Roadha Mihaaru
ލޯނު ފަސްކޮށްދޭން އެދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލްގެ ލޯނުތައް ފަސްކޮށްދޭން އެދުމުގެ ދެވަނަ ފުރުސަތު ހުޅުވާލައިފި

08 ސެޕްޓެމްބަރ 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމާއި ފައިނޭންސިން އަށް ފައިސާ ދެއްކުން ދެވަނަ ފަހަރަށް ފަސްކޮށްދޭން އެދުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމާއި ފައިނޭންސިން އަށް ފައިސާ ދެއްކުން ދެވަނަ ފަހަރަށް ފަސްކޮށްދޭން އެދުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.

ބީއެމްއެލުން ވަނީ ދެވަނަ ފުރުސަތުގެ ދަށުން އަންނަ ނޮވެމްބަރުގެ ނިޔަލަށް ލޯނުތަކާއި ފައިނޭންސިން އަށް ފައިސާ ދެއްކުން ފަސްކޮށްދީފަ އެވެ. މިއީ މިހާރު ރާއްޖެ އަށް ވެސް ފޯރާފައިވާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ފަހިކޮށްދީފައިވާ ލުޔެކެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ވެބްސައިޓްގައިވާ، މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް، ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅޭނެ ކަމަށެވެ. ދެވަނަ ފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ޕޯޓަލްގައި ވަނީ ހިމަނައިފަ އެވެ. އަދި ދެވަނަ ފަހަރަށް ލޯނަށް އަނބުރާ ދައްކަން ޖެހޭ އަދަދުތަކުގެ ތަފުސީލު ވެސް ފެންނަން ހުންނާނެ އެވެ.

ކުރިއަށް އޮތް ތިން މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅަން ޖެހޭނީ މިދިޔަ މާޗު މަހު ހުޅުވައިލި ފުރުސަތުގައި މޮރިޓޯރިއަމަށް އެދިފައިވާ މީހުންގެ ތެރެއިން މި މަހު ފައިސާ ދައްކަން ޖެހޭ މީހުން އެކަންޏެވެ. ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ފައިސާ ދެއްކޭ ނަމަ ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

މީގެ އިތުރުން މޮރިޓޯރިއަމްގެ މުއްދަތު އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ހަމަވާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮކްޓޯބަރު 8 އާއި ނޮވެމްބަރު 8 ގައި ހުޅުވާލާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

މިދިޔަ މާޗު މަހު ހުޅުވާލި ފުރުސަތުގައި ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް އާއި ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17،700 ލޯނު ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ބީއެމްއެލަށް ވަނީ ހުށަހަޅައިފަ އެވެ.