Roadha Mihaaru
މުއިއްޒުގެ 100 ދުވަހުގެ ޕްލޭން މިރޭ ނެރެނީ

މުއިއްޒުގެ 100 ދުވަހުގެ ޕްލޭން މިރޭ ނެރެނީ

15 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުގެ ޕްލޭން މިރޭ އިއުލާން ކުރުމަށް ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުގެ ޕްލޭން މިރޭ އިއުލާން ކުރުމަށް ނިންމައިފި އެވެ.

ފުރަތަމަ 100 ދުވަހު އިސްކަންދޭނެ ކަންކަމާއި ތަންފީޒުކުރާނެ ސިޔާސަތުތައް ހިމަނާފައިވާ މި ޕްލޭން ނެރުމަށް ހަމަޖެހިފައިވަނީ މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

އަންނަ ހުކުރު ދުވަހު ވެރިކަމަށް ވަޑައިގަންނަވާ މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ވިދާޅުވެފައިވަނީ ބޯހިޔާވަހި ކަމަށެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް އެފަދަ މަޝްރޫއުތައް އިއުލާން ކުރަން ޕްލޭން ކޮށްފައިވެ އެވެ.

ބޯހިޔާވަހިކަަމަށް މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ޕްލޭނަކީ ފުށިދިއްގަރު ފަޅު ހިކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެކަމަށް ފައިސާ ވަނީ ހިމަނައިފަ އެވެ.

ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ އިތުރުން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ކެމްޕެއިންގައި ހުރިހާ ރަށެއްގައި އަދި ހުރިހާ ހަފުލާއެއްގައި ދެއްކެވި ވާހަކަތާއި މުހިންމު ވައުދުތައް ހިމަނައި ފޮތެއް ނެރޭނެ އެވެ.

އެއީ، އެމަނިކުފާނު ދެއްކެވި ވާހަކަތަކާއި ވައުދުތައް އަބަދުވެސް ރައްޔިތުންނަށް ފެންނާނެ ގޮތަށް ބޭއްވުމަށް ކަމަށާއި އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.