Roadha Mihaaru
އީވާ، ރަނިންމޭޓަކަށް ހަމަޖައްސަން ރެކޯޑު ސާފުކުރަނީ

އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަން ރެކޯޑު ސާފުކުރަނީ

01 އޯގަސްޓް 2023

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ހަމަޖައްސަން ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ހަމަޖައްސަން ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން ކުރަމުން އަޔަސް ރަނިންމޭޓު އަދި އިއުލާނެއް ނުކުރެ އެވެ. އެ ޕާޓީގެ ރަނިންމޭޓަކީ ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގައި އެމަނިކުފާނާ އެކު އިސްކޮށް އަބަދުވެސް އުޅުއްވާ އީވާ ކަމަށް އޮތީ ވާހަކަ ދެެއްކެވިފަ އެވެ.

"މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި އިލްޔާސް ލަބީބްއާ އެކު ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅާފައި އޮތީ އީވާގެ އެވެ. އެކަމަކު އީވާގެ ރެކޯޑު ސާފުކުރަނީ ރަނިންމޭޓަކަށް ހަމަޖައްސަން ކަމެއް ރަސްމީކޮށް ޑިމޮކްރެޓްސް އިން އަދި ނުބުނެ އެވެ.

ޑިމޮކްރެޓްސް އިން ރަނިންމޭޓަކަށް އަންހެނަކު ކަނޑައަޅަން އުޅޭ ކަމަށް އީވާގެ ފޮޓޯއާ އެކު އެ ޕާޓީގެ ބައެއް މެމްބަރުން ވެސް ސޯޝަލްމީޑިއާގައި އަންނަނީ އިޝާރާތް ކުރަމުންނެވެ.

ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި، ކުރީގެ ރައީސް ނަޝީދާއި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި، ކުރީގެ ރައީސް ނަޝީދާއި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އީވާގެ އިތުރުން ވެސް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް އަދި ރަނިންމޭޓު ކަމަށް ވާދަކުރަން މިހާތަނަށް ގިނަ ބަޔަކު ވަނީ ރެކޯޑު ސާފުކުރަން ހުށަހަޅައިފަ އެވެ.

އޭގެތެރޭގައި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް އާއި އެމްއާރުއެމްގެ ރިޔާސީ ކެންޑިޑޭޓް ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

އިންތިހާބު ކާމިޔާބުކުރުމުގެ އުއްމީދާ އެކު ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތުމުން "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގެވުމަށް ފަހު އެވެ. އެ ހަރަކާތް ޕާޓީއަކަށް ހެދީ، އެމްޑީޕީގެ އުފެއްދި މަގްސަދާ އެއްގޮތަށް ނުހިނގާތީ، އެ ޕާޓީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މެމްބަރުން ވިދާޅުވެ އެވެ.

ޑިމޮކްރެޓްސް އިން އިންތިހާބުގައި ވާދަކުރުމުގެ އަމާޒަކީ އެމްޑީޕީ ބަލިކޮށްލުން ކަން އިއުލާންކޮށް، އެއް ކެންޑިޑޭޓަކު ނެރެގެން އެކަން ކުރަން އިދިކޮޅު ޕީޕީއެމާއި ސަރުކާރު ކޯލިޝަންގައި ދެމިއޮތް ޖޭޕީއާ އެކު މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ވަގުތު ޖެހުނުއިރު ވެސް ފިކުރާއި ސިޔާސަތުތަކުގައި ހިޔާލުތަފާތު ޕާޓީތަކަށް އެއް ކެންޑިޑޭޓަކާ މެދު އެއްބަހެއް ނުވެވުނެވެ.

ޑިމޮކްރެޓްސް އިން ވެސް ވަކިން ވާދަކުރާއިރު، ކެމްޕޭންގައި އިސްކޮށް އުޅުއްވާ ނަޝީދު ވިދާޅުވެފައި ވަނީ އެ ޕާޓީ ދެ ވަނަ ބުރަށް ދާނެ ކަމަށެވެ.