Roadha Mihaaru
އަބީޝޭކް އާއި ސަންޖޭގެ އާ ފިލްމުގެ ވާހަކަތައް

އަބީޝޭކް އާއި ސަންޖޭގެ އާ ފިލްމުގެ ވާހަކަތައް

01 އޯގަސްޓް 2023

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކުޅޭ އާ ފިލްމުގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކުޅޭ އާ ފިލްމުގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އެ ފިލްމަކީ ސަންޖޭ މަސައްކަތްކުރާ ފުރަތަމަ ތަމަޅަ ފިލްމު "ލިއޯ" އެވެ. އިއްޔެ ފާހަގަކުރި ސަންޖޭގެ 64 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އެ ފިލްމުގައި އޭނާ ފެންނާނެ ގޮތުގެ ޓީޒާއެއް ނެރުނީ އޭގެ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖެވެ.

ސަންޖޭއާ އެކު އެ ފިލްމުގައި މުހިންމު ރޯލަކުން، ތަމަޅަ ސިނަމާގައި މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭ ވެސް ފެންނާނެ އެވެ.

މިއީ ދެކުނު އިންޑިއާ ސިނަމާގެ ފިލްމެއްގައި ސަންޖޭ މަސައްކަތްކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ، މިދިޔަ އަހަރު ނުކުތް ކަނައްޑާ ފިލްމު، "ކޭޖީއެފް"ގެ ދެވަނަ ފިލްމުގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ އޮކްޓޯބަރު މަހު 19 ގަ އެވެ.

އަބީޝޭކްގެ ފިލްމަކީ "ޖޫމަރު"

މިދިޔަ އަހަރު އިއުލާންކުރި އަބީޝޭކް ބައްޗަންގެ އާ ފިލްމު "ޖޫމަރު" މި މަހު 18 ގައި ސިނަމާތަކުގައި އަޅުވަން ވަނީ ނިންމައިފަ އެވެ. އަބީޝޭކް ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ އެކަން އިއުލާންކުރި އެވެ.

މި ސްޕޯޓްސް ޑްރާމާ ފިލްމު ޑައިރެކްޓުކުރަނީ "ޕާ" އާއި "ޕެޑްމޭން" ކަހަލަ މަޝްހޫރު ބޮލީވުޑްގެ ފިލްމުތަކުގެ ޑައިރެކްޓަރު، އާރު ބަލްކީ އެވެ.

އަބީޝޭކްއާ އެކު މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ސަޔާމީ ކޭރު، އަންގަދު ބޭޑީ އަދި ޝަބާނާ އަޒްމީ އެވެ.

މި ފިލްމުގައި އަބީޝޭކް ކުޅެނީ ކްރިކެޓް ކޯޗެއްގެ ރޯލެވެ. ޑައިރެކްޓަރު ބަލްކީ ބުނެފައިވާ ގޮތުގައި، މިއީ އޮލިމްޕިކްސްގައި ދެ ފަހަރެއްގެ މަތިން ގޯލްޑް މެޑަލް ހޯދި، ހަންގޭރީގެ ރައިޓް-ހޭންޑް ޝޫޓަރު، ކަރޮއެ ޓޮކާޗުގެ ވާހަކައިން އިންސްޕަޔާވެގެން ލިޔެފައިވާ ވާހަކައަކަށް ގެނެސްދޭ ފިލްމެކެވެ.