޔިތުން ވިސްނުންތެރިކަމާ އެކު ވިސްނާފައި މިތިބި ހާލަތުން ނަގައިދެވޭނެ މީހަކަށް ވެރިކަން ހަވާލުކުރިއްޔާ ކީއްތޯއޭ. އަޅުގަނޑާ ވެސް ހަވާލުކޮށްލިއްޔާ ނޫންތޯ އެނެގޭނީ. މުސްކުޅިން ބުނެ އުޅޭ ވަކަރަށް ޖަހާލީމަ ނޫންތޯ އެނގޭނީ ވަކަރުލާ މިންވަރެއް،" އޭނާ ވިދާޅުވި އެވެ.

"ވަކަރަށް ޖަހާލަން ވެސް އަޅުގަނޑަށް ހަމަ ރަނގަޅު ނޫންތޯ އެ ފުރުސަތު ދެއްވަން."

އެމްޑީޕީ އާއި ޕީޕީއެމުން ވެސް ވެރިކަމަށް އަންނަން ކޯލިޝަން ހެދުމަށް ފަހު ޖުމްހޫރީ ޕާޓީއާ މެދު ކަންތައްކޮށްފައި ވަނީ، ގާސިމް ވިދާޅުވި ގޮތުގައި، ވަރަށް ނިކަމެތިކޮށެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީއިން އެރުވި ޓިކެޓް އާންމު މެމްބަރުންނަށް ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ޕާޓީއިން އެރުވި ޓިކެޓް އާންމު މެމްބަރުންނަށް ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ވެރިކަން ފެށުނު ގޮތުގެ ހަނދާން އާކުރައްވަމުން ވިދާޅުވީ 2018ގެ އިންތިހާބު ޖެހުނުއިރު އޭނާ އާއި އެހެން ސިޔާސީ ލީޑަރުން ވެސް ތިބީ ނުހައްގު އަނިޔާގައި ކަމަށެވެ. އެކަމުން އަރައިގަތުމަށް ކޯލިޝަން އެއްބަސްވުމަކުން ވެރިކަމަށް އަންނަން ނިންމައި މިސްރާބު ހިފި ގޮތަށް ކަންކަން ނުދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ޕާޓީތައް ހިއްސާވާ މިންވަރު ކަނޑައެޅިޔަސް 90 ޕަސެންޓަށް ވުރެން މަތިން ވަޒީފާތަކާއި އެހެން ކަންކަން ހަމަޖެހުނީ އެމްޑީޕީއަށެވެ. އެމްޑީޕީ އިސްވެ އުފެއްދެވި ކޯލިޝަން ވެރިކަން ވައުދުވި ގޮތަށް ނުހިނގީ ޖޭޕީ އާއި އަދާލަތާއި އެމްއާރުއެމަށް މާ ހިއްސާ ބޮޑުކޮށްފައި އެމްޑީޕީ ނިކަމެތިކޮށްލުމުން ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވިޔަސް ކަން އޮތް ގޮތަކީ އެއީ ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

ކަން ހިނގީ، އޭނާ ވިދާޅުވި ގޮތުގައި، އޭގެ އަނެއްކޮޅަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެއްވެސް އިރެއްގައި މަސައްކަތް ކުރައްވަނީ ބޮޑު މަގާމެއް ހޯދާކަށެއް ނޫނެވެ. އިސްކަން ދެއްވަނީ ގައުމުގެ ހަމަޖެހުމަށް ކަމަށް ވިދާޅުވި އެވެ.

"ރައީސް ނަޝީދު ހުންނެވި އިރު ވެސް ހިލާފުވެގެން އަޅުގަނޑުމެން ބޭރުކޮށްލީ. ރައީސް ޔާމީންގެ ސަރުކާރުން ވެސް ބޭރުކޮށްލީ. އެކަމަކު އަޅުގަނޑުމެން ބައިވެރިވެގެން އެ ބޭފުޅުންނަށް އެ ބޮޑުކަން ލިބުނީ، އަދި ވެރިކަން ވެސް ލިބުނީ ބޮޑު ގިނަ ޕާޓީއަކަށް ވެސް ވީ،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިންތިހާބަށް މިފަހަރު ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިކަން ތައުލީމީ ގާބިލް ބޭފުޅުން ރައްޔިތުންނަށް ބުނެދޭން ޖެހެ އެވެ. އޭނާގެ ހަރަދުގައި ވެސް އެތައް ބަޔަކަށް ތައުލީމީ ފުރުސަތާ އެކު ގައުމުގެ ކުރިއެރުވުމުގައި އަމިއްލަ ގޮތުން ހިއްސާވެފައި އޮންނާނެ ކަން ފާހަގަކުރެއްވި އެވެ.

އެއްވެސް އިރެއްގައި މަސައްކަތް ކުރައްވަނީ ބޮޑު މަގާމެއް ހޯދާކަށް ނޫން ކަަމަށް އެމްއެމްއޭގެ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރު ކަމާއި މަޖިލީސް ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ. އޭނާގެ ހަމައެކަނި ބޭނުމަކީ ގައުމުގެ އިސްލާހީ މަސައްކަތުގައި ބައިވެރިވުން ކަމަށާއި ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ފުރުސަތު ދޭންވީ އޭނާއަށް ކަަމަށް ގާސިމް ވިދާޅުވި އެވެ.