Roadha Mihaaru
ޔާމީނަށް ދިން އިންޒާރަށް އެއްޗެއްބުނަން މުނާސަބެއް ނޫން

ޔާމީނަށް އިންޒާރު ދިނީ ގާނޫނާ ހަވާލާދީ، އެއްޗެއް ބުނަން މުނާސަބެއް ނޫން: އަދުރޭ

02 ނޮވެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަރެކްޝަނުން ދިން އިންޒާރާ މެދު ޕީއެންސީ/ޕީޕީއެމް އިން އެއްޗެއް ނުބުނީ އެއީ ގާނޫނީ އިމުގެ ތެރެއިން ދީފައިވާ އިންޒާރެއް ކަމަށްވުމުން ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަރެކްޝަނުން ދިން އިންޒާރާ މެދު ޕީއެންސީ/ޕީޕީއެމް އިން އެއްޗެއް ނުބުނީ އެއީ ގާނޫނީ އިމުގެ ތެރެއިން ދީފައިވާ އިންޒާރެއް ކަމަށްވުމުން ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ އަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ކުރައްވާ ދަތުރުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް ކަރެކްޝަނުން އިންޒާރު ދީފައިވަނީ ޖަލުތަކުގައި ޕެރޯލް ގާނޫނާ ހަވާލާދީފައި ކަމަށާއި އެހެންވީމަ އެއަށް ޕާޓީން އެއްޗެއް ބުނުމަކީ އެހާ މުނާސަބު ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީނަށް މި ސަރުކާރުން ދެމުން މިދަނީ ގަސްދުގައި ރާވައިގެން ދެމުންދާ އަނިޔާއެކޭ. ކުރިން ވެސް މިހާރު ވެސް ބުނާ ވާހަކަ އެއީ. މިހާރު ވެސް ގަބޫލުކުރާނެ ގޮތް އެއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަބޫލުކުރާ ގޮތަކީ ޔާމީން އަމަލު ކުރައްވާފައިވަނީ ކަރެކްޝަންގެ ލަފާގެ މަތިން ކަމަށާއި ފަހުން އެކަން ބަދަލުކުރީ ކަމަށް ވެދާނެ ކަމަށެވެ.

ޔާމީނަށް ކަރެކްޝަނުން އިންޒާރު ދިނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކުވުމާ ގުޅިގެންނެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުން ޖަލު ބަންދުގައި ހުންނަ މީހަކަށް އެފަދަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެ އެވެ.

ނަމަވެސް، ޔާމީން ގެއަށް ބަދަލުކޮށް ކަރެކްޝަނުން ވަނީ ލުއިދީ، އިގުރާރެއްގައި ސޮއިކޮށްފަ އެވެ. އެ އިގުރާރުގައިވާ ޝަރުތުތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ކަރެކްޝަނުން ބުނެފައިވަނީ ޔާމީނަށް ލުއި ދިން އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަން ފާހަގަކުރެވޭތީ އެއާ އެއްގޮތަށް އަމަލުކުރަން އިންޒާރު ދީފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދިނީ އަންނަ ހުކުރު ދުވަހު، ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނާ އެމަނިކުފާނު ބައްދަލުކުރައްވަން ނިންމަވައި، އެ ސަރަހައްދުގައި ޖަލްސާއެއް ވެސް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

ޕީޕީއެމް އޮފީހުގައި ޔާމީން ބޭއްވެވި ދެ ބައްދަލުވުމަށް ވެސް އެ ޕާޓީ އަދި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިނުވި މައްސަލާގައި ވެސް އަބްދުއްރަހީމް ވަނީ ރައްދު ދެއްވާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ޔާމީން ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިނުވެވުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިވެންޓެއް އެ ގަޑީގައި އޮތުމުން ކަމަށެވެ.

އަދި ދެވަނަ ބައްދަލުވުމުގައި ބައިވެރިނުވެވުނީ އެ ގަޑީގައި ޑރ. މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަންނަވާތީ، އެއާޕޯޓަށް ދާންޖެހިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ އެއް ފިކުރެއް ކަމަށާއި ޑރ. މުއިއްޒު އިންތިހާބުގައި ވާދަކޮށް، މިހާރު ވެސް މަސައްކަތް ކުރައްވަމުން ދަނީ ޔާމީންގެ ލަފާއާ އެއްގޮތަށް ކަމަށެވެ.