Roadha Mihaaru
2018 ގައި ވާދަކުރަން ތިބީ ކޮން ބައެއް؟

2018 ގައި ވާދަކުރަން ތިބީ ކޮން ބައެއް؟

28 އޮކްޓޯބަރ 2016

ގާނޫނުއަސާސީ ބުނާ ގޮތުން ނަމަ، 2018ގެ ޖޫން މަހާއި އޮކްޓޫބަރު މަހާ ދެމެދު ރިއާސީ އިންތިހާބުގެ ވޯޓުލުން ބާއްވަން ޖެހެ އެވެ. އެއީ ނޮވެމްބަރު 11، 2018 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނޭ ރައީސަކު އިންތިހާބު ކުރުމަށެވެ. އެހެންކަމުން އަންނަ ރިއާސީ އިންތިހާބުގައި ވޯޓު ލުމާ ދެމެދު ބާކީ އޮތީ އެއް އަހަރާއި ހަތް މަސް ދުވަހެވެ. ގާތްގަނޑަކަށް ދޮޅު އަހަރެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ގާނޫނުއަސާސީ ބުނާ ގޮތުން ނަމަ، 2018ގެ ޖޫން މަހާއި އޮކްޓޫބަރު މަހާ ދެމެދު ރިއާސީ އިންތިހާބުގެ ވޯޓުލުން ބާއްވަން ޖެހެ އެވެ. އެއީ ނޮވެމްބަރު 11، 2018 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނޭ ރައީސަކު އިންތިހާބު ކުރުމަށެވެ. އެހެންކަމުން އަންނަ ރިއާސީ އިންތިހާބުގައި ވޯޓު ލުމާ ދެމެދު ބާކީ އޮތީ އެއް އަހަރާއި ހަތް މަސް ދުވަހެވެ. ގާތްގަނޑަކަށް ދޮޅު އަހަރެވެ.

މިހާރު މިއީ އާންމު ހާލަތެއް ނަމަ، މުޅި ގައުމުގައި އޮންނާނީ 2018ގެ ރިއާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ފޯރި އެވެ. ނަމަވެސް މިހާތަނަށް ރިއާސީ އިންތިހާބުގެ ކެމްޕޭންގެ އެއްވެސް އަސަރެއް ނުފެނެ އެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ވަނީ ހުރަސްއެޅިފަ އެވެ. ކެންޑިޑޭޓުންނަކީ ކޮބައި ކަމެއް ނޭނގެ އެވެ. ވައުދުތަކެއްގެ އަޑެއް ނުއިވެ އެވެ.

އެންމެ ފަހުން، ކާޑުގެ އަގު ބޮޑުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މިނިސްޓަރުން ހާޒިރުކޮށް ސުވާލުކުރި އިރު ވެސް، ފެނުނީ އެ ވަޒީރުން ޖަވާބުދާރީ ކުރުވަން ގޮސް ތިބި އިދިކޮޅު ޕާޓީގެ މެމްބަރުންގެ އަނގަ ބެދިގެން ދިޔަ ތަނެވެ. އެ ޕާޓީގެ އިސް ވެރިއަކު އެކަމާ ނުރުހިގެން ވިދާޅުވީ އިދިކޮޅު މެންބަރުންގެ އުރަތްޕެއް ނެތް ކަމަށާއި، ސަރުކާރާ ކުރިމަތިލަނީ އެކަމަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެ ކަމަށެވެ.

ދެން އޮތީ ރިއާސީ އިންތިހާބަށް ވާދަކުރައްވާނެ ކަމަށް ބެލެވުނު ބޭފުޅުންގެ ހާލަތު ހުރި ގޮތެވެ. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ވާނެ ކަމަށް ބެލެވޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބީ ހައްގުން މަހުރޫމްވެފަ އެވެ. އިދިކޮޅު އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމަކުން މަގު ބަންދުވެފަ އެވެ.

އެންމެ ފަހުން އޮތް ރިއާސީ ދެ އިންތިހާބުގެ ވެސް އެންމެ އަލިގަދަ ތަރި ކަމަށް ވާ، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން ސަރުކާރަށް "އުނދަގޫ ބޮޑުކަމުން" ގާނޫނުއަސާސީ އަށް ބަދަލު ގެނެސް އޭނާ އަށް ވާދަނުކުރެއްވޭނެ ގޮތް ވަނީ ހަދައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް: ގާނޫނުއަސާސީ އަށް ގެނައި ބަދަލެއްގެ ސަބަބެއް އިންތިހާބުގައި ވާދަކުރުމުގެ ހައްގުން ވަނީ މަހްރޫމް ވެފައި - ފޮޓޯ: މަޖިލިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް: ގާނޫނުއަސާސީ އަށް ގެނައި ބަދަލެއްގެ ސަބަބެއް އިންތިހާބުގައި ވާދަކުރުމުގެ ހައްގުން ވަނީ މަހްރޫމް ވެފައި - ފޮޓޯ: މަޖިލިސް

ދެން އެންމެ ބޮޑަށް ބެލެވުނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށެވެ. އޭނާގެ ހިންގުންތެރިކަމާއި ގާބިލްކަމަށް ކިތަންމެ ބަޔަކު ތައުރީފްކުރި ކަމަށް ވިޔަސް، އޭނާގެ އިންތިހާބީ ހައްގަށް ހުރަސްއެޅީ އޭނާ ދިރިއުޅުއްވި ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލައެކެވެ. ގިނަ ބަޔަކު މިހާރު ވެސް ބުނަނީ އެއީ "ފްރޭމް ކުރުމެއް" ކަމަށެވެ.

މި ބޭފުޅުންގެ އިތުރުން، ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވާހަކަ ދެކެވުނު ބޭފުޅުންނަކީ، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ދެ ވަނަ ނައިބު ރައީސް ކަމަށްވާ އަހްމަދު އަދީބެވެ. މީގެ ތެރެއިން އަދީބު ހުރީ ޚިޔާނަތުގެ މައްސަލައިގައި ޖަލަށް ލައިފަ އެވެ.

ޑރ. ޖަމީލު އެ ހުންނެވީ، ރައީސް ޔާމީންގެ އަތްދަށު ނުވާންވެގެން، އަމިއްލަފުޅަށް ގައުމުން ބޭރަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގަ އެވެ. ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އެމަނިކުފާނަށް މިހާރު ވެސް އޮތީ ފުލުސް އޮފީހުން އަންގައިފަ އެވެ. އެހެންކަމުން، މިހާރު ރާއްޖެ ވަޑައިގަތަސް ފުލުހުންގެ ބެލުމުގެ ދަށުން ބަންދު ނުކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ޖަމީލަކަށް ނެތެވެ.

ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެވެ. އެމަނިކުފާނު މިހާރު ވެސް ހުންނެވީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައިގެންނެވެ. ކެމްޕޭން ވެސް ދަނީ ކުރައްވަމުންނެވެ. އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވަން ބޭނުން ބަޔަކު ވެސް އުޅޭނެ އެވެ. ހަމައެހެން ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވަން ބޭނުން ނުވާ މީހުން ވެސް ތިބޭނެ އެވެ. އެމީހުންނަށް އޮތީ ކޮން ފުރުސަތެއް ހެއްޔެވެ؟ ސުވާލު އުފެދިގެން މި އުޅެނީ މި ހިސާބުންނެވެ. ރައީސް ޔާމީނާ ވާދަކުރައްވަން ތިއްބެވި ބޭފުޅުންގެ ހާލަތު ކުރިން ބުނެވި އެ ދިޔައީ އެވެ. އެހެންކަމުން 2018 ގައި ރައީސް ޔާމީނާ ވާދަކުރައްވާނެ އެހެން ބޭފުޅަކު ނެތް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

އަނެއް ބަޔަކު ބޭނުންވަނީ ގާނޫނީ އިމުގެ ތެރެއިން މިހާރުން މިހާރަށް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް އައު ސަރުކާރެއް ގާއިމްކުރާށެވެ. ނަމަވެސް އެއީ ވެދާނެ ކަމެއްތޯ އުފެދޭ ސުވާލު ވެސް ކުޑައެއް ނޫނެވެ. އެއް ބަޔަކު އެ ސުވާލު އުފައްދަނީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އޮތް އެއްބަސްނުވެވޭ ކަންކަމާ ހެދި އެވެ.

ކާނަލް ނާޒިމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: ޖަލު ހުކުމްގެ ސަބަބުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކާނަލް ނާޒިމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: ޖަލު ހުކުމްގެ ސަބަބުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް. --ފޮޓޯ: ނިޝާން އަލީ/މިހާރު

"އިދިކޮޅު މީހުންގެ ތެރޭގައި އަމިއްލަ އެދުން އޮތީ ކިހާވަރަކަށް ކަން ރައީސް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ. މި ވެރިކަން ބަދަލުކޮށްލެވޭނެ ކިތަންމެ ފުރުސަތެއް، މިވީ ދެ އަހަރެއްގެ ތެރޭގައި ލިބިފައި ހިނގައްޖެ. އެކަމު ކޮންމެ ފަހަރަކު އެ ހިސާބަށް ދާއިރަށް ކޮންމެވެސް މޮޅު ކަމެއް ކޮށްލަން ނަމަވެސް އޭތި އެބަ ފަޅާއަރުވާލަ،" އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ ބޭފުޅަކު ލަންޑަންގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"ސީއެންއެން ނޫނީ ކޮންމެވެސް އެހެން ހަބަރު ފަތުރާ ވަސީލަތެއްގައި ކޮންމެވެސް މޮޅު ވާހަކައެއް ދައްކައިގެން ގޮސް އެކަން ފަޅާއަރުވާލަނީ. ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ކުރައްވާ ހުރިހާ ކަމެއް ކުރައްވަމުން އެ ގެންދަވަނީ މި ހުރިހާ ކަމަކަށް ހިސާބު ޖައްސަވައިގެން. ރައީސަށް އެނގިވަޑައިގަންނަވާ، އިދިކޮޅުގައި ތިބި މީހުންނަކީ އެއް ގަލަކަށް އަރައިގެން އެކަކު ކުރިއަށް ނެރެގެން ސަރުކާރާ ދެކޮޅަށް އުޅެވޭ ވަރުގެ ބައެއް ނޫން ކަން."

އެހެންކަމުން ދެން އޮތީ މުޅިން އައު ބޭފުޅަކު ސިޔާސީ މައިދާނުގެ އިސް ސަފަށް ނުކުންނަވައި ރިއާސީ އިންތިހާބަށް ކުރިމަތިލެއްވުމެވެ. ނަމަވެސް މައި ދެ ޕާޓީގެ ތެރެއިން އެކަން ވުމަކީ ވަރަށް ދުރު ކަމެކެވެ. ސަބަބަކީ، ވެރިކަން ކުރާ ޕީޕީއެމްގެ ރިއާސީ ޓިކެޓް މިހާރު ވެސް އެ ވަނީ ރައީސް ޔާމީނަށް ކަށަވަރު ވެފަ އެވެ. އެއީ ޕްރައިމަރީއަކާ ނުލައި، ރައީސް ޔާމީނަށް ރިއާސީ ޓިކެޓް ދިނުމާ މެދު، ޕާޓީގެ ލީޑަޝިޕްގައި އުފެދުނު އަރާރުމުގެ ތެރެއިން ޕާޓީ ދެ ބައިވެ، އެންމެ ފަހުން ކޯޓުތައް މެދުވެރިކޮށް ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ރައީސް ޔާމީން ހޯއްދަވާފައި ވާތީ އެވެ.

ދެން އޮތީ އިދިކޮޅު އެމްޑީޕީގެ ފަރާތުން، ރައީސް ނަޝީދު ނޫން ބޭފުޅަކަށް ރިއާސީ ޓިކެޓް ދިނުމުގެ މައްސަލަ އެވެ. އެމްޑީޕީގެ އިސް ސަފުގައި އުޅުއްވާ ބައެއް ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު، ނަޝީދު ނޫން އެހެން ބޭފުޅަކަށް ރިއާސީ ޓިކެޓް ދޭން ނަޝީދު ހިތުން ރުހުމުން ދޫކޮށެއް ނުލައްވާނެ އެވެ.

"އަޅުގަނޑުމެން ނުވެސް ވިސްނަން އެހެން ބޭފުޅަކު ނެރެން ޖެހިދާނެ ކަމަކަށް. އެންމެން ވެސް އަދި ތިބީ ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމަށް ބަލައިގެން. އާންމު މެންބަރުން މިހާރު ވެސް އަޅުގަނޑުމެން ކައިރީގައި އެބަ ބުނޭ ދުވަސް އައިސް ޖެހޭ އިރު، (ވޯޓު ކަރުދާހުގައި ރައީސް ނަޝީދުގެ) ނަން އޮންނާނެ ކަމަށް،" އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ ތަންކޮޅެއް މިނިވަން ޚިޔާލާތުގެ އާންމު ބައެއް މެންބަރުން ދެކޭ ގޮތް ތަންކޮޅެއް ތަފާތެވެ.

ނޮވެމްބަރު 2013 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ޔާމީން (މ)، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވާ އިރު އަރިހުގައި ކުރީގެ ނައިބު ރައީސް ޖަމީލް މަޑުކޮށްލައްވައިގެން: ސިޔާސީ މަސްރަހު ވަނީ މުޅިން ބަދަލުވެފައި -- ފައިލް ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 2013 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ޔާމީން (މ)، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވާ އިރު އަރިހުގައި ކުރީގެ ނައިބު ރައީސް ޖަމީލް މަޑުކޮށްލައްވައިގެން: ސިޔާސީ މަސްރަހު ވަނީ މުޅިން ބަދަލުވެފައި -- ފައިލް ފޮޓޯ: ރައީސް އޮފީސް

"ތި ދައްކަނީ ނުވާނެ ކަންތަކުގެ ވާހަކަ. އެމްޑީޕީގެ ވެރިކަމުގައި ހިފަހައްޓައިލެވުނުތަ ނަޝީދާ ޚިޔާލު ތަފާތު އެއްވެސް މީހަކަށް؟ އެ ހުރިހާ އެންމެން އެއްފަރާތް ކޮށްފަ، ޕާޓީގެ ފުރިހަމަ ކޮންޓްރޯލް ނެންގެވީ ނަޝީދު. އެހެންވީމާ އަދި އަމުދުން، އޭނާ ހުއްޓައި އެހެން މީހަކަށް ނުދޭނެ (ރިއާސީ އިންތިހާބުގައި ވާދަ ކުރުމުގެ) ފުރުސަތެއް،" އެމްޑީޕީގެ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި އުޅުއްވުމަށް ފަހު މިހާރު ތަންކޮޅެއް ފޭގައި ހުންނެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"މިހާރު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ވެސް އެ ކުރައްވާ ކަމަކީ، އިނގިރޭސި ސަރުކާރު މެދުވެރިކޮށް ދިވެހި ސަރުކާރަށް ޕްރެޝަރުކޮށްގެން ވެސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ހޯއްދެވުން. އެއްވެސް ގޮތަކުން އެ ފުރުސަތު ނުލިބިއްޖެއްޔާ ދެން އެންމެ ފަހުން، ޕާޓީން ނިންމާނީ އިންތިހާބުގައި ބައިވެރި ނުވާން. އޭގެ ހުއްޖަތަކަށް ބުނާނީ، ވޯޓު އޮޅުވައިލާނެޔޭ، ޓްރާންސްޕޭރެންސީއެއް ނުވާނެޔޭ، ހުރިހާ ސިޔާސީ ވެރިން ތިބީ ޖަލުގައޭ. އެހެން މީހަކަށް އެ ފުރުސަތު ދޭކަށް ނުވިސްނާނެ."

ނަމަވެސް އެމްޑީޕީގެ ވިސްނުން އެއާ ތަފާތެވެ. އަނަސް ވިދާޅުވާ ގޮތުގައި އިންތިހާބު ބައިކޮޓް ކުރުމަކީ މިހާތަނަށް އެ ޕާޓީން ޚިޔާލު ކޮށްފައި އޮތް ގޮތެއް ނޫނެވެ.

"އަޅުގަނޑަށް ހީވަނީ އެ ހިސާބަށް ހިނގައްޖެއްޔާ ހަމަ އެހެން ކެންޑިޑޭޓަކު ނުކުންނާ ހެން. މިސާލަކަށް އިންތިހާބު ބޮއިކޮޓް ކުރަން އެންމެ ބޮޑަށް ހިފީ 2013 ގައި. އެ ފަހަރު ވެސް ގިނަ މީހުންނަށް ފެނުނީ ވާދަކުރަން. އޭގެ ފަހުން އައި މަޖިލިސް އިންތިހާބުގައި ވެސް ބޮއިކޮޓް ކުރުމުގެ ވާހަކަ ދެކެވުނު. އެކަމަކު އެފަހަރު ވެސް އިންތިހާބުގައި ވާދަކުރި،" އަނަސް ވިދާޅުވި އެވެ.

އެ ހާލަތަށް ހިނގައްޖެ ނަމަ، ރިއާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ ކޮން ބޭފުޅެއްތޯ އުފެދޭ ސުވާލަށް ދޭނެ ޖަވާބެއް އެ ޕާޓީ ތެރޭގައި އަދި ނެތެވެ.

ކުރިން މި ދެންނެވި ބޭބޭފުޅުން ނޫނަސް، ސިޔާސީ މައިދާނުގައި ނަން ހިނގާ ކިތަންމެ ބަޔަކު އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ. އަދި އެ ބޭފުޅުންގެ ތެރޭގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. ނަމަވެސް އުފެދޭ ސުވާލަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތަށް ބަލާއިރު ރައީސް ޔާމީނާ ވާދަކުރުމުގެ ހަމަހަމަ ފުރުސަތެއް އެބަ އޮތް ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެފާނެ ހެއްޔެވެ؟ ނުވަތަ އާ ބާފުޅަކު ފެނިދާނެ ހެއްޔެވެ؟ މިއީ މިހާރުގެ ބޮޑެތި ސުވާލުތަކެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅުގައި ހީނުކުރާ ކިތައްމެ ކަމެއް ހިނގައިފާނެ އެވެ. އެހެންކަމުން ބަލަން ތިބުން ނޫން ގޮތެއް ނެތެވެ.