Roadha Mihaaru
ކޭން ގަންދަން ބެޔާނުން ފަހު ބިޑް ހުށަހަޅައިފި

ކޭން ގަންދަން ބެޔާނުން ފަހު ބިޑް ހުށަހަޅައިފި

05 އޯގަސްޓް 2023

ލަންޑަން (އޮގަސްޓް 04) - ހެރީ ކޭން ގަންދަން ފަހު ބިޑް ކޮށް، އޭނާ ވިއްކުމާ މެދު އެއް ދުވަސްތެރޭ ގޮތެއް ނިންމުމަށް ބެޔާން މިއުނިކުން ޓޮޓެންހަމް ހޮޓްސްޕާ އަށް އަންގައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލަންޑަން (އޮގަސްޓް 04) - ހެރީ ކޭން ގަންދަން ފަހު ބިޑް ކޮށް، އޭނާ ވިއްކުމާ މެދު އެއް ދުވަސްތެރޭ ގޮތެއް ނިންމުމަށް ބެޔާން މިއުނިކުން ޓޮޓެންހަމް ހޮޓްސްޕާ އަށް އަންގައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ބެޔާނުން، ޓޮޓެންހަމް އާއި އިންގްލެންޑުގެ ކެޕްޓަން ކޭން، 30، ގަންނަން ހުށަހެޅި ފަހު ބިޑްގެ އަގު އުޅެނީ 109 މިލިއަން ޑޮލަރުގަ އެވެ. އެ ހުށަހެޅުމަށް އިތުރު ބަދަލެއް ގެންނަން ބެޔާނުން ބޭނުމެއްނުވެ އެވެ. ބެޔާނުން އިއްޔެ ހުށަހެޅި ބިޑަށް ޓޮޓެންހަމް އިން އަދި ކޮމެންޓެއް ނުކުރެ އެވެ.

ކޭން ޓޮޓެންހަމްއާ އެކު ހަދައިފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އޭގެކުރިން ޓޮޓެންހަމް އިން ބޭނުންވަނީ ކޭންގެ އެއްބަސްވުން އާކުރާށެވެ. އެކަމަކު ކޭން އެގޮތަށް އަދި އެއްބަހެއް ނުވެ އެވެ. ކޭން ހޯދުމަށް މި ޓްރާންސްފާގައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ ބެޔާން އެވެ.

ބެޔާންގެ އޮފިޝަލުން ވަނީ ކޭންގެ ޓްރާންސްފާ ކަންތަކުގައި މިދިޔަ ހަފްތާ ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީއާ ބައްދަލުކޮށްފަ އެވެ. އެކަމަކު ކޭން ވިއްކުމާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ.

ކޭން ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 320 މެޗުގައި 213 ގޯލު ޖަހައިފަ އެވެ. ޕްރިމިއާ ލީގުގެ ލަނޑު ޖެހުމުގެ ރެކޯޑް ހަދަން ކޭން އަށް ބޭނުންވަނީ 48 ގޯލެވެ. މިހާރު އެ ރެކޯޑް އޮތީ ކުރީގެ ތަރި އެލެން ޝިއެރާ އަތުގަ އެވެ.

ކޭން ނެތް ހާލަތަކަށް ތައްޔާރުވުމަށް ޓޮޓެންހަމް އިން ވަނީ ޕޯޓޯ އަށް ކުޅޭ އީރާންގެ ފޯވާޑް މެހެދީ ޓަރޭމީ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ޓޮޓެންހަމް އިން ޓަރޭމީ ގަންނަން ހުށަހަޅަނީ 33 މިލިއަން ޑޮލަރެވެ.

ޓޮޓެންހަމް އިން މިހާރު ވަނީ އާޖެންޓީނާގެ ރޮސާރިއޯ ސެންޓްރަލް އަށް ކުޅޭ ފޯވާޑް އަލީހޯ ވެލީޒް ގެންނަން އެއްބަސްވުމަކަށް އައިސްފަ އެވެ. ފުރަތަމަ ސީޒަނުގައި ވެލީޒް ހުންނާނީ ލޯނު އުސޫލުން އާޖެންޓީނާގެ ކްލަބްގަ އެވެ.

އާ ސީޒަނުގެ ލީގު ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ޓޮޓެންހަމް ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ. ބެޔާން ކުޅޭ ސީޒަނުގެ ފުރަތަމަ މެޗުގައި ޖަރުމަނު ސުޕަ ކަޕްގައި ވާދަކުރާނީ އާރުބީ ލައިޕްޒިގާ އެވެ. އެ މެޗު ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.