Roadha Mihaaru
މިސްކިތަށް ދިން ހަމަލާގައި ދަރިވަރަކަށް ދައުވާ ކުރަނީ

ކެނެޑާގެ މިސްކިތަށް ދިން ހަމަލާގައި ދަރިވަރަކަށް ދައުވާ ކުރަނީ

31 ޖެނުއަރީ 2017

ކިއުބެކް ސިޓީ (ޖެނުއަރީ 31) - ކެނެޑާގެ ކިއުބެކް ސިޓީގެ މިސްކިތަކަށް ހަމަލާދީ ހަ މީހުން މަރާލި ހާދިސާއާ ގުޅިގެން ދަރިވަރެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކިއުބެކް ސިޓީ (ޖެނުއަރީ 31) - ކެނެޑާގެ ކިއުބެކް ސިޓީގެ މިސްކިތަކަށް ހަމަލާދީ ހަ މީހުން މަރާލި ހާދިސާއާ ގުޅިގެން ދަރިވަރެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ނިންމައިފި އެވެ.

ފްރެންޗް-ކެނޭޑިއަން ދަރިވަރު އެލެގްޒެންޑްރާ ބިސޮނެޓެގެ މައްޗަށް ވަނީ މީހުން މެރުމުގެ ދައުވާ އުފުލައިފަ އެވެ. އުމުރުން 27 އަހަރުގެ ދަރިވަރު އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

ކިއުބެކް އިސްލާމިކް ކަލްޗަރަށް ސެންޓަރުގައި އާދިއްތަ ދުވަހުގެ ރޭ އިޝާ ނަމާދަށް ތިއްބާ ބަޑިން ދިން ހަމަލާގައި 19 މީހުން ޒަޚަމްވި އެވެ. މީގެ ތެރޭން ފަސް މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ދެ މީހުންގެ ހާލު ސީރިއަސް އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިސްކިތަށް ދިން ހަމަލާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ބިސެނޮޓަކީ ޕޮލިޓިކަލް ސައެންސް ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ ކިޔަވަމުންދާ ކެމްޕަސް ހުންނަނީ ހަމަލާ ދިން މިސްކިތާ ދެ މޭލު ދުރުގަ އެވެ.

މިސްކިތަށް ދިން ހަމަލާ ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ސިފަ ކުރައްވާފައި ވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ. ކެނެޑާގައި ދިރިއުޅޭ ދެ މިލިއަން މުސްލިމުންނާ މުހާތަބު ކުރައްވާ ޓްރޫޑޯ ވިދާޅުވީ "އަޅުގަނޑުމެން ވަނީ ތިޔަބޭފުޅުންނާ އެކުގައި" ކަމަށެވެ.