Roadha Mihaaru
އާސަންދަ އަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިފި

އާސަންދަ އަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިފި

02 އޯގަސްޓް 2023

"މައި އާސަންދަ" ނަމުގައި ވެބް ޕޯޓަލްއެއް ތައާރަފުކޮށް، އާސަންދައިގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭ އިންތިޒާމު އިއްޔެ ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"މައި އާސަންދަ" ނަމުގައި ވެބް ޕޯޓަލްއެއް ތައާރަފުކޮށް، އާސަންދައިގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭ އިންތިޒާމު އިއްޔެ ހަމަޖައްސައިފި އެވެ.

އާސަންދަ އިން ބުނީ މި ޕޯޓަލް ތައާރަފުކުރުމުން އެ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރެކޮމެންޑޭޝަން ފޯމު، މި މަހު 15 އިން ފެށިގެން ބަލައިގަންނާނީ އެ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ.

އެ ކުންފުނިން ދޭ އެހެން ހިދުމަތްތައް ވެސް ދެން ލިބޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ބުންޏެވެ. އޭގެ ތެރޭގައި؛

• ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައިދެވޭނެ.

• އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ.

• އެޕްލިކޭޝަންގެ ސްޓޭޓަސް ޕޯޓަލް އިން ބެލޭނެ.

• އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅޭނެ.

އެ ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެ އެވެ.

އާސަންދަ އިން ބުނީ ހިދުމަތްތައް ހޯދަން އެ ކުންފުނީގެ ކައުންޓަރަށް ނުވަތަ "ވީރާ" ކައުންޓަރަށް ދެން ކޮންމެހެން ދާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ތަންތަން މެދުވެރިކޮށް ހިދުމަތް ހޯދުމަށް ބޭނުންވާ ނަމަ، އެ ފުރުސަތު އަދިވެސް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެކަމަށް އެދެ އެވެ. އެ ކުންފުނީގެ ވެބްސައިޓުން ފެންނަ ގޮތުގައި، މި އަހަރުގެ މިހާތަނަށް ފަރުވާއަށް ރާއްޖެއިން ބޭރަށް 532 މީހުން ފޮނުވާފައިވެ އެވެ.