Roadha Mihaaru
ޔާމީންގެ ބަދަލުގައި ނަމެއް ހުށަހަޅަން އަމުރަކަށް އެދެފި

ޔާމީނަށް ކުރިމަތިނުލެއްވޭ ނަމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރެން ފުރުސަތު ދިނުމުގެ އަމުރަކަށް އެދެފި

04 އޯގަސްޓް 2023

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމަށް ފުރުސަތު ދިނުމުގެ އަމުރަކަށް މިއަދު އެދެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމަށް ފުރުސަތު ދިނުމުގެ އަމުރަކަށް މިއަދު އެދެފި އެވެ.

ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނިންމުމާ ގުޅިގެންނެވެ. އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުންނެވެ.

މިއީ، ގާނޫނުއަސާސީގައި ބުނާ ގޮތުން ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތެއް އުނިވާ ހާލަތެކެވެ.

އެކަމަކު ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

އެހެންވެ، އެކަން ސާބިތުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ޝަރީއަތް މިއަދު މެންދުރުފަހު ވަނީ ފަށައިފަ އެވެ. މި މަޖިލީހުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ކޮމިޝަންގެ ނިންމުން ބާތިލްކޮށް، އެމަނިކުފާނުގެ ޝަތުތު ފުރިހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އެނޫން ގޮތަކަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ނަމަ، ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދޭން ވެސް އެދޭ ކަމަށް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ގޮތުގައި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އަންނަ ބުދަ ދުވަހު އޮންނާނެ އެވެ.

ޔާމީންގެ ފަރާތުން މިފަދަ ވަގުތީ އަމުރަކަށް އެދިފައިވާއިރު، ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެ ނަމަ، ބެކްއަޕެއްގެ ގޮތުގައި ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ވަނީ ނިންމައިފަ އެވެ. ޔާމީންގެ އެންގެވުމަށް ޕީއެންސީން ވަނީ ކެންޑިޑޭޓެއް ހޮވާފައިވާއިރު، އެ ފުރުސަތު ހޯއްދެވީ އިއްޔެއާ ހަމައަށް ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ސުޕްރީމް ކޯޓުން ލިބިއްޖެނަމަ، މުއިއްޒުގެ ނަން އަނބުރާ ގެންދަވާނެ އެވެ. އެ ނޫންނަމަ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރޭ ކެންޑިޑޭޓަކަށް ވާނީ މުއިއްޒެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ޔާމީން އެކަންޏެވެ. އެހެން ބޭފުޅުން މިހާތަނަށް ފޯމް ހުށަހަޅާފައިނުވި ނަމަވެސް، ބާރަށް ކެމްޕެއިން ކުރައްވަމުން ގެންދެ އެވެ.