Roadha Mihaaru
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ

ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމުގެ ތައްޔާރީތައް ވަނީ!

17 ޖެނުއަރީ 2024

ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ އެކަމަކު ސިއްހީ ހިދުމަތުގެ އަގު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތައިލެންޑާއި ޔޫއޭއީ އިން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ އެކަމަކު ސިއްހީ ހިދުމަތުގެ އަގު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތައިލެންޑާއި ޔޫއޭއީ އިން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާން ކުރައްވާފައިވާތީ، ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދައަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ، އެ އަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތައިލެންޑާއި ޔޫއޭއީގެ ވާހަކަ އެވެ.

"...އަދި އެ ތަނަށް ދާއިރުގައި އެ ތަނުގެ އެކޮމޮޑޭޝަން އެކްސްޕެންސަސް އޭގައި ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން. އޭރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުނ،ް މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެކަށް ދާނ،ީ މިހާރު އެދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް، އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެން، އާސަންދަ އިން ކަވަ ވެގެން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް މިކަންކަން އަޅުގަނޑުމެން ހަމަޖައްސައިދޭނަން."

އިންޑިއާ އާއި ސްރީ ލަންކާ ފިޔަވައި އެހެން ގައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން ދެކޮޅު ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާތީ، ނޫސްބަޔާނުގައި ބުނީ އެ ގޮތަށް ވާހަކަ ދެއްކެވެނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކައިގެ މަފުހޫމު އޮޅޭ ގޮތަށް ކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އޭރު އެހެން ވިދާޅުވިއިރު، އިތުރު ގައުމުތަކަށް އާސަންދަ ފުޅާކުރުމަށް ސަރުކާރުން ނިންމައި އެކަން އިއުލާން ނުކުރާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުން އެކަން އިއުލާން ކޮށްފައިވާކަން އާސަންދަ ކުންފުނިން ފާހަގަކުރި އެވެ.