Roadha Mihaaru
އިހަވަންދިއްޕޮޅު އިގްތިސާދު ބަދަލުކޮށްލާނެ: ފައްޔާޒް

އިހަވަންދިއްޕޮޅު ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލާނެ: ފައްޔާޒު

11 އޯގަސްޓް 2023

ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ހަދާ އިންޓަނޭޝަނަލް ބަންކަރިން ހިދުމަތަކީ މުޅި އިގްތިސާދު ބަދަލުކޮށްލާ ވަރުގެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ހަދާ އިންޓަނޭޝަނަލް ބަންކަރިން ހިދުމަތަކީ މުޅި އިގްތިސާދު ބަދަލުކޮށްލާ ވަރުގެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ، ޓޫރިޒަމަކީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށް ވިޔަސް، އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިން ހިދުމަތަކީ ޓޫރިޒަމް ފަދައިން، ރާއްޖޭގެ އިގްތިސާދަށް ބޮޑު އާމްދަނީއެއް ވަންނާނެ ދާއިރާއެއް ކަމަށެވެ. އެހެންވެ، އިގްތިސާދު ޑައިވާސިފައި ކުރުމަށް މިއީ ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މި މަސައްކަތް އެންމެ ފުރަތަމަ ފެށި އިރު މިއީ އެހާ ފީޒަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ލަފާދިން ނަމަވެސް، މިކަން އަލުން ކުރުމަށް ނިންމީ، މިއީ ރާއްޖެއަށް ބޮޑު ބަދަލެއް ގެނެވޭނެ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ދެކޭތީ ކަމަށެވެ. އޭނާ ވިދާޅުވީ، ވަރަށް ދުވަހުގެ މަސައްކަތުން، މިކަން ބަޔަކާ ހަވާލުކޮށް، ވީހާ ވެސް އަވަހަކަށް މި ޕްރޮޖެކްޓް ފެށުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ.

އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އެސްޓީއޯ

އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އެސްޓީއޯ

އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް ރޭ އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. ޔޫސީސީ އަކީ ގަތަރުގައި ބިޔަ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ އެއް ކުންފުންޏެވެ.

ފައްޔާޒު ވިދާޅުވީ، އިހަވަންދިއްޕޮޅުގެ ތަރައްގީ ފެށުމާ އެކު އުތުރު ސަރަހައްދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ނޯތަކީ އިގްތިސާދީ ހަބެއްގެ ގޮތުގައި ގާއިމް ކުރެވި، ހާއްސަކޮށް ޓްރޭޑިންއާ ގުޅޭ ކަންތައްތަކެއް އިހަވަންދިއްޕޮޅުގައި ކުރުމާއި، މެނުފެކްޗަރިން އާއި އަދި އެއާ ގުޅުން ހުރި އެތައް ކަމެއް މުޅިން އަލަށް ތައާރަފް ކުރުން،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، މި މަސައްކަތް ފެށުމުގައި އެސްޓީއޯއާ އެކު މަސައްކަތް ފެށި ނަމަވެސް، އަމާޒަކީ ކުރިއަށް އޮތް ތަނުގައި ބޭރުގެ ވިޔަފާރިތަކާއި ރާއްޖޭގެ ޕްރައިވެޓް ސެކްޓާތަކުގެ ވިޔަފާރިތައް ވެސް މިކަމުގައި ބައިވެރިކުރުން ކަމަށެވެ.