Roadha Mihaaru
ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ދޭން ހިމަނައިފި

ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

08 އޯގަސްޓް 2023

ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ލިބޭގޮތަށް، އެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ލިބޭގޮތަށް، އެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ފުރަތަމަ ބައި، "އުފާވެރި ދިރިއުޅުން" ރޭ ވަނީ ލޯންޗުކޮށްފަ އެވެ. އެ މެނިފެސްޓޯގައި، ތައުލީމާއި ސިއްހަތާއި އަންހެނުން އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކޮށްދޭނެ ކަންތައްތައް ހިމަނާފައި ވެ އެވެ.

ސިއްހަތާ ބެހޭ ބައިގައި ބުނީ ދަރިމައިވުމުގެ ފަރުވާއަށް ބޭނުންވާ ސްޕެޝަލިސްޓް ހިދުމަތްތައް ގާއިމްކޮށް، އޭގެ ފަރުވާގެ ކަވަރޭޖް ބޮޑުކުރާނެ ކަމަށެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން، މެނިފެސްޓޯ ތައްޔާރުކުރުމުގައި އިސްކޮށް އުޅުއްވި ޑރ. އައިޝަތު ޝަފިނާ "މިހާރު" އަށް ވިދާޅުވީ ދަރިމައިވުމުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް މިހާރު ވެސް އެންސްޕާއިން ދެކޮޅު ޓިކެޓާއެކު 500 ޑޮލަރު ދޭ ކަމަށެވެ.

ރާއްޖޭގައި ލިބޭ ފަރުވާތަކަށް ވެސް ހަމަ އެއާ އެއްވަރުގެ އެހީއެއް އެންސްޕާއިން ދެ އެވެ.

ނަމަވެސް، ޝަފީނާ ވިދާޅުވީ ކުރިއަށް އޮތް ޕްލޭނަކީ ދަރިމައިވުމުގެ ފަރުވާތައް އާސަންދައިގެ ދަށަށް ބަދަލުކޮށް، އޭގެ ކަވަރޭޖު ބޮޑުކުރުމާއެކު ރާއްޖޭގައި އެ ފަރުވާތައް އިތުރުކުރުން ކަމަށެވެ.

ގުދުރަތީ ގޮތުން ދަރިން ނުލިބޭނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރާއެކު އެ ތަނުން ވަނީ އައިވީއެފް އަދި އައިޔޫއައި ހިދުމަތް ވެސް ފަށައިފަ އެވެ. ނަމަވެސް، އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެ އެވެ.