Roadha Mihaaru
މުއިއްޒަށް ދެ ޕާޓީގެ ލީޑަޝިޕުން މަރުހަބާ ކިޔައިފި

ފޯމު ހުށަހެޅުމާއެކު މުއިއްޒަށް ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން މަރުހަބާ ކިޔައިފި

07 އޯގަސްޓް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުކުރެއްވުމާ ގުޅިގެން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ކޯލިޝަން ލީޑަޝިޕުން މިއަދު މަރުހަބާ ކިޔައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުކުރެއްވުމާ ގުޅިގެން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ކޯލިޝަން ލީޑަޝިޕުން މިއަދު މަރުހަބާ ކިޔައިފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަށް ފަހު މިއަދު ހެނދުނާ ހަމައަށް ވެސް ޔާމީންގެ ވިސްނުންފުޅު ހުރީ ދެ ޕާޓީން ވެސް އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. އެއާއެކު މުއިއްޒުގެ ފޯމު ހުށަހެޅުމާމެދު ވެސް ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތައް ހުއްޓެވެ.

ނަމަވެސް މިއަދު ހެނދުނު މުއިއްޒާއި ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގެ އަށް ވަޑައިގެން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އޭނާގެ އަރިހުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވެސް ވަޑައިގަތެވެ.

ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ފުރިހަމަ ތާއީދާ އެކު ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ ވިސްނުންފުޅު ބަދަލުކުރެއްވީ އެއީ ރައްޔިތުން ދެކެ ލޯބިވާ ރައީސަކަށް ވާތީ ކަމަށެވެ.

"ޕީޕީއެމްގެ ބިޔަ ލަޝްލަރު ފޫގަޅައިގެން މި ނުކުތީ އެ ދެ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރަން،" މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައި ޣައްސާން ވިދާޅުވި އެވެ.

މުއިއްޒާއި ހުސައިން އަށް ތާއީދުކުރައްވާ ކަން ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖެއްސެވި ޔާމީންގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މިއަދު ހެނދުނު ހާމަކުރެއްވި އެވެ.

"އެންމެ ރަނގަޅު ގޮތަކީ ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރުން، ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވާފައި،" ޖަމީލު ވިދާޅުވި އެވެ.

މުއިއްޒު ވާދަކުރުމާމެދު ޔާމީންގެ ވިސްނުންފުޅު މިއަދު ބަދަލުކުރެއްވީ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެންޑޯޒް ނުކުރައްވާނެ ކަމަށާއި ޕީޕީއެމާއި ޕީއެންސީގެ އެއްބަސްވުން ރޫޅާލާނެ ކަމުގެ އިންޒާރު ވެސް އިއްޔެ ދެއްވުމަށް ފަހުގަ އެވެ.