Roadha Mihaaru

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ރަނގަޅަށް: އެޓާނީ ޖެނެރަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ގަބޫލު ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރަނގަޅަށް: އޭޖީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

04 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ގަބޫލު ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އޮތުމުގެ ސަބަބުން، އަންނަ މަހުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނީ އެޓާނީ ޖެނެރަލް އޮފީސް ތަދައްހުލް ކުރުވައިފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނު އޮތްގޮތުން ދަށު ކޯޓަކުން ކުރާ ހުކުމެއް ދެމި އޮތަސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ. އަދި އިސްތިއުނާފް މަރުހަލާ ނުނިމި އޮތުމަކީ ހުކުމުގެ ބާރު ދަށްވާނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ބޭރު ގައުމުތަކުގެ ކޯޓުތަކުން ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ހުކުމެއް އިސްތިއުނާފް ކޮށްފައި އޮތުމަކީ އެ ހުކުމެއްގެ ބާރު ކެނޑިގެންދާނެ ކަމެއް ނޫން ކަމަށް ޔާމީންގެ އެހެން މައްސަލައެއްގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާ ކަމަށާއި އެހެންވެ، ރައީސް ކަމަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ނިހާއީ ހުކުމަކަށް ވާން ނުޖެހޭނެ ކަމަށެވެ.

"ނިހާއީ ހުކުމެއް އަންނަންދެން ނުވަތަ އެޕީލް ކުރެވިފައި އޮތުމަކީ އޭގެ ޒާތުގައި އެ ހުކުމުގެ ބާރު ދަށްވާނެ ގޮތަކަށް މާނަ ކުރެވިގެންވާނެ ކަމަކަށް ދައުލަތުން ނުދެކެން." ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް

ބައެއް ގައުމުތަކުގައި ހުކުމެއް އޮތް ކަމުގައި ބަލަނީ އިސްތިއުނާފް މަރުހަލާ ނިމުމުން ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ނަމަވެސް ދައުލަތުން ބުނީ ރާއްޖޭގެ ގާނޫނުގައި އެގޮތަށް އޮންނަނީ ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.

ދައުލަތުން ބުނި ގޮތުގައި ހުކުމެއް ތަންފީޒުކުރާ މީހަކު ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ ދެން ވާނެ ގޮތެއް ގާނޫނުއަސާސީއަކު ނެތެވެ. އަދި އެގޮތަށް ގާނޫނުއަސާސީގައި ނެތީ ވެސް ހުކުމް ތަންފީޒު ކުރަމުންދާ މީހަކު އެފަދަ މަގާމަކަށް ޝަރުތު ހަމަނުވާނެ ކަމަށް ގާނޫނުއަސާސީ ދެކޭތީ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އޮތްގޮތުން ވެސް ޔާމީނަށް މިވަގުތު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ އަޑުއެހުން އަދިވެސް ދަނީ ކުރިއަށެވެ.