Roadha Mihaaru
ނާގަލްސްމަންގެ ވާހަކަތަކާ ހެދި ކޮންޓޭ ހިތްހަމަނުޖެހިއްޖެ

ނާގަލްސްމަންގެ ވާހަކަތަކާ ހެދި ކޮންޓޭ ހިތްހަމަނުޖެހިއްޖެ

24 ޖުލައި 2022

ގްލާސްގޯ (ޖުލައި 24) - ހެރީ ކޭންގެ ޓްރާންސްފާ އާ ބެހޭގޮތުން ބަޔާން މިޔުނިކުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވާހަކަ ދެއްކުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިތްހަމަނުޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގްލާސްގޯ (ޖުލައި 24) - ހެރީ ކޭންގެ ޓްރާންސްފާ އާ ބެހޭގޮތުން ބަޔާން މިޔުނިކުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވާހަކަ ދެއްކުމުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިތްހަމަނުޖެހިއްޖެ އެވެ.

އެމެރިކާގެ ކުރިއަށްދާ ޕްރީ ސީޒަންގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ނާގަލްސްމަން ބުނެފައި ވަނީ ކޭން އަކީ ބަޔާންގެ ޕްލޭނަށް ވަރަށް ރަނގަޅަށް ފެތޭ ކުޅުންތެރިއެއް ކަމަށެވެ.

ޕްރީ ސީޒަންގައި ސްކޮޓްލޭންޑްގެ ރާންޖާސް އާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ފަހު ކޮންޓޭ ބުނީ ބަޔާނުން ކޭން އާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހޭ ސަބަބެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

"އަހަރެމެންނަށް ހުރިހާ ކަމެއް ވެސް ވަރަށް ސާފު. ހެރީ [ކޭން] އަކީ ޓޮޓެންހަމްގެ ޕްރޮޖެކްޓްގައި ވަރަށް މުހިންމު ނަމެއް،" ކޮންޓޭ ބުންޏެވެ.

"ހަމަ ގައިމުވެސް އަހަރެން އެހެން ކްލަބެއްގެ ކުޅުންތެރިއަކާ ބެހޭގޮތުން ވާހަކައެއް ނުދައްކާނަން. އެއީ އެ ކްލަބަކަށް ކުރެވޭ ބޭ އިހްތިރާމެއް."

ނާގަލްސްމަން ބުނެފައި ވަނީ ކޭންގެ އަގަކީ ބަޔާން އަށް ބޮޑު އަގެއް ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.

"މައްސަލަ އަކީ އޭނާގެ އަގު ވަރަށް ބޮޑު. އެކަމަކު ވަރަށް މޮޅު ކުޅުންތެރިއެއް. ސެންޓަ ފޯވާޑެއްގެ އިތުރުން ވިންގަށް ވެސް ކުޅެވޭ ކުޅުންތެރިއެއް،" އެމެރިކާގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕްގައި މިދިޔަ ހުކުރު ދުވަހު މީޑިއާ އާ ވާހަކަ ދައްކަމުން ނާގެލްސްމަން ބުންޏެވެ.

"ބުންޑެސްލީގާ ގައި އޭނާ އަށް ގިނަ ލަނޑުތަކެއް ޖެހޭނެ. އަހަންނަށްކަށް ނޭނގެ އޭނާގެ އަގަކީ ކިހާވަރެއް ކަމެއް. އެކަމަކު އެއީ ބަޔާން އަށް ބޮޑު އަގަކަށް ވާނެ. ކުރިމަގުގައި އަހަރެމެން ބަލާނަން ކިހިނެއް ވަނީ."

ކޭންގެ އެޖެންޓުންނާ ބަޔާނުން ވާހަކަ ދެއްކި ކަމަށް ޖަރުމަންގެ ނޫސްތަކުން އިއްޔެ ރިޕޯޓް ކުރި އެވެ. ބަޔާން އަށް މިދިޔަ އަށް އަހަރު ކުޅުނު ސްޓައިކަރު ރޮބަޓް ލެވަންޑޮސްކީ ވަނީ ބާސެލޯނާ އަށް ބަދަލުފަ އެވެ. އެހެންވެ އެ މަގާމަށް އާ ސްޓައިކަރެއް ހޯދަން ބަޔާނުން ބޭނުން ވެއެވެ.