Roadha Mihaaru
ޔާމީންގެއިރު މަސްވެރިކަން އޮތީ އަނދަވަޅެއްގައި: ސައުދު

ޔާމީންގެ ވެރިކަން ނިމުނުއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ އަނދަވަޅެއްގައި: ސައުދު

10 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ވަކިކުރި ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސައިން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ގއ. ވިލިނގިލިން އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ވަކިކުރި ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސައިން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ސައުދު ޕީޕީއެމުން ވަކިކުރީ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުން ކުރި ބައެއް ކަންކަމަށް ފާޑުވިދާޅުވުމުންނެވެ. އޭގެ ފަހުން އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް މިރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ސައުދު ވިދާޅުވީ، ދިވެހި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޒިންމާ ވާން ޖެހޭނީ މި ސަރުކާރުން ނޫން ކަމަށެވެ. އެ ސިނާއަތް މިއަދު އެ ހާލަތަށް ދުއްވާލުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ސަރުކާރުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ ބާނާ މަސް ކިރޭނެ ގޮތެއް ނެތުން ކަމަށެވެ.

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މި ފަސް އަހަރާ ހަމައަށް އައިރު 1996 ގައި ހުޅުވުނު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރު ނުވެ 27 އަހަރު ވެގެން ދިޔައިރު، މިއަދާ ހަމައަށް އެކަން ނުވެ އޮތުމަކީ މި ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އޮތީ އަނދަވަޅެއްގެ ތެރޭގައި."

ޔާމީންގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ނުދީ ބިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ސައުދު ވިދާޅުވި އެވެ.

"މަސްވެރިން ދިޔައީ ސަލާން ޖަހަމުން، ލާރިކޮޅު ކޮބާހޭ ކިޔަމުން،" އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 2018 ގައި ފެށިއިރު، އަހަރެއްގެ މައްޗަށް މަސް ގަނެވޭ ކެޕޭސިޓީއަކީ 29،000 ޓަނުގެ މަހެވެ. އެކަމަކު މި ފަސް އަހަރު ނިމޭއިރު އެ އަދަދު ހުރީ 70،000 ޓަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭނި ވަރަކަށް މަސް ކިރޭނެ ކެޕޭސިޓީ މިހާރު އެބަހުރި: މެމްބަރު ސައުދު
ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި އިން އުމުރުން ދުވަސްވީ މީހެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި އިން އުމުރުން ދުވަސްވީ މީހެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ބޭނި ވަރަކަށް މަސް ކިރޭނެ ކެޕޭސިޓީ މިހާރު އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މަސްވެރިން އެދޭ ކަންތައްތައް ކޮށްދެނީ މި ސަރުކާރުން ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ކޫއްޑު އަށް ނާންނަން ވަރުގެ ތަރައްގީއެއް މި ސަރުކާރުން ގެނެސްދީފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުންވަނީ މަސްވެރިންގެ އެއްބާރުލުން ކަމަށެވެ. މި ސިނާއަތް އިތުރު ހަރުފަތަކަށް ގެންދެވޭނެ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށާއި މަސްއޮޑިތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އެހީ އާއި ލޯނު މި ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.