Roadha Mihaaru
މުއިއްޒުގެ ރަނިންމޭޓަކަށް ހުސައިން މުހައްމަދު ލަތީފް

މުއިއްޒުގެ ރަނިންމޭޓަކަށް ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވައިފި

05 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވައިފި އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނިންމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައި، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އޭނާގެ ޒިންމާ އެއްކަމުގައި ދެކޭ ހިނދު، ރަނިންމޭޓްގެ ގޮތުގައި (ސެންބެ) ހަމަޖައްސަން ނިންމަވާފައިވާ ކަމަށެވެ.

"އެމަނިކުފާނަކީ، ޒުވާން، ތައުލީމީ، ގާބިލު ހިދްމަތްތެރިއެއް،" މުއިއްޒު ވިދާޅުވި އެވެ.

ރަނިންމޭޓެއް ކަނޑައެޅުއްވި ނަމަވެސް، މުއިއްޒު މިއަދު ވެސް ވިދާޅުވީ އުއްމީދު ކުރައްވަނީ ވަގުތު ހަމަވުމުގެ ކުރިން، ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން ކަމަށެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޕީޕީއެމްއިން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމާ ނަމަ، އެހެން ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދޭން އެދިފަ އެވެ.

އެހެންކަމުން މުއިއްޒަކީ މިހާރު "ޕްލޭން ސީ" ކަމަށް ޕީޕީއެމުން ވަނީ އިއްޔެ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ. ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.

އެކަމަކު މުއިއްޒުގެ ޓްވީޓުގައި ވިދާޅުވީ އޭނާއަކީ "ބެކްއަޕް" ކެންޑިޑޭޓު ކަމަށާއި އުއްމީދު ކުރައްވަނީ މި "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހޭނެ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.

ޔާމީންގެ ކެންޑިޑެންސީއާ ގުޅޭ މައްސަލާގެ އަޑުއެހުންތައް އިއްޔެ ހަވީރުން ފެށިގެން ރޭގަނޑު ވެސް ކުރިއަށް ގެންގޮސް ވަނީ ނިންމާލައިފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.