Roadha Mihaaru
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!

ޒަރޫރީ ބޭނުންތަކަށް މާލެ ދަތުރު ކުރާ ފަރާތްތަކަށް މޯލްޑިވިއަން އިން ހާއްސަ އަގުތަކެއް

15 ޖޫން 2024

ބޮޑު އީދު ބަންދާ ދިމާކޮށް މާލެ އަންނަ ފަރާތްތަކަށް ހާއްސަކޮށް މޯލްޑިވިއަން އެއާލައިނުން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޮޑު އީދު ބަންދާ ދިމާކޮށް މާލެ އަންނަ ފަރާތްތަކަށް ހާއްސަކޮށް މޯލްޑިވިއަން އެއާލައިނުން ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ އެއާލައިނުން ބުނީ، ހާއްސަ ރޭޓުތަކުގައި މޯލްޑިވިއަން ދަތުރުކުރާ ގިނަ މަންޒިލްތަކަކަށް ޓިކެޓް ލިބޭނެ ކަމަށެވެ.

އަޟްހާ އީދާ ދިމާކޮށް މިފަދަ ޕްރޮމޯޝަނެއް ފެށީ، އާންމުންނަށް ވީހާ ވެސް ފަސޭހަކަމާ އެކު، ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި ޒަރޫރީ އެކި ބޭނުންތަކުގައި މާލެ އަންނަ ފަރާތްތަކަށް ހެޔޮ އަގެއްގައި މާލެ އާދެވޭނެ ގޮތްތައް ފަހި ކޮށްދިނުމަށް ކަމަށް އެ އެއާލައިނުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް މާލެ އަށް އަންނަ މީހުންނާއި މި މަހުގެ 17 އިން 24 ގެ ނިޔަލަށް މާލެއިން ރިޓާން ދަތުރު ކުރާ މީހުންނަށް ހާއްސަ ފެއާ ރޭޓުތަކުގައި ޓިކެޓް ލިބޭނެ އެވެ.

ހާއްސަ ފެއާ ރޭޓުތަކުގެ އަގު އުޅެނީ 1،200ރ. އިން ފެށިގެން 750ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެކި މަންޒިލްތަކުގެ ޓިކެޓަށް ކަނޑައަޅާފައިވަނީ އެކި އަގުތަކެވެ.

އެންމެ ކުޑަ އަގެއްގައި ދަތުރު ކުރެވޭނީ ބ. ދަރަވަންދު އަށެވެ. އެ ރަށަށް ދަތުރު ކުރެވޭ އެންމެ ކުޑަ އަގަކީ 749ރ. އެވެ. އޭގެ އިތުރުން އައްޑޫ ގަމަށް 1،222ރ. ގައި ދަތުރު ކުރެވޭ އިރު ފުވައްމުލަކަށް 1،155ރ. ގައި ދަތުރު ކުރެވޭނެ އެވެ. ކުޅުދުއްފުއްޓާއި ހަނިމާދު އާއި ތިމަރަފުއްޓާއި ކޫއްޑު އަށް ދާން 1،111ރ. ޓިކެޓް ލިބޭނެ އެވެ.

މި ފެއާ ރޭޓުތައް ލިބޭނީ ލިމިޓެޑު އަދަދަކަށެވެ. އެހެންވެ، ވީހާ ވެސް އަވަހަށް ޓިކެޓް ބުކިން ހަމަޖެއްސުމަށް މޯލްޑިވިއަން އިން އެދެ އެވެ.

ކޮންމެ އީދަކާ ދިމާކޮށް ވެސް މޯލްޑިވިއަންގެ ދަތުރުތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވެ އެވެ. މި ފަހަރު ވެސް ވަނީ އީދަށް ހާއްސަކޮށް 100 އަށް ވުރެ ގިނަ ދަތުރު އިތުރު ކޮށްފަ އެވެ.

ޑޮމެސްޓިކް ދަތުރުތައް ކުރުމަށް އެ އެއާލައިންގެ ފްލީޓުގައި 15 ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް އާއި އޭޓީއާރްގެ ބޯޓުތައް ވެސް ހިމެނެ އެވެ. މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ ފްލީޓު އިތުރު ކުރުމަށް މިހާރު ވެސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.