Roadha Mihaaru
ބޯންމެރޯ ހިލޭ ހެދޭ ގޮތް ހަމަޖައްސައިދޭންނަން: މުއިއްޒު

ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތަށް ހިލޭ ބޯންމެރޯ ހެދޭ ގޮތް ހަމަަޖައްސައިދޭނަން: މުއިއްޒު

14 އޯގަސްޓް 2023

ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި، ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަަޖައްސައިދޭން، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި، ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަަޖައްސައިދޭން، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހއ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުގައިި، މި އަތޮޅު އުތީމަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނައިރު، އެ ކުދިންގެ ފަރުވާއަށް ވެސް ހަރުދަނާ ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުން އެހީ ދީގެން ބޯންމެރޯ ހެދޭނެ ގޮތް ހަމަޖެއްސި އެވެ. ނަމަވެސް، ފަހުން އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަކަށް ނުދިޔަ އެވެ.

އުތީމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދެއްކި މީހަކު ވެސް ވަނީ މި ރަށުގައި ހުރި ތެލެސީމިއާގެ ހަމައެކަނި ކުއްޖާއަށް ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

"ތެލެސީމިއާ މައްސަލަ ހުންނަ ކުދިން ވަރަށް ގިނަ. އެއީ ސަރުކާރުގެ ނިޒާމުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޒަކާތު ފަންޑުގެ ތެރެއިން ބޯންމެރޯ ޓްރީޓްމަންޓުގެ މަސައްކަތް ކޮށްދެއްވި. އެހެން ނަމަވެސް، ވަރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި، ނިޒާމުގެ ތެރެއިން ކުރެވޭ ކަމަކަށް އެކަން ބަދަލުކުރަންޖެހޭ." ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ، މި ރަށުގައި ހުރި ކުއްޖާއާ އަދި އޭގެ އިތުރަށް މުޅި ރާއްޖޭގައި ވެސް ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަސައްކަތް ސަރުކާރުން ހިލޭ ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރާނަން."

އެކަންކަމުގެ އިތުރުން މުއިއްޒު ވިދާޅުވީ މި ރަށުގެ ބަނދަރު ބޮޑުކޮށްދިނުމާއި ބަންޑާރަ މިސްކިތް މަރާމާރުކޮށް ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

ގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމާއެކު، ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށް ވާތީ މި ރަށުގައި ސްޓޭޓް ހައުސް ނުވަތަ ރަށްވެހިގެއެއް ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޓީއެމް އަކީ އަސާސީ ކަމަކަށް ވާތީ، މުއިއްޒު ވަނީ އޭނާ ހޮވިވަޑައިގެންފިނަމަ އުތީމުގައި އޭޓީއެމް މެޝިނެއް ބަހައްޓައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.