Roadha Mihaaru
އަދުރޭ ވިދާޅުވީ 2ވަނަ ބުރުގައި 60 ޕަސެންޓް ހޯދާނެ ކަމަށް

ސަރުކާރަށް ދަށް ނަތީޖާ ލިބުނު ސަބަބުތަކާ އެކު އަދުރޭ ވިދާޅުވީ ދެވަނަ ބުރުގައި 60 ޕަސެންޓް ހޯދާނެ ކަމަށް

10 ސެޕްޓެމްބަރ 2023

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ފޯރި ނަންގަވައި، އެ އިންތިހާބުގައި ސަރުކާރަށް ދަށް ނަތީޖާއެއް ލިބުނު ސަބަބުތައް އިދިކޮޅު ކޯލިޝަން ހިންގުމުގައި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާޓިފިޝަލް ބީޗުގައި ބޭއްވި "ޝުކުރިއްޔާ ދިވެހީން" ޖަލްސާގައި އިދިކޮޅުގެ އެތައް ސަތޭކަ ސަޕޯޓަރުންތަކެއް ބައިވެރިވެ، މުޅި އެ ސަހަރައްދު އޮތީ ފުރާލައިފަ އެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅުން އިއްޔެ ހޯދި ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތީ މިހާރު ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެހެންވެ، އެ މަނިކުފާނަށް ވަރަށް ބޮޑު ޝުކުރެއް ހައްގުވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފުގެ ދެކަނބަލުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ސަރުކާރަށް ނޫނެކޭ ބުނި އެންމެ ބޮޑު އެއް ސަބަބަކީ، އަދުރޭ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމެވެ. އިންޑިއާއާ އެކު ސަރުކާރުން ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހަދައިގެން ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ފަރުތަކާއި ބިންތައް އަދި ދިވެހިންގެ ހަރު މުދާ ވިއްކުމުގެ ތުހުމަތަކީ ވެސް ސަރުކާރުގެ ބަލިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތޭ ކިޔާ އެ ހިޔާނާތް ބަލަން އައި ސަރުކާރުން އެ ހިޔާނާތުގައި ބައިވެރި އެއްވެސް މީހަކަށް އަދަބު ނުދީ، އެކަމުގެ ޒިންމާ ނަންގަވަން ނުޖެހޭ ބޭފުޅަކު އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ޔާމީނަށް ކުރަމުން ގެންދާ އަނިޔާ ތިމަންނަމެން ބަލައެއް ނުގަންނަމޭ: އަދުރޭ
ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދިވެހި ރައްޔިތުން އިއްޔެ ބުނީ މިތާ އަނިޔާވެރިކަން އާންމުވާކަށް ބޭނުމެއް ނޫނޭ. މިތާނގައި ހިޔާނާތާއި ފިތުނަފަސާދަ އުފެދިގެން ދާކަށް ވެސް ބޭނުމެއް ނޫނޭ. ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ނުހޯދި ފަސް އަހަރު ވޭތުވެގެން ދިޔާމަ ކަމަކު ނުދެއޭ،" އަދުރޭ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތޭ ކިޔާ އެ ހިޔާނާތް ބަލަން އައި ސަރުކާރުން އެ ހިޔާނާތުގައި ބައިވެރި އެއްވެސް މީހަކަށް އަދަބު ނުދީ، އެކަމުގެ ޒިންމާ ނަންގަވަން ނުޖެހޭ ބޭފުޅަކު އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ޔާމީނަށް ކުރަމުން ގެންދާ އަނިޔާ ތިމަންނަމެން ބަލައެއް ނުގަންނަމޭ."

އިއްޔެ ބޭއްވި އިންތިހާބުގައި މުއިއްޒަށް ވަނީ 100،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 46 ޕަސެންޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 39 ޕަސެންޓެވެ.

އަދުރޭ ވިދާޅުވީ ބޭރުގެ އެހެން ގައުމެއްގެ ބާރާއި ނުފޫޒު ރާއްޖޭގައި އޮންނަން ދިވެހިން ބޭނުންނުވާ ކަން ވެސް އިއްޔެގެ ވޯޓުގެ ނަތީޖާ އިން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. މި ގައުމުގެ ކަންކަން ނިންމުމުގައި ބޭރުގެ ބަޔަކު ބަސް ބުނާތަން ބަލަން ދިވެހިން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި އިދިކޮޅުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންވާ އަދުރޭ، އާދަމް ޝަރީފް އަދި ގައްސާން މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ދިިވެހިން ބޭނުންވަނީ އިސްލާމް ދީނަށް ކަމޭ ހިތާ އަދުލުވެރިކަން ގާއިމުކުރާ އަދި އެކުވެރިކަމާއި އެއްބައިވަންތައް ބަޔަކު ދިރިއުޅޭ ގައުމެކެވެ. ގާނޫނު ބާރު ހިނގާ ދައުލަތެއް އޮންނަ އަދި ކޮރަޕްޝަނާއި ފަސާދައަށް ފުރުސަތު ނުދޭ ވެރިކަމެކެވެ. ކޮންމެ މީހަކު ކުށެއް ކުރިޔަސް، ހައްގު އަދަބު ދޭ އިންސާފުވެރި ޝަރުއީ ނިޒާމެއް އޮތުމެވެ.

މި ސަރުކާރަށް ދިވެހިން ނޫނެކޭ ބުނީ އެ ކަންކަން ނުކޮށްދެވުމުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައްޔިތުން ބުނީ ރައްޔިތުންގެ ކުރިމައްޗަށް މިފަހަރު ނުކުންނެވި 8 ކެންޑިޑޭޓުންގެ ތެރެއިން ޑރ. މުއިއްޒު، ޕީޕީއެމް/ޕީއެންސީން ރައީސް ޔާމީން ލަފާފުޅާ އެކީގައި ހުށަހެޅުއްވި މެނިފެސްޓޯ ތިމަންނަމެން ބަލައިގެންފީމޭ،" އޭނާ ވިދާޅުވި އެވެ.

"މި ފަހަރު ހިސާބު ދިމާވެއްޖެ ދެއްތޯ، ހިސާބު ދިމާވެއްޖެ. އަޅުގަނޑު މި ދަންނަވަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިންތިހާބު ކާމިޔާބުކުރާނީ 60 ޕަސެންޓް ހޯދައިގެން."

އަދުރޭ ކުރިން ވިދާޅުވި ގޮތުގައި، ފުރަތަމަ ބުރުގައި އެ ޕާޓީ އަށް 45-46 ޕަސެންޓް ލިބޭނެ އެވެ. އެ ހިސާބު ދިމާވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއާ ވާދަކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެހެން ސިޔާސީ ޕާޓީތަކަށް، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒު ވަނީ މިރޭ ގޮވާލައްވައިފަ އެވެ. އެ ދައުވަތަށް އިޖާބަދެއްވުމަށް އަދުރޭ ވެސް މިރޭ އެދިވަޑައިގަތެވެ.