Roadha Mihaaru
އިކުއެޑޯގެ އުންމީދީ ރިޔާސީ ކެންޑިޑޭޓް އަވަހާރަކޮށްލައިފި

އިކުއެޑޯގެ އުންމީދީ ރިޔާސީ ކެންޑިޑޭޓް އަވަހާރަކޮށްލައިފި

10 އޯގަސްޓް 2023

ކުއިޓޯ (އޯގަސްޓް 10) - އިކުއެޑޯގައި މި މަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ އުންމީދީ ކެންޑިޑޭޓް، ފެރެނަންޑޯ ވީޔަވީސެންސިއޯގެ އިސްތަށިފުޅަށް ބަޑި ޖަހައި އިއްޔެ އަވަހާރަކޮށްލައިފި އެވެ.

ކުއިޓޯ (އޯގަސްޓް 10) - އިކުއެޑޯގައި މި މަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ އުންމީދީ ކެންޑިޑޭޓް، ފެރެނަންޑޯ ވީޔަވީސެންސިއޯގެ އިސްތަށިފުޅަށް ބަޑި ޖަހައި އިއްޔެ އަވަހާރަކޮށްލައިފި އެވެ.

އޭނާ އަށް ހަމަލާ ދިނީ ވެރިރަށް ކުއިޓޯގައި އިއްޔެ ހަވީރު ބޭއްވި ކެމްޕޭން އެއްވުމެއް ނިންމަވާފައި ގެކޮޅަށް ވަޑައިގަތުމަށް ކާރަށް އަރައިވަޑައިގެންނެވި ތަނުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ މަންޒަރުތަކުން ފެންނަނީ، ސްކޫލެއްގެ ތެރެއިން ހަށިފާރަވެރިންނާ އެކު ފެރެނަންދޯ ނުކުމެވަޑައިގެން މަގުމަތީގައި އޮންނަ ކާރަކަށް އަރާވަޑައިގަންނަވާ ތަނެވެ.

ކާރަށް އަރާވަޑައިގެންނެވި ތަނާ ވަރަށް ކައިރިން މީހަކު ފިސްތޯލަ ޖަހާ އަޑު އިވެ އެވެ. ދެ ވަޒަން ފޮނުވައިލި އަޑާއެކު، ހަށިފާރަވެރިން ކާރުގެ ދޮރު ލައްޕައި ރައްދު ހަމަލާ ދިނެވެ. ހަމަލާ ދިން މީހާގެ ބާރު ކަނޑުވައިލެވުނު އިރު، ފެރެނަންދޯގެ އިސްތަށިފުޅަށް ހަތަރު ވަޒަން އަރައިފި އެވެ.

ފެރެނަންދޯ އަށް ހަމަލާ ދިން މީހާ އާއި ހަށިފާރަވެރިންނާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކުގައި، ހަމަލާ ދިން މީހާގެ ގަޔަށް ވަޒަން އަރައިގެން އޭނާ ވެސް މަރުވި އެވެ. ދެ ފަރާތުގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި އެ ސަރަހައްދުގައި ތިބި ބައެއް އާންމުންގެ ގަޔަށް ވަޒަން އަރައި ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ނަމަވެސް އިތުރު މީހަކު މަރެއް ނުވެ އެވެ.

މި ހަމަލާ ކުށްވެރި ކުރައްވައި އިކުއެޑޯގެ ރައީސް ގިއަރްމޯ ލާސޯ ވިދާޅުވީ އެކަމުގެ ފަހަތުގައި ތިބި ބަޔަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.

"އޭނާގެ ހަނދާނަށްޓަކައި އަދި އޭނާ ރައްޔިތުންނަށްޓަކައި އެ ކުރެއްވި މަސައްކަތަށްޓަކައި، އަހަރެން މި ޔަގީންކޮށް އަރުވަނީ، އެ ނުބައި ޖަރީމާއަށް އަދަބު ނުލިބި ނުދާނެކަން. ރާވައިގެން ހިންގާ ޖަރީމާތައް މިހާރު މާ ދުރަށް ހިނގައްޖެ. ނަމަވެސް އެމީހުންގެ މައްޗަށް ގާނޫނުގެ ފުރިހަމަ ބާރު ހިނގާނެ،" ރައީސް ގިއަރްމޯ ލާސޯ ވިދާޅުވި އެވެ.

ފެރެނަންދޯގެ ކެމްޕޭން އެޑްވައިޒަރު ޕެޓްރީޝިއޯ ވިދާޅުވި ގޮތުގައި ބަޑީގެ ހަމަލާއެއްގައި ފެރެނަންދޯ އަވަހާރަކޮށްލީ، ކޮން ބައެއްކަން ނޭނގޭ ބަޔަކު ތަކުރާރުކޮށް އޭނާ އަށް ދިން މަރުގެ އިންޒާރުތަކަކަށް ފަހު އެވެ. އެ އިންޒާރުތަކުގެ މައުލޫމާތު ގައުމުގެ ސަލާމަތީ އިދާރާތަކާ މީގެ ކުރިން ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަވަހާރަކޮށްލީ ފެރެނަންދޯއަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރެކެވެ. އަދި ސަރުކާރުގެ ތެޔޮ ކުންފުނީގެ ބޯޑުގައި މަސައްކަތު މީހުންގެ ޔޫނިއަން ތަމްސީލު ކުރެއްވުމަށް ފަހު، ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.