Roadha Mihaaru
ހޯމް ޕާޗޭސް ލޯނު/ފައިނޭންސިންގެ މުއްދަތު އިތުރުކޮށްފި

ހޯމް ޕާޗޭސް ލޯނާއި ފައިނޭންސިންގެ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްފި

01 އޯގަސްޓް 2023

ބީއެމްއެލް އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި އެވެ.

ބީއެމްއެލް އިން މިގެނައި ބަދަލަށް މިއަދުން ފެށިގެން އަމަލު ކުރާނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ 2021 ވަނަ އަހަރު ހޯމް ލޯނާއި ފައިނޭންސިންގެ ރޭޓް ނުވަ ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށާއި މިއީ މިކަހަލަ ލޯނު ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށެވެ. ކުރިން މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 10 ޕަސެންޓެވެ.

"މިއަދު މި ގެނެވުނު ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަކަށް ފައިދާކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކުރިން ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ފައިނޭންސް އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ 20 އަހަރެވެ.

އާމްދަނީ ލިބޭ، 18 އަހަރާއި 60 އަހަރާ ދެމެދު ކޮންމެ މީހަކަށް ވެސް މި ލޯނަށް ކުރިމަތިލެވޭނެ އެވެ. މި ލޯނަށް ވަކިން އަދި އެހެން މީހަކާ އެކު ވެސް ކުރިމަތިލެވޭނެ އެވެ.

ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީ އާ އެކު 9 ޕަސެންޓް އިންޓްރެސް ރޭޓުގަ އެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށް ވެސް މި ފެސިލިޓީ ބޭނުންކުރެވޭނެ އެވެ.